Roadha Mihaaru
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި

ބޭރު ފައިސާއިން އާމްދަނީ ލިބޭނަމަ އިންކަމް ޓެކްސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ހަދައިފި

12 ސެޕްޓެމްބަރ 2024

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ޓެކްސް އިދާރާ މީރާ އިން މިއަދު ގަވާއިދު އިސްލާހުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ޓެކްސް އިދާރާ މީރާ އިން މިއަދު ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ އިދާރާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނު ދަށުން ހުށަހަޅާ ޓެކްސް ބަޔާންތައް ޑޮލަރުން ތައްޔާރު ކުރުމަށާއި އެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް ޑޮލަރުން ދައްކާ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ބޭރުގެ ފައިސާ ނަމަ އެ ފަރާތެއްގެ އިންކަމް ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާންތައް އެމެރިކާ ޑޮލަރުން ތައްޔާރު ކުރަން ޖެހޭނެ ކަމަށެވެ. އެފަދަ ފަރާތްތަކުން އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސް ވެސް ދައްކަން ވާނީ އެމެރިކާ ޑޮލަރުން ކަމަށް އެ އިސްލާހުގައި ވެ އެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ނަމަ އެ ފަރާތެއްގެ ފަންކްޝަލް ކަރަންސީއަކީ ބޭރުގެ ފައިސާ ނަމަ ރާއްޖޭގައި ވަޒަންވެރި ވެފައިނުވާ މީހުންގެ ވިތުހޯލްޑިން ޓެކްސް އާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސް ވެސް ދައްކަން ވާނީ ޑޮލަރުންނެވެ.

ވިތުހޯލްޑިން ޓެކްސްތައް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ލާޒިމްވާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ އިންކަމް ޓެކްސް ޑޮލަރުން ނަގަން ގަވާއިދަށް އިސްލާހު ގެނައީ ޑޮލަރުގެ ތާށިކަމާ ގުޅިގެން ކެބިނެޓުން އެކަން އެގޮތަށް ކުރަން މިދިޔަ މަހު ނިންމުމާ ގުޅިގެންނެވެ. ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ވެސް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ކެބިނެޓުގެ އެ ނިންމުމާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިދިޔަ މަހުގެ 25 ގައި ނޫސްވެރިން ގާތު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ވެސް އެ ކުންފުނިތަކުން ޑޮލަރުން ދޭ ކަމަށެވެ. އެކަމަކު ޕެންޝަނަށް ފައިސާ ދައްކަނީ ދިވެހި ރުފިޔާ އިން ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ ކަން ބަދަލު ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

"ޑޮލަރުން މުސާރަ ދޭ ކަމަށް ވަނީ ނަމަ ޕެންޝަން ފައިސާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް އަޅުގަނޑުމެން ކަނޑައަޅާނަން. އެކަން ކުރުމަށްޓަކައި އެމްއެމްއޭ އާއި މީރާއާ މަޝްވަރާކޮށް، ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވަރަށް އަވަސް މުސްތަގްބަލެއްގައި ގެންނާނަން،" ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްފިންއެއްގައި އުޝާމް ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމުގެ އިތުރު ފިޔަވަޅުތައް އަޅަން ވެސް ސަރުކާރާއި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އަންނަނީ މަސަައްކަތް ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުން ނަމަ ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭގެ ގަވާއިދަކަށް އިސްލާހު ގެނައުމެވެ.

މިދިޔަ މަހުގެ 26 ގައި ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށް ބައެއް ރެގިއުލޭޝަންތަކަށް ބަދަލު ގެންނަން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އެއީ އެމްއެމްއޭގެ ރެގިއުލޭޝަނާއި މަނީ ޗޭންޖާސް ރެގިއުލޭޝަން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުން ދެކޭ ގޮތް ވެސް އެމްއެމްއޭއާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް މުއިއްޒު އެ ރޭ ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓާއި ބިޒްނަސް ޕްރޮފިޓް ޓެކްސް އަށް ހާއްސަކޮށް އެމްއެމްއޭ އިން ހަދާފައިވާ ރެގިއުކޭޝަން ވެސް ބަދަލު ކުރާނެ ކަމަށެވެ. އެ ބަދަލު ކުރާނީ ވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ އެކި ކަހަލަ ފޮރިން އިންވެސްޓްތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކުގައި ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށެވެ.

"އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގައި ޑޮލަރު ގިނަ ދުވަސް ވަންދެން ހިފެހެއްޓިގެން ދާނެ. އެ އިން ވެސް ފައިދާ ކުރާނީ ރާއްޖެ އަށް. މި ހިނގާ މަނީ އެކްސްޗޭންޖުތައް ވެސް އޭރުން ބޭންކިން ނިޒާމާ ގުޅިފައި އޮންނާނީ. ބޭންކުތަކުން ދާނީ ގާތުން ބަލަމުން. އޭރުން މިދާ ހައި ރޭޓުތައް [ޑޮލަރު ރޭޓް] އަރައިގެން ނުދާނެ،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަމަށް ވަގުތު ނަގާނެ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ކަންކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.