Roadha Mihaaru
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު

ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު

16 ސެޕްޓެމްބަރ 2024

އާއިލާގައި ހަގަށް ދެން ތިބި ހަތް މީހުންނަށް ވުރެ ސިއްހީ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވަނީ އަހުމަދު އަފްއާލް އަށެވެ. އެހެންވެ، އެ އެންމެންނަށް ކަމެއް ދިމާވިއަސް އެންމެ ގާތުގައި ހުންނަވާ އެއް ބޭފުޅަކީ، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރުގެ ޒިންމާތައް ވެސް އުފުއްލަވާ އަފްއާލެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއިލާގައި ހަގަށް ދެން ތިބި ހަތް މީހުންނަށް ވުރެ ސިއްހީ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވަނީ އަހުމަދު އަފްއާލް އަށެވެ. އެހެންވެ، އެ އެންމެންނަށް ކަމެއް ދިމާވިއަސް އެންމެ ގާތުގައި ހުންނަވާ އެއް ބޭފުޅަކީ، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރުގެ ޒިންމާތައް ވެސް އުފުއްލަވާ އަފްއާލެވެ.

އެތައް ދުވަހެއް ވަންދެން ސިއްހީ ހިދުމަތުގައި އުޅުއްވިއަސް އަފްއާލަށް މި ފަހަރު ދިމާވީ ވަރަށް ހިތްދަތި ކަމެކެވެ.

ކެންސަރުގައި ބައްޕަ އާއި ކޮއްކޮ އަހަރެއްގެ ތެރޭގައި ނިޔާވުމެވެ.

ބައްޕަ، މުހައްމަދު ރަޝާދު، 70 އަހަރުގައި މިދިޔަ ނޮވެމްބަރު މަހު ނިޔާވީ ކެންސަރު ބަލި ދެނެގަނެވުނުތާ ހަތަރު މަސް ތެރޭގަ އެވެ. އޭގެ ކުރިން ބައްޕަ ގަވާއިދުން ހެދި އެއްވެސް ޓެސްޓަކުން ކެންސަރު ހުރި ކަން ދެނެގަނެވިފައެއް ނުވެ އެވެ. ކުއްލިއަކަށް، އެކަން އެނގުންވީ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ.

އަފްއާލް ވިދާޅުވީ އއ. އަތޮޅުގެ ރަށެއްގައި ހުއްޓައި ބައްޕަ ކުއްލިއަކަށް މާ ބޮޑަށް ބަލިވެ އުޅޭތީ މާލެ ގެނެސް، ހެދި ޓެސްޓުތަކުން އުކުޅުވަޅު ހިސާބުގައި މެޓަސްޓެޓިސް ގްރޯތު ހުރިކަން އެނގުނު ކަމަށެވެ. ބޭރަށް ފޮނުވައިގެން ހެދި ބަޔޮޕްސީން އެނގުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުރި ކަމެވެ.

ކެންސަރުކަން އެނގި ފަރުވާ ހޯދަން ފެށިތާ ހަތަރު މަސް ތެރޭގައި ބައްޕަ ނިޔާވުމަކީ އަފްއާލަށް ކުރިމަތިވި ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ.

އަފްއާލް، އޭނާގެ ބައްޕަ އަދި އެއްބަފާ ކުދިންނާ އެކު.-

އަފްއާލް، އޭނާގެ ބައްޕަ އަދި އެއްބަފާ ކުދިންނާ އެކު.-

އޭރު ކޮއްކޮ އަލީ ޝާރިފް ވެސް ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ. އެކަމަކު ގަވާއިދުން ފަރުވާ ކުރިއަށް ދާތީ އާއި ހާލަތު ވެސް ރަނގަޅުވަމުން އަންނާތީ އެންމެން އެ ވަގުތު އިސްކަންދިނީ ބައްޕައަށެވެ.

"ޒަމާނުއްސުރެ ވެސް ވަރަށް ހެލްތީކޮށް އުޅުއްވި ބޭފުޅެއް ބައްޕައަކީ. ވަރަށް މަސައްކަތުގައި ވަރަށް ފަހާ ޖެހެންދެން ވަރަށް ބުރަކޮށް ޓޫރިޒަމް ދާއިރާގައި އުޅުއްވި. ބައްޕަ އެގޮތަށް ޑައިގްނޮޒްވުމަށްފަހު އަޅުގަނޑުމެންނަށް އެނގުނު މީގައި ވަކި ހިސާބަކުން އިތުރަށް، އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަން. އެ ހިސާބުން ބެލީ ބައްޕައަށް އުފާކޮށްދިނުން. ހުރިހާ އެންމެން ބައްޕައަށް ވަގުތު ދިނުމާއި ބައްޕައަށް ދޭންޖެހޭ އުފާވެރިކަން ދިނުން. އެ ހިސާބުން ބައްޕައަށް އަންޑަސްޓޭންޑުވޭ މި ވަނީ ކީއްކަން. އަޅުގަނޑުމެން ކިޔައި ވެސް ދިނިން މިއީއޭ މީގައި ވާނެ ގޮތަކީ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޕަ ގަވައިދުން ހެދި ޓެސްޓުތަކުގައި ވެސް ކެންސަރުގެ އެއްވެސް ކަމެއް ދެނެނުގަނެވުނީ، ކެންސަރު ހެދިބޮޑުވި އަވަސްމިނުން ކަމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި، އާއިލާގައި ހަތަރު ވަނައަށް ހުންނަ ޝާރިފުއަށް ވެސް ކެންސަރު ޖެހިފައިވާކަން އެނގުނީ ބަލިވެ އުޅޭތީ ހެދި ޓެސްޓުތަކުންނެވެ. އޭނާގެ ފުރަތަމަ އުފެދުނީ ފުއްޕާމޭގެ ކެންސަރެވެ. އިއްޔެ ނިޔާވީ ފާއިތުވި 3-4 މަސް ދުވަހުގެ ތެރޭގައި ހާލަތު ސީރިއަސްވެ، އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

"ވަކި ހިސާބަކުން ރޭޑިއޭޝަން، ކީމޯ ހުރިހާ ޓްރީޓްމަންޓުތަކެއް ވެސް ހެދި. އިންޑިއާގައި ވަކި ހިސާބަކުން ބޭސް ފަރުވާ ކުރަމުން ގެންދިޔަ. ކޮއްކޮގެ ކެންސަރު ވެސް ބޮޑަށް ޕްރޮގްރެސްވީ ބައްޕަ ވެސް ނިޔާވި ފަހުން. ފަހުން އެއްވެސް ކީމޯއެއް، އެކި ކޮމްބިނޭޝަންގެ ކީމޯ ހެދި. އެކަމަކު، އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރޭ. އިންޑިއާގައި ވެސް އެގޮތަށް ބޭސްފަރުވާ ކޮށްފައި ހާލު ދެރަކޮށް ހުއްޓާ، ކޮއްކޮއާ ވެސް ވާހަކަ ދައްކާފައި ނިންމީ ގެންނަން،" އަފްއާލް ވިދާޅުވި އެވެ.

ޝާރިފް: އޭނާ ނިޔާވީ މާލެ އައިސް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް.

ޝާރިފް: އޭނާ ނިޔާވީ މާލެ އައިސް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް.

ކެންސަރުގެ ކުރީކޮޅު ދެނެގަނެވުމުން، ފެނަކައިގެ އެސިސްޓެންޓް ސިވިލް އިންޖީނިއަރަކަށް މަސައްކަތްކުރި ޝާރިފްގެ ފަރުވާ ވެސް ރަނގަޅަށް ކުރިއަށް ގެންދެވި، ހާލަތު ރަނގަޅުވި އެވެ. އަމިއްލައަށް ތެދުވެ، ވާހަކަދައްކައި ސަކަރާތް ޖަހާ އުޅުނެވެ. އެކަމަކު، ދުވަހުން ދުވަހަކަށް ސިއްހަތު ގޯސްވަމުން ދާތީ، ބޭރުގައި ތިބި ކެންސަރު ޑޮކްޓަރުންނަށް ދައްކައި އެ މީހުން ބުނި ތެރަޕީތައް ވެސް ފެށި އެވެ. ނަމަވެސް، ގައިގެ އެތެރޭގެ އިތުރުން ބޭރު ފުށުން ވެސް ކެންސަރު ގްރޯތު ފެންނަ ވަރަށް އެ ބަލި ގޯސްވި އެވެ.

"ވަރަށް ހިތްދަތި ދުވަސްތަކެއް އަސްލު ހުރިހާ އެންމެންނަށް. ބައްޕަ ނިޔާވިތާ އަހަރެއް ނުވަނީސް އެނގޭ މިއީކަން ދެން އަޅުގަނޑުމެން ފޭސްކުރަންޖެހޭނެ ކަމަކީ. ވަރަށް ދަތި، ދެރަވާ ކަމެއް." އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކެންސަރު ވަރަށް އާއްމުވެ، ޅައުމުރުގައި ވެސް އެ ބަލީގައި މަރުވާތަން ފެންނަ ކަމަށެވެ. މިއީ، ދިރިއުޅުމުގައި ހުރި އާދަތައް ބަދަލުކޮށް، ކަސްރަތުކޮށް ދުންފަތާއި ވޭޕްއިން ދުރުވެ، ރަނގަޅު ސިއްހަތެއްގައި ހުންނަން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ކޮންމެ އާއިލާއެއްގައި ވެސް ކޮންމެ ވެސް ހިސާބަކުން މިކަން ތަހައްމަލުކުރަން ޖެހޭ. މިއީ، މުޅި ގައުމުގައި ވެސް އެންމެން ވިސްނައި ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.