Roadha Mihaaru

ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން، މިދިޔަ އަހަރު 3.76 ބިލިއަން ރުފިޔާ މީރާއިން ހޯދި

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތައް ހޯދުމުގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަޅާ އެންފޯސްމަންޓު ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.76 ބިލިއަން ރުފިޔާ މިދިޔަ އަހަރު ހޯދާފައިވާކަމަށް ބުނެފި އެވެ.

ދައުލަތަށް ނުލިބިހުރި 3.76 ބިލިއަން މީރާއިން ހޯދި

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތައް ހޯދުމުގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަޅާ އެންފޯސްމަންޓު ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.76 ބިލިއަން ރުފިޔާ މިދިޔަ އަހަރު ހޯދާފައިވާކަމަށް ބުނެފި އެވެ.

މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދައުލަތަށް އެ އޮތޯރިޓީ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި، އަޅައި ފިޔަވަޅުތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.

މިގޮތުން، ޓެކްސް ބަޔާން ހުށަހެޅުމަށް ތަފާތު 52،158 ފަރާތަކަށް ވަނީ އަންގައިފަ އެވެ. އޭގެތެރެއިން، ނޯޓިސް އާ އެއްގޮތަށް އަމަލުކޮށްފައިވަނީ އެންމެ 4،311 ފަރާތަކުން ކަމަށް އަހަރީ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުން ދައްކާ ގޮތުގައި ނޯޓިސް ފޮނުވައިގެން ހޯދި ފައިސާގެ އަދަދު 2.74 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ނޯޓިސް އާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކުގެ ތެރެއިން، ޑިއުޒް ކްލިއަރަންސާއި، ނަން ހާމަކުރުމާއި، ބޭންކް އެކައުންޓު ފްރީޒް ކުރުމާއި ކޯޓަށް ހުށަހެޅުން ފަދަ ގިނަ ފިޔަވަޅުތައް މީރާއިން މިދިޔަ އަހަރު އަޅާފައިވެ އެވެ.

މިގޮތުން ބަލާއިރު، އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ޑިއުޒް ކްލިއަރަންސް އިންނެވެ. އެ ފިޔަވަޅު އަޅައިގެން، 625.7 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ފައިސާ ދައްކަން ހަނދާންކޮށްދީގެން ވެސް 148 ފަރާތަކުން 239.9 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ.

ޖުމްލަ 501 ފަރާތެއްގެ ބޭންކް އެކައުންޓު ފްރީޒްކޮށްގެން އިތުރު 109.4 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކަ އެވެ.

މީގެއިތުރުން، އިންސްޓޯލްމަންޓު ޕްލޭނެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު 1،029 ފަރާތަކަށް މިދިޔަ އަހަރު ހަމަޖައްސައިދީފައިވާ ކަމަށް މީރާއިން ބުނެފައިވެ އެވެ.

މި ފިޔަވަޅުތަކުގެ ތެރެއިން، ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން މިދިޔަ އަހަރު ހޯދުނު ޖުމްލަ ފައިސާގެ އަދަދު 3.76 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މީރާގެ އަހަރީ ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި، މީރާއަށް ޖުމްލަ 28.1 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ބަލައިގަތް 22.77 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.33 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އަދަދަކީ، މިދިޔަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ 9.7 ޕަސެންޓު އިތުރު އަދަދެކެވެ.

އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ، މިދިޔަ އަހަރަށް ލަފާކުރި މިންވަރަށް ވުރެ 38.5 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.