Roadha Mihaaru
އިޒްރޭލުގެ ވެރިން މަރަންއުޅުނު އިޒްރޭލު މީހަކު ހައްޔަރު

އިޒްރޭލުގެ ބޮޑުވަޒީރާއި ބައެއް ވެރިން މަރަން އުޅުނުކަމުގެ ތުހުމަތަށް އިޒްރޭލު މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރ 2024

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާއި އެހެން ބައެއް ވެރިން މަރަން އީރާންގެ ޖާސޫސުންނާ ގުޅިގެން މަސައްކަތްކުރި ކަމުގެ ތުހުމަތަށް އިޒްރޭލު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލު ފުލުހުންނާއި އެތެރޭގެ ސަލާމަތާއި ޖާސޫސީ ކަންކަމާ ބެހޭ އިދާރާ ޝިން ބެއިތުން މިއަދު ބުނެފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާއި އެހެން ބައެއް ވެރިން މަރަން އީރާންގެ ޖާސޫސުންނާ ގުޅިގެން މަސައްކަތްކުރި ކަމުގެ ތުހުމަތަށް އިޒްރޭލު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލު ފުލުހުންނާއި އެތެރޭގެ ސަލާމަތާއި ޖާސޫސީ ކަންކަމާ ބެހޭ އިދާރާ ޝިން ބެއިތުން މިއަދު ބުނެފި އެވެ.

"އިޒްރޭލުގެ އިސް ވެރިން މަރަން، އިޒްރޭލު ރައްޔިތަކު އީރާންގެ ޖާސޫސީ އިދާރާއިން ރެކްރޫޓްކޮށް އޭނާ ދެ ފަހަރަކު ވަގަށް އީރާނަށް ގެންގޮސް ފައިސާ ދީފައިވޭ،" ދެ އިދާރާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ވަނީ ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި ޝިން ބެއިތުގެ ވެރިޔާ ރޮނެން ބާގެ އިތުރުން އެހެން އިސް އޮފިޝަލުން ވެސް މި ހަމަލާތަކުގެ އަމާޒެއް ކަމުގައި ހިމަނާފައިވާ ކަމަށެވެ.

މި މީހާ އަކީ "ތުރުކީގައި ދިގު މުއްދަތަކަށް ދިރިއުޅުނު އިޒްރޭލުގެ ވިޔަފާރިވެރިއެއް" ކަމަށާއި ތުރުކީ އާއި އީރާނުގެ މީހުންނާ ގުޅުން ބަދަހިކޮށް، އެޑީ ނަމަކަށް ކިޔާ އީރާނުގެ ވިޔަފާރިވެރިއަކަށް ފޯނުން އޭނާ ތައާރަފްކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރުކުރީ އަޝްކެލޯން ސިޓީއަށް ނިސްބަތްވާ ޔަހޫދީއެކެވެ. އޭނާ އެންމެ ފުރަތަމަ އީރާނަށް ޒިޔާރަތްކުރީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެޑީއާ ބައްދަލުކުރުމަށް ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އީރާނުގެ ސެކިއުރިޓީ އޮޕަރޭޓަރެއްގެ ގޮތުގައި ތައާރަފްކުރި ހައްޖާހު ނަމަކަށް ކިޔާ މީހަކާ ވެސް އޭނާ ވަނީ ބައްދަލުކޮށްފަ އެވެ.

ފުލުހުން ބުނީ މި ދަތުރުގައި އިޒްރޭލުގައި މިޝަންތަކެއް ހިންގުމަށް އެދުނު ކަމަށާއި އޭގެ ތެރޭގައި "ފައިސާ ނުވަތަ ފިސްތޯލައެއް" ގެންދިއުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގެ ފޮޓޯ ނެގުމާއި އީރާނުން ރެކްރޫޓްކުރާ އިޒްރޭލުގެ އެހެން މީހުންނަށް ބިރު ދެއްކުން ހިމެނޭ ކަމަށެވެ.

އޮގަސްޓް މަހުގެ ތެރޭގައި ތަހުގީގަށް އެނގުނު ގޮތުގައި ހައްޔަރުކުރި މީހާ އަކީ ލޮރީއެއްގައި އީރާނަށް ވަގަށް އެތެރެކުރި މީހެކެވެ. އެފަހަރު އީރާނުގެ އިތުރު އިންޓެލިޖެންސް އެޖެންޓުންނާ ބައްދަލުކުރި ކަމަށާއި އިޒްރޭލުގެ ބިމުގައި އީރާނަށް ޓެރަރިޒަމްގެ އަމަލުތައް ހިންގައިދޭން އެދުނު ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިޒްރޭލުގެ މޮސާޑް ޖާސޫސީ އިދާރާގެ މެމްބަރުން ޑަބަލް އެޖެންޓުންގެ ގޮތުގައި ރެކްރޫޓް ކުރުން ފަދަ އިތުރު މަސައްކަތްތައް ކުރުމަށް ވެސް ތުހުމަތު ކުރެވޭ މީހާއަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މަސައްކަތް ހަވާލުކުރި މީހާ އެޑްވާންސަށް އެއް މިލިއަން ޑޮލަރަށް އެދުމުން 5،000 ޔޫރޯ ދީފައިވާ ކަމަށާއި މިޝަންތަކާ ގުޅޭ ގޮތުން ފަހުން ބައްދަލުކުރާނެ ކަމަށް ވެސް އޭނާއަށް އެންގި ކަމަށް ބަޔާނުގައިވެ އެވެ. -- އޭއެފްޕީ