Roadha Mihaaru
ކުޅުންތެރިން ނެގުމުގައި ތަފާތުކުރުމަކީ ވެސް ކޮރަޕްޝަނެއް

ކުޅުންތެރިން ނެގުމުގައި ގެންގުޅޭ ތަފާތުކުރުމަކީ ވެސް ކޮރަޕްޝަނެއް: ތޮލާލް

11 ސެޕްޓެމްބަރ 2024

ގައުމީ ޓީމަށް ކުޅުންތެރިންނާއި އޮފިޝަލުން ނެގުމުގައި ގެންގުޅޭ ތަފާތުކުރުންތަކަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށް އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓީމަށް ކުޅުންތެރިންނާއި އޮފިޝަލުން ނެގުމުގައި ގެންގުޅޭ ތަފާތުކުރުންތަކަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށް އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮލާލް ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާއާ ގުޅުން ހުރި މައްސަލަތަކެއް ނޫން ކަމަށެވެ.

"ކޮރަޕްޝަން އެކުލެވިގެން ވަނީ ހަމައެކަނި ފައިސާގެ (މައްސަލަތަކުގައި) ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އޭގެ ތެރޭގައި އިދާރީ ގޮތުން އެސޯސިއޭޝަންގެ އެކިކަންކަމުގައި މީހުން ހޮވުމާއި، ކުޅުންތެރިން ކަންކަމަށް ހޮވުމާ އޮފިޝަލުން ނެގުމުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިމެނިގެންދާނެ،" ތޮލާލް ވިދާޅުވި އެވެ.

"އެހެންވީމާ އެސޯސިއޭޝަންތަކުގެ އެތެރޭގައި ހުރި ހިންގާ ގަވާއިދާއި އަދި އެސޯސިއޭޝަންގެ ސިލެކްޝަން ކްރައިޓީރިއާ، ސުލޫކީ މިންގަނޑު އަދި މިނޫނަސް ކަމާ ގުޅުން ހުރި ގަވާއިދުތައް ބަލައި އެ ގަވާއިދުތައް ގެންނަންޖެހޭ ބަދަލުތައް އެސޯސިއޭޝަންތަކާ ވަރަށް ގާތުން މަސައްކަތްކޮށްގެން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށްގެންދަން."

ތޮލާލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ: އޭނާ ވިދާޅުވީ ކުޅިވަރުގެ ނަޒާހާތްތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރަމުންދާކަމަށް --- ފޮޓޯ: ރައީސް އޮފިސް

ތޮލާލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ: އޭނާ ވިދާޅުވީ ކުޅިވަރުގެ ނަޒާހާތްތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރަމުންދާކަމަށް --- ފޮޓޯ: ރައީސް އޮފިސް

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ތޮލާލް ވިދާޅުވީ އެސޯސިއޭޝަންތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރަން މި އަހަރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އެކަންކަމުގައި އެސޯސިއޭޝަންތަކުގެ އެއްބާރުލުން ލިބެމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ލޯންޗު ކުރި ޕްރޮގްރާމް، "ޕަޗަސް" ގެ މަސައްކަތް ތޮލާލް ފާހަގަ ކުރެއްވި އެވެ.

ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯޓްސް (ޕަޗަސް) އަކީ ކުޅިވަރު ދާއިރާގައި ހިނގާ ނުވަތަ ހިނގާފާނެ ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތްކޮށް، ކުޅިވަރަކީ ނަޒާހާތްތެރިކަމާ އެކު ކުރިއަށްގެންދެވޭ ކަމަކަށް ހެދުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.