Roadha Mihaaru
ކޮމިޓީގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ

17 ސެޕްޓެމްބަރ 2024

މިދިޔަ މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީން، ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ އަށް ތާވަލުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީން، ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ އަށް ތާވަލުކޮށްފި އެވެ.

ފީފާއިން އައްޔަން ކުރި އެ ކޮމިޓީ، އެ އެސޯސިއޭޝަނުގެ ހިންގުމާ ހަވާލުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމިޓީން، ސަރުކާރާއި ކްލަބްތަކާއި ފުޓްބޯޅައިގައި ޝާމިލުވާ އެކި ފަރާތްތަކާ ބައްދަލު ކުރި އެވެ. އަދި އެފްއޭއެމްގެ ފައިސާ އާއި ތަނުގެ ހިންގުން އޮތް ހާލަތުގެ ރިވިއުއެއް ވެސް ހެދި އެވެ.

އެކަމަކު އެ ކޮމިޓީ މަސައްކަތާ ހަވާލުވިތާ، މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، އާންމުންނާ ހަމައަށް އެއްވެސް ކަމެއް ތިލަކުރަން ކޮމިޓީން އިސްވެ މަސައްކަތެއް ކޮށްފައި ނުވުމުން، ފުޓްބޯޅައިގައި އެކި ފަރާތްތަކުގެ ފާޑުކިޔުން އޮތީ ކޮމިޓީ އަށް އަމާޒުވެފަ އެވެ.

މިއަދު، އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން، ޝަރީފް ވަނީ ކޮމިޓީގެ ފުރަތަމަ ޕްރެސް ކޮންފަރެންސަށް ނޫސްވެރިންނަށް ދައުވަތު ދީފަ އެވެ. އެފްއޭއެމް މީޑިއާ ވަޓްސްއެޕް ގުރޫޕަށް ޖައުޝަން ފޮނުވި މެސެޖްގައި ބުނެފައި ވަނީ މާދަމާ ހަވީރު 4:15 އަށް ޕްރެސް ކޮންފަރެންސަށް ދައުވަތު ދޭ ކަމަށެވެ. ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދާނީ، ވަގުތީ އޮފީހެއްގެ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީން ބޭނުން ކުރަމުންދާ، ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގަ އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން؛ ކޮމިޓީގެ މެންބަރު އަހްމަދު މުއިއްޒު، ޗެއާމަން އަހްމަދު ޒުހޫރު، ކޮމިޓީގެ މެންބަރު ފަރީހާ ޝަރީފް، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން؛ ކޮމިޓީގެ މެންބަރު އަހްމަދު މުއިއްޒު، ޗެއާމަން އަހްމަދު ޒުހޫރު، ކޮމިޓީގެ މެންބަރު ފަރީހާ ޝަރީފް، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ

ކޮމިޓީ އަށް ފާޑު ކިޔުން އަމާޒުވި އަނެއް ކަމަކީ، ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ޖައުޝަން ބަހައްޓައިގެން ކުރިއަށް ދާން ނިންމުމެވެ. އެކަމަކު ޖައުޝަން އެ މަގާމުގައި މަޑު ކުރީ ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރާއި ކޮމިޓީގެ އެހެން މެންބަރުންގެ އިތުރުން ފީފާއިން ވެސް އެދިގެން "މި ވަގުތަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި، ނޯމަލައިޒޭޝަން ކޮމިޓީ އަށް އެންމެ ބޮޑަށް ފާޑުކިޔުން އޮއްސާލީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވެ. ކުރީގެ ލީޑާޝިޕުން ބާއްވަން އުޅުނު ދެ އިންތިހާބުގައި ވެސް ތޯރިގު ވާދަކުރުމުން، "ސައްހަ" ކެންޑިޑޭޓެއް ކަމުގެ ޝަރުތު ހަމަނުވާކަމަށް އެފްއޭއެމުން ނިންމި އިރު ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ ޖައުޝަން އެވެ.

ކޮމިޓީ އަށް ފީފާއިން ހަވާލު ކުރި މަސްއޫލިއްޔަތުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ، އެފްއޭއެމްގެ ކުރީގެ ވެރިން ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދުމެވެ. އަދި އެފްއޭއެމްގެ އަސާސީގަވާއިދު އިސްލާހުކޮށް ފުޓްބޯޅަ ހިނގައިގަނެވޭނެ ގޮތް ހަދައިދީ އާ އިންތިހާބަކަށް މަގުފަހިކޮށް ދިނުމަކީ ވެސް ކޮމިޓީގެ މަސްއޫލިއްޔަތެކެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށެވެ.

އެ މަސްއޫލިއްޔަތުތައް ހަވާލުކޮށް ކޮމިޓީއަށް ފަސް މެންބަރަކު ފީފާއިން އައްޔަން ކުރި އެވެ. އެއީ ޗެއާމަން ޒުހޫރުގެ އިތުރުން ބީއޭއެމްލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒާއި މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލް އަހްމަދު އަލީ އަދި މާލީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ސިމަން އެވެ.