Roadha Mihaaru
ޖަވާބު ދިނުން ލަސްވީ ދަރިވަރުން ގިނަވުމުން: މިނިސްޓަރު

ލޯނު ފައިސާ ދޫކުރުމާއި ޖަވާބު ދިނުން ލަސްވީ ދަރިވަރުންގެ އަދަދު ގިނަވުމުން: މިނިސްޓަރު

19 ސެޕްޓެމްބަރ 2024

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް ފައިސާ ދޫކުރުމާއި ޖަވާބު ދިނުމުގައި ލަސްތަކެއް ދިމާވީ ދަރިވަރުންގެ އަދަދު ގިނަވުމުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންނަށް ފައިސާ ދޫކުރުމާއި ޖަވާބު ދިނުމުގައި ލަސްތަކެއް ދިމާވީ ދަރިވަރުންގެ އަދަދު ގިނަވުމުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އޭނާ އެހެން ވިދާޅުވިއިރު، މިއަހަރު ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ، އެ ދަރިވަރުންނާއި ބެލެނިވެރިން ޝަކުވާ ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކެއްގައި ސެޕްޓެމްބަރު/ އޮކްޓޫބަރު އިންޓޭކްގެ ކިޔެވުން ފެށެން ކުޑަތަންވެފައި އޮތްއިރު ވެސް ދަރިވަރުންނަށް ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ނަމަވެސް މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ، ލޯނު ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅުނަސް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ވީހާ ވެސް އަވަހަކަށް އެ ފޯމުތައް ޕްރޮސެސް ކުރަމުން އަންނަ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިނިސްޓްރީ އަށް ގުޅާ ކޯލުތަކަށް ޖަވާބު ދިނުމާއި ފައިސާ ދޫކުރަން ލަސްވި ސަބަބުތަކުގެ ތެރޭގައި، އެއް ދަރިވަރެއްގެ ފޯމުގެ އަޕްޑޭޓް ހޯދަން އެތައް ބަޔަކު ގުޅައި މެއިލް ކުރުމާއި ކުރީގެ ސަރުކާރުން ލޯނު ދޭން ނިންމި 1،225 ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަށް ވެސް މި ސަރުކާރުން ލޯނު ފައިސާ ދޫކުރުން ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރިވަރުންނަށް މިހާތަނަށް 473 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އިތުރަށް 180 މިލިއަން ރުފިޔާ ދޫކުރަން ޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވި ގޮތުގައި، މި މަހު އެކަނި ވެސް 214 ދަރިވަރުން ރާއްޖެ އިން ބޭރަށް ފުރާނެ އެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުންނަށް ފައިސާ ދިނުމަށް ޕްރޮސެސް ކޮށްފައިވާ ކަމަށާއި 74 ދަރިވަރުންނަށް ފައިސާ ލިބުނުކަން ޔަގީން ކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ކުދިންގެ ފައިސާގެ ކަންތައް އަޅުގަނޑުމެންނަށް ގެންދެވިފައި ހުރީ އެކި ސްޓޭޖުތަކަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަން މި މަހު ފުރާނެ ކަމަށް ކުރިން އަންދާޒާ ކުރެވިފައި ނުވާ ކަމަށެވެ. އެ ދަރިވަރުން ފުރާ ދުވަހެއް އެނގެނީ ފަހުން ހުށަހަޅާ ލިޔެކިޔުންތަކުން ކަމަށާއި އެ ވަގުތަކު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެކަން މެނޭޖު ކުރެވޭނެ ގޮތްތައް ބަލާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޗެލެންޖިން ކަމަކަށް ވި މި ފަހަރު. އެއީ މިދިޔަ އަހަރު ނުފުރާ ތިބި ބައެއް ކުދިންނާއި މި އަހަރު ލޯނު ދޭން ހަމަޖެހުނު ބައެއް ކުދިންނާ އެކު ޖުމްލަ މި ދެންނެވި ކަހަލަ އަދަދެއް އޭގެ ތެރެއިން އައީމާ އެ ހުރިހާ ކުދިންނަށް ކޭޓާ ކުރުމަށް އެހާ ފަސޭހައެއް ނުވި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ލޯނުގެ މަސައްކަތްތައް އަވަސްކުރަން ވޮލެންޓިއަރުން ހޯދި ކަމަށެވެ.

މި މަހުން ފެށިގެން އަންނަ ނޮވެމްބަރު މަހާ ހަމައަށް ޖުމްލަ 290 ކުދިން ބޭރަށް ފުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ދޫކުރަނީ ކޮންމެ ހަ މަސް ދުވަހަކުން، އެ ދަރިވަރަކު ކިޔަވާކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. ލޯނުގެ ފައިސާ ޖަމާކުރަނީ، އެ ދަރިވަރަކު ދީފައިވާ އެކައުންޓަކަށް ދިވެހި ރުފިޔާއިންނެވެ. ނަމަވެސް، ސްކޮލަޝިޕްގައި ކިޔަވާ ކުދިންނަށް، އެ ދަރިވަރަކު ކިޔަވާ ގައުމެއްގެ ފައިސާ ޖަމާކޮށްދެ އެވެ.

ފައިސާ ދޫކުރުން ލަސްވާ ސަބަބުތަކުގެ ތެރޭގައި، ލޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި ފައިސާގެ އަދަދަކީ ޖަސްޓިފައި ކުރެވޭ އަދަދެއްކަން ދެނެގަނެވޭނެ ލިޔެކިޔުންތައް ނެތުމާއި ލޯނު ދޭ ގައުމު ނޫން އެހެން ގައުމެއްގައި ކިޔަވަން ބޭނުންވުން އަދި ޔުނިވާސިޓިން ދޭ ލިޔުން ނުލިބުމާއި އެ ލިޔުންތައް ހަމަޖައްސަން ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވާ މުއްދަތުގެ ފަހުން ހުށަހެޅުން ހިމެނެ އެވެ.

މާރިޔާ ވިދާޅުވީ ފައިސާ ލިބުން ލަސްވެ، ކިޔެވުމަށް ބުރޫއަރާ ނަމަ ސީދާ މިނިސްޓްރީން އެ ޔުނިވާސިޓީއަކާ އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރާނެ ކަމަށެވެ. އަދި މިނިސްޓްރީން މައުލޫމާތު ސާފުކޮށް ތަފްސީލީ ސްޕޮންސާ ސިޓީއެއް ދީ، ދަރިވަރުގެ ކިޔެވުމަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރާ ކަމަށް ވިދާޅުވި އެވެ.