Roadha Mihaaru
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"

އޮންލައިންކޮށް ތަކެތި އުފައްދައިގެން ވިއްކާ 400 ވިޔަފާރި އެބައޮތް: ސައީދު

18 ސެޕްޓެމްބަރ 2024

ރާއްޖޭގައި 400 އަށް ވުރެ ގިނަ އޮންލައިން ވިޔަފާރިވެރިން އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ބޭނުންވާ އޮންލައިން އެކްސެސް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި 400 އަށް ވުރެ ގިނަ އޮންލައިން ވިޔަފާރިވެރިން އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ބޭނުންވާ އޮންލައިން އެކްސެސް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ކްރިއޭޓިވް އިކޮނޮމީގެ ސްޓްރެޓެޖީ އާއި ފަންޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ކްރިއޭޓަރުންނާއި އުފެއްދުންތެރިންނަށް ދުނިޔޭގެ އޮންލައިން ޕްލެޓްފޯމުތަކުން ޖާގަ ހޯދައި ދެވިއްޖެ ނަމަ އެ ވިޔަފާރިތަކަށް ފުޅާވާން ވަރަށް ބޮޑަށް ފުރުސަތު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ގޫގުލް އާއި އެމެޒަން އާއި ޔޫޓިއުބް ފަދަ ތަންތަނުން އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކޮށްދޭން ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ޕޭޕަލްއާ އެކު ވެސް މަސައްކަތް ކުރަނީ އެފަދަ ޕްލެޓްފޯމުތަކުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ، ވަރަށް ކައިރި މުސްތަގްބަލެއްގައި ކްރޮސްބޯޑާ ޓްރާންސެކްޝަންތަކަށް ޕޭޕަލް އިން ޖާގަ ދޭނެ ކަމަށް. އެއީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއް. ތިބޭފުޅުން، ފަންނުވެރި ޒުވާނުން، ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރި ކުރާ މީހުން، އިންތިޒާރު ކުރަމުން އަންނަ ކަންތައްތަކެއް ވީމާ ތަކުރާރުކޮށް އެ ވާހަކަ ދައްކަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭ ވަނީ ކްރިއޭޓިވް އިކޮނޮމީ ގާއިމްކުރުމަށް 8 ސްޓްރެޓެޖީ އަކާއި 78 ވައުދެއް ތައާރަފްކޮށްފަ އެވެ. އަދި ކްރިއޭޓިވް ފަންޑެއް ވެސް ހުޅުވާލައިފަ އެވެ. ރާއްޖޭގައި އީޖާދީ އަދި އަމިއްލަ އުފެއްދުންތެރި ފަރާތްތަކަށް އެ ފަންޑުގެ ތެރެއިން 50،000ރ. އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ މާލީ އެހީތެރިކަން ލިބޭނެ ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުންޏެވެ.

އަޅުގަނޑުމެންގެ އާބާދީ ކުޑައީ. އެހެން ނަމަވެސް މި އެކްސެސް ދިވެހި ކްރިއޭޓަރުންނަށް ދިނީމާ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީއެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީއެއް އުފެދިގެން މި އަންނަނީ. މީގެ ޖާގަ އެބައޮތް، މިކަން ވާން އެބައޮތް،"--- ސައީދު

ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ވެސް ވަރަށް ކްރިއޭޓިވް އަދި ބޭރުގެ އެކި މާކެޓްތަކަށް ވިއްކޭނެ އުފެއްދުންތައް އެބަހުއްޓެވެ. އެ ފަރާތްތަކަށް ބޭނުންވަނީ އެފަދަ މާކެޓުތަކުގެ ޖާގަ ކަމަށް ވިދާޅުވި އެވެ.. އެކަން ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އާބާދީ ކުޑައީ. އެހެން ނަމަވެސް މި އެކްސެސް ދިވެހި ކްރިއޭޓަރުންނަށް ދިނީމާ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީއެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީއެއް އުފެދިގެން މި އަންނަނީ. މީގެ ޖާގަ އެބައޮތް، މިކަން ވާން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޗައިނާއާ އެކު ހަދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ތެރެއިން ވެސް ދިވެހި އުފެއްދުންތައް އެ ގައުމަށް ފަސޭހަކަމާ އެކު، އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ފަހިވާނެ ކަމަށެވެ. އަންނަ އަހަރުން ފެށިގެން އެފްޓީއޭއަށް އަމަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކުރިއަށް އޮތްތަނުގައި ޕޭޓެންޓް އަދި ކޮފީރައިޓު ގާނޫނެއް ވުޖޫދަށް ގެނެސް، އުފެއްދުންތެރިންނަށް އިތުރު ރައްކާތެރިކަން ހޯދައިދޭނެ ކަމަށް ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.