Roadha Mihaaru
ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް

ސަޕްލައި ތާށިވެ ފިޔާ ކިލޯއެއް 50ރ. އިން މައްޗަށް؛ މިއަދު ފިޔާ ލިބެން ފަށާނެ

14 ސެޕްޓެމްބަރ 2024

ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް އަރައިފި އެވެ.

ރާއްޖެއަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިޔަކު ބުނީ، ފިޔާ ބަސްތާއެއް މިއަދު ބާޒާރުގައި ހުރީ، 600ރ. އާއި 750ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. އެކަމަކު ހޯލްސޭލްކުރާ ބައެއް މީހުން ފިޔާ ބަސްތާއެއް 800ރ. އާއި 1،000ރ. އާ ދެމެދުގެ އަގުތަކެއްގައި ވެސް ވިއްކަ އެވެ.

ވަކިން ފިޔާ ކިލޯއެއް އުޅެނީ 45ރ. އާއި 50ރ. އާ ދެމެދުގަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ފިޔާ ބަސްތާއެއް އުޅެނީ 300-400ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބުނެވެ.

މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ފިޔާގެ ސަޕްލައި ތާށިވެ، އޭގެ އަގު މައްޗަށް އެރި އެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފިޔާގެ އަގު އެންމެ މައްޗަށް އެރި އިރު ވެސް ބަސްތާއެއް 500ރ. އަށް ލިބުނެވެ. އެހެންވެ، މިއީ ރާއްޖޭގައި ފިޔާގެ އަގު އެންމެ ބޮޑަށް އުފުލުނު އެއް ފަހަރެވެ.

ފިޔާގެ އަގު އެހާ ބޮޑަށް އުފުލިގެން އުޅެނީ، ޑިމާންޑާ އެއްވަރަށް އިންޑިއާއިން ފިޔާ ނުލިބޭތީ ކަމަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިޔާ ބުންޏެވެ. އާންމުކޮށް ހަފްތާއަކު ތިން ބޯޓުން އިންޑިއާއިން ފިޔާ ރާއްޖެއަށް ގެނެ އެވެ.

އެމްޕީއެލް އިން ބުނީ މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެން ފަށާފައިވާ ކަމަށެވެ. އިންޑިޔާއިން އައި ދެ ބޯޓު ކަމަށްވާ ބުލޫހާ ބޯޓުން 2،980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3،300 ބަސްތާ އާ އެކު ޖުމްލަ 6،280 ބަސްތާ ފިޔާ މިއަދު މާކެޓަށް ނެރޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މާދަމާ ވެސް އިންޑިޔާއިން މާލެއަށް ބޯޓެއް ވަންނާނެ ކަމަށާއި އެއިން ވެސް 3،300 ބަސްތާ ފިޔާ ގެންނާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.