Roadha Mihaaru
ޕީޖީގެ މަގާމަށް ފޮނުއްވީ އައްބާސްގެ ނަން އެކަނި

ޕީޖީގެ މަގާމަށް ފޮނުއްވީ އައްބާސްގެ ނަން އެކަނި

11 ސެޕްޓެމްބަރ 2024

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ހަ ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި ނަމަވެސް އައްޔަންކުރުމަށް ފޮނުއްވީ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސްގެ ނަން އެކަންޏެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފަ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި އެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ މަހުގެ 22 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އޭނާ ވަކިކުރަން ނިންމުމާ އެކު އެވެ.

އެކަމަކު އޭނާގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި، އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެކަމަކު ޝަމީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާގެ ކުރިން އޭނާ ވަނީ ސިޓީ ފޮނުއްވައިފަ އެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.