Roadha Mihaaru
ޕީޖީ އައްޔަން ކުރަން ބުދަ ދުވަހު ޖަލްސާއެއް ބާއްވަނީ

އާ ޕީޖީ އައްޔަން ކުރަން ދައުރުން ބޭރުގެ ޖަލްސާއެއް ބުދަ ދުވަހު ބާއްވަނީ

09 ސެޕްޓެމްބަރ 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު 22 ގަ އެވެ.

އެ މަގާމު ހުސްވެފައި އޮތުމާ ގުޅިގެން ބޭފުޅަކު އައްޔަން ކުރުމަށް އަންނަ ބުދަ ދުވަހު ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕީއެންސީން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ޕީޖީއަކު އައްޔަން ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު މި މަހުގެ 21 އަށް ހަމަވާނެ އެވެ. އެހެންވެ، އޭގެ ކުރިން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައި އެކަން ނިންމާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ދެ ޖަލްސާއެއް ބާއްވާނެ. އެއް ޖަލްސާ ބުދަ ދުވަހު ބާއްވާ ގޮތަށް މިހާރު ހަމަޖެހިފަ އޮތީ،" އޭނާ ވިދާޅުވި އެވެ.

އޭރުގެ ޕީޖީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ މަޖިލީހަށް ލިބިފައި ނުވާތީ އެވެ. އެކަމަކު، ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.

އެ މަގާމު ހުސްވުމާ އެކު، ރައީސް އޮފީހުން ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެ މުއްދަތު ވެސް ހަމަވަނީ އަންނަ ބުދަ ދުވަހު މެންދުރު 12:00 އަށެވެ.

އެހެންވެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށް ބެލެވެނީ އެ ދުވަހުގެ ރޭގަ އެވެ.