31 އޯގަސްޓް 2024
އެކްސްކޯގެ ދައުރު ހަމަވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން، ސްޕޯޓްސް ކައުންސިލާ ހަވާލުކުރުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ނިންމެވިތާ، ގިނަ ދުވަސްތަކެއް ނުވެ ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަނުން ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނެވެ. އެ އިންޒާރާ އެކު، ތޮލާލް ހަތިޔާރު ބަހައްޓަވައިފި ނަމަ ކޮރަޕްޝަނާއި ފައިސާ އަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކުގެ ތެރޭގައި ތާށިވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަން ސަލާމަތް ނުކުރެވިދާނެ އެވެ.
އެކްސްކޯގެ ދައުރު ހަމަވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން، ސްޕޯޓްސް ކައުންސިލާ ހަވާލުކުރުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ނިންމެވިތާ، ގިނަ ދުވަސްތަކެއް ނުވެ ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަނުން ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނެވެ. އެ އިންޒާރާ އެކު، ތޮލާލް ހަތިޔާރު ބަހައްޓަވައިފި ނަމަ ކޮރަޕްޝަނާއި ފައިސާ އަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކުގެ ތެރޭގައި ތާށިވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަން ސަލާމަތް ނުކުރެވިދާނެ އެވެ.
ތޮލާލް ނިންމަވާނެ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ސިޓީއާ ގުޅިގެން ތޮލާލްގެ ވާހަކަ ބިނާކުރެއްވީ ޑިޕްލޮމެޓިކްކޮށެވެ.
ބީއޭއެމާ މެދު އޭނާ ނިންމަވާފައިވާ ނިންމެވުން މުރާޖައާ ކުރުމަށް، ބީޑަބްލިއުއެފުން އިލްތިމާސް ކޮށްފައި ވެ އެވެ. އެ ނިންމުން ބަދަލުނުކޮށް ކުރިއަށްދާ ނަމަ އެ ފެޑަރޭޝަންގެ ކައުންސިލަށް ހުށަހަޅައިގެން ރާއްޖެ އަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ސިޓީގައި އިންޒާރު ދީފައި ވެ އެވެ.
މިދިޔަ 10 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން ހައްލު ކުރަން އުޅެ ވެސް ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް ހަމަ މަގަށް އެޅުވޭ ގޮތެއް ނުވި އެވެ. ކޮންމެ ފަހަރަކު ވެސް ފީފާ އިން ދޭ ސަސްޕެންޝަނުގެ އިންޒާރާ އެކު މަސައްކަތް ހިނދިގެން ދަނީ އެވެ.
ކުރީގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް: ވޮލީ އެސޯސިއޭޝަން ރިފޯމް ކުރުމަށް އޭނާ އެކުލަވާލި ކޮމިޓީ އެ އިދާރާއިން އަތް ދޫކޮށްލަން ޖެހުނީ އެފްއައިވީބީން ބަލައިނުގަތުމުން --- ފައިލް ފޮޓޯ: އިމޭޖަސް އެމްވީ
ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަކުން، އެސޯސިއޭޝަނެއްގެ ހިންގުން އެހެން ކޮމިޓީއަކާ ހަވާލު ކުރި އަނެއް އެސޯސިއޭޝަނަކީ ވީއޭއެމް އެވެ. ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް 2019 ގައި ނިންމެވީ، ވީއޭއެމްގައި އޭރު އޮތް އެކްސްކޯގެ ބާރު ކަނޑުވާލައި، ކޮމިޓީއަކާ ހިންގުން ހަވާލުކުރުމަށެވެ. މައްސަލަ އަށް ހައްލެއް ނުލިބި އެ މަސައްކަތުން އަތް ދޫކޮށްލަން ހީނާގެ ކޮމިޓީ އަށް ޖެހުނީ އެވެ. އެކަން ހުއްޓުނީ ހީނާގެ ކޮމިޓީ އަށް އެސޯސިއޭޝަންގެ ހިންގުން ހަވާލުކުރުމަށް ނިންމި ނިމުން ދުނިޔޭގެ ވޮލީގެ ޖަމިއްޔާ (އެފްއައިވީބީ) އިން ބަލައިނުގަތުމުންނެވެ.
ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކުރުމުން ބީޑަބްލިއުއެފުން ވެސް މި އޮތީ ބަލައިނުގަންނަން ނިންމައިފަ އެވެ. ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނީ އެވެ.
ސަސްޕެންޝަނުގެ ބިރާއި އިންޒާރު ނާންނާނެ ގޮތަށް މިކަން ކުރަން ރާއްޖެ އަށް އަދިވެސް ދަހެއް ނުވެ އެވެ. އެސޯސިއޭޝަނަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ހިފާލާ ކޮންމެ ފަހަރަކު، އިންޒާރުގެ ސިޓީތައް އާދެ އެވެ. ކޮންމެވެސް އިންޒާރަކާ ހެދި ސަރުކާރުން ފަހަތަށް ޖެހި، ހުރިހާ ކަމެއް އޮޔާދަނީ އެވެ. މި ނޫން ވަރެއް ރާއްޖެއަކަށް ނުވެ އެވެ.
ތޮލާލްގެ ގާތް މީހަކު ކުރިން "މިހާރު" އަށް ބުނީ އިންޓަނޭޝަނަލް ފެޑަރޭޝަންތަކުން، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުގެ ސިޓީއެއް އެސޯސިއޭޝަންތަކުން ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަން ތޮލާލަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މުބާރާތެއް ޝަރަފުވެރިކޮށްދެއްވަން ތޮލާލް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވަނީ ގާތްގަނޑަކަށް ތިން ދައުރުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާފައި. -- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަން ކޮށްފައި ދިޔަ މީހެއް އެއީ. އޭނާ އަށް ނޭނގި ހުންނާނެތަ މިކަން ހިނގާ ގޮތް؟ ވޯލްޑް އެތުލެޓިކްސް އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ ސިޓީއެއް ހޯދަން ހަދަން ޖެހޭ ގޮތް އެނގޭއިރު، ތޮލާ އަށް އެނގޭނެތާ ދެން އެހެން އެސޯސިއޭޝަންތަކުން ވެސް ހަދާނީ ކިހިނެއް ކަން. އެއީ ކިހާ ފަސޭހަ ކަމެއްކަން،" ތޮލާލްގެ އެކުވެރިޔާ ބުންޏެވެ.
އެކަމަކު ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލު ކުރުމަށް ނިންމުމުގައި، ތޮލާލް ކުރިއަށް ވަޑައިގަތީ މާ ކުރު މަގަކުން ކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެ އެވެ.
ތަޖުރިބާކާރު ސްޕޯޓްސް އެޑްމިނިސްޓްރޭޓަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކުރުމުގެ މަރުހަލާގެ ތެރެއަށް އޮލިމްޕިކް ކޮމިޓީ ވައްދަން ޖެހޭނެ އެވެ.
"ހުރި މައްސަލަތައް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ވޯލްޑް ފެޑެރޭޝަނަށް އަންގަން ޖެހޭނީ. ތިމަންނަމެންގެ ކުޅިވަރުގެ ގާނޫނަކަށް ގަވާއިދުތަކަކަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޮލެއް ނުލަބައޭ. އެހެންވީމާ އެކަމުގައި ވޯލްޑް ފެޑެރޭޝަނުން (މައްސަލަ) ބަލައި ފިޔަވަޅު އަޅައި ދޭން (އޮލިމްޕިކްސް ކޮމިޓީ މެދުވެރިކޮށް) އެދެން ޖެހޭނީ،" ހާމިދު ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުސައްތާރާއީ ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ސްޕޯޓްސް ކޮމިޝަނާ ތޮލާލް: ބީއޭއެމްގެ މައްސަލައިގައި އޮލިމްޕިކް ކޮމިޓީގެ ދައުރު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނޭ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެކަމަކު އެފަދަ އިލްތިމާސްތަކުގައި މީގެ ކުރިން އޮލިމްޕިކް ކޮމިޓީ އޮންނަނީ ފަހަތު ފަޔަށް ބުރަ ވެފަ އެވެ. ސްޕޯޓްސް ކައުންސިލްގެ މިހާރުގެ ޗެއާޕާސަން އާއިޝަތު ސަމާހް، އެކްޓިން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ވީއޭއެމްގެ މައްސަލައިގައި އެފްއައިވީބީން ފިޔަވަޅު އަޅައި ދިނުމަށް އެދި އޮލިމްޕިކް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ އެދިވަޑައިގަތުމަށް، އޮލިމްޕިކް ކޮމިޓީން އެންމެ އެކަށީގެންވާ އިޖާބައެއް ދީފައި ނުވާ މައްސަލަ ވެސް އޭރު ފެންމަތިވި އެވެ. އޭރު އެ އިދާރާގެ ނައިބު ރައީސެއްގެ ގޮތުގައި ތޮލާލް ވެސް ހުންނެވި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން 2022 ގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯގެ ބާރު ކަނޑުވައިލި އެވެ. އެ އިދާރާގެ ހިންގުން އެ ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ވެސް ހަވާލު ކުރި އެވެ.
އެކަމާ ގުޅިގެން ފީފާއިން އިންޑިއާ ސަސްޕެންޑް ކުރި އެވެ. އެކަމަކު ބަރާބަރު 11 ދުވަސް ފަހުން، އިންޑިއާގެ ސަރުކާރުން ބޭނުންވި ބަދަލުތަކާ އެކު، ސަސްޕެންޝަން އުވައިލި އެވެ. އިންޑިއާގެ ސަރުކާރުން ބޭނުންވި އުސޫލުތަކާ އެއްގޮތަށް އެ ގައުމުގެ އެފްއޭ އަލުން ހިނގައި ގަންނަން ފެއްޓި އެވެ. ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މެންބަރުންނަށް ޖެހުނީ އިސްޖަހާލައިފައި ގެއަށް ވަންނާށެވެ.
"އިންޑިއާ އިން ކުޅުނީ (ފީފާ) އާ ނެގޯޝިއޭޓް ކުރާނެ ގޮތް އެނގިގެން. އެއީ އާޓް އޮފް ނެގޯޝިއޭޝަން،" ހާމިދު ވިދާޅުވި އެވެ.
ސްޕޯޓްސް ކޮމިޝަނަރު ތޮލާލް.
ބެޑްމިންޓަން އެސޯސިއޭޝަނުން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ވެރިންގެ ވިޔަފާރި އަށް މަގުފަހިވާ ގޮތަށް އެ އެސޯސިއޭޝަނުގެ ކަންކަން ފަހިކޮށްފައި އޮތުމުން ކުޅުންތެރިންނަށް އިންތިހާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބައެއް ކުޅުންތެރިން ބުނެ އެވެ. އެހެންވެ، ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލާގައި ރާއްޖެ ސަސްޕެންޑް ކޮށްގެން އިތުރަށް ލިބޭނެ މާ ބޮޑު ގެއްލުމެއް ނެތް ކަމަށް އެ ކުޅުންތެރިން ދެކެ އެވެ.
އެ އެސޯސިއޭޝަން އޮތީ، ފުނިޖެހިފައި ހުރި މައްސަލަތަކާ އެކު އެކަންކަން ހައްލުކޮށްގެން ނޫނީ ކުރިއަށް ދެވެން ނެތް ހާލަތެއްގަ އެވެ.
އެ ކުޅިވަރުގެ ހާލަތު ބޮއްސުންލާފައި އޮތް ވަރު ބީޑަބްލިއުއެފަށް ކިޔައިދީ، ސަރުކާރުން ހުށަހަޅާ އިސްލާހުތަކާ އެކު ކުރިއަށް ދިއުމަށް، އެ ފެޑަރޭޝަން އަނބުރާލުމުގައި އޮލިމްޕިކް ކޮމިޓީން ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރަން ޖެހޭކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެ އެވެ.
އިންޑިއާގެ އެފްއޭގެ މައްސަލަ އަށް އެ ގައުމުގެ ސަރުކާރު ކަނޑައެޅި ހައްލުތައް ހޯދަން އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަނުން ވެސް މުހިންމު ދައުރެއް އަދާކުރި އެވެ. ސަސްޕެންޝަން އުވާލައި އިންޑިއާގެ ފުޓްބޯޅަ ހިނގައިގަންނަން ދޮރު ހުޅުވުނީ އެހެންވެ އެވެ. މާނައަކީ ވިސްނުންތެރިކަމާ އެކު، ބައިނަލްއަގްވާމީ އިދާރާތަކާ "ކުޅުމުން" އިންޒާރުތަކަށް ނުސިހި ކުރިއަށް ދެވޭނެ ކަމެވެ.
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފި
ހިންގާގަވާއިދު އިސްލާހުކުރަން ބީއޭއެމަށް އަންގައިފި
ބީއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ތޮލާލް އަންގަވައިފި
ކުޅުންތެރިން ނެގުމުގައި ތަފާތުކުރުމަކީ ވެސް ކޮރަޕްޝަނެއް
ބީޑަބްލިއުއެފުން ރާއްޖެ އަށް އިންޒާރު ދީފި
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެސޯސިއޭޝަންތައް އޮޑިޓްކުރަން މަޖުބޫރު ކުރަނީ
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް