Roadha Mihaaru
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި

ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ އިމާރާތަށް ކުލި ނުދައްކާތީ ކޯޓަށް، އިމްތިޔާޒު އޮތުމުން މައްސަލަ ނުބެލި

15 ސެޕްޓެމްބަރ 2024

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި 92،000 އަށް ވުރެ ގިނަ ޑޮލަރު (1.4 މިލިއަން ރުފިޔާ) ހޯދަން އެ އިމާރާތުގެ ވެރިފަރާތުން ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި 92،000 އަށް ވުރެ ގިނަ ޑޮލަރު (1.4 މިލިއަން ރުފިޔާ) ހޯދަން އެ އިމާރާތުގެ ވެރިފަރާތުން ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގ. ނިއުޝާގޭގެ ތިން ފަންގިފިލާގައި މޭ 1، 2020 އިން ފެށިގެން އޮކްޓޯބަރު 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގި އެވެ. އޭރު އެއީ ކޮންސްޓްރަކްޝަން-ލީސްގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ އިމާރާތެކެވެ. ކުއްޔަށް ހިފުމުގެ މުއާމަލާތް އެމްބަސީން ކޮށްފައިވަނީ އެ ފަރާތާ އެކު އެވެ.

ނަަމަވެސް އޮގަސްޓް 2022 ގައި ގޭގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް އިމާރާތް ބަދަލު ކުރުމަށް ފަހު، މިކަން އެމްބަސީއާ ހިއްސާ ކުރުމުން އެ ތަނުގައި އެމްބަސީ ހިންގަން އިތުރަށް ބޭނުން ނުވާކަން ގޭގެ ވެރިފަރާތަށް އެންގި އެވެ. އެކަމަކު އޮކްޓޯބަރު 2022 އާ ހަމައަށް ވެސް ތަން ހުސްކޮށް، ގޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ނުވާ ކަމަށާއި އެ މުއްދަތުގައި އެމްބަސީގެ މުދާ އެ ތަނުގައި ބަހައްޓައިގެން ބޭނުން ކުރަމުން ދިޔައިރު، ކުލީގެ ގޮތުގައި 42،900 އަށް ވުރެ ގިނަ ޑޮލަރު ދީފައި ނުވާ ކަމަށް ދައުވާގައިވެ އެވެ.

އެ ދައުވާގައި ބުނެފައިވާ ގޮތުން، ކުލީގެ އިތުރުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އޮފީސް ކުއްޔަށް ނެގުމުގެ އެއްބަސްވުން އެމްބަސީން އުވާލާފައިވާތީ ތިން މަސް ދުވަހުގެ ކުލި ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވާއިރު، އެއީ 48،720 ޑޮލަރެވެ، އެހެންވެ، ގޭގެ ވެރިފަރާތުން އެދުނީ ކުލީގެ ފައިސާ އާއި ނޯޓިސް ފައިސާ އާއި ގާނޫނީ ހަރަދާ އެކު 92،000 އަށް ވުރެ ގިނަ ޑޮލަރު ނަގައި ދިނުމަށެވެ.

މި ދައުވާއާ ގުޅިގެން ޔޫއޭއީ އެމްބަސީގެ ފަރާތުން ޖަވާބުދާރީވުމަށް ދައުވާ ފޯމާއި ލިޔުންތައް ފޮނުވަން މަސައްކަތް ކުރި ނަމަވެސް އެ ތަކެތި ރައްދު ކުރެވިފައެއް ނުވެ އެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ގާޒީ ހާފިޒާ އަބްދުއްސައްތާރު އިއްވެވި ހުކުމްގައި ބުނީ، ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. މިފަދަ ތަންތަނާ ގުޅޭ އިމްތިޔާޒުތައް ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާން ކޮށްފައި ވެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނަނީ ދައުވާ ލިބޭ ފަރާތަކީ ގާނޫނެއްގެ ދަށުން މަދަނީ ދައުވާތަކުން އިމްތިޔާޒު ލިބިގެންވާ ފަރާތެއް ކަމަށްވާ ނަމަ ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއް ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

އެހެންކަމުން ހުކުމުގައި ވަނީ ޔޫއޭއީ އެމްބަސީއަކީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ތަނަކަށް ވާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި ވެސް އެ އިމާރާތުގެ ވެރިފަރާތުން އެ އެމްބަސީއާ ދެކޮޅަށް ކުރިން ދައުވާކުރި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ ރާއްޖެއަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބައިވެރިވެފައިވާ ގައުމަކަށް ވާތީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.