Roadha Mihaaru
ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ޖެނުއަރީގައި މުމްބާއީގައި

ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ޖެނުއަރީގައި މުމްބާއީގައި

21 ސެޕްޓެމްބަރ 2024

އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ ދެ ޝޯއެއް އަންނަ ޖެނުއަރީ މަހު އިންޑިއާގެ މުމްބާއީގައި ބާއްވަން ތާވަލުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ ދެ ޝޯއެއް އަންނަ ޖެނުއަރީ މަހު އިންޑިއާގެ މުމްބާއީގައި ބާއްވަން ތާވަލުކޮށްފި އެވެ.

ކޯލްޑްޕްލޭއިން ވަނީ މީގެ 8 އަހަރު ކުރިން ވެސް މުމްބާއީގައި ބޭއްވި ފެސްޓިވަލެއްގައި ޕާފޯމްކޮށްފަ އެވެ. އެކަމަކު، އެ ބޭންޑުގެ ޓުއާގެ ދަށުން އިންޑިއާގައި ޝޯއެއް ބާއްވާނެ މިއީ އަދި ފުރަތަމަ ފަހަރެވެ.

އެ ބޭންޑްގެ ޝޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރި ޕޯސްޓެއްގައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކުގައި ވޯލްޑް ޓުއާގެ ޝޯތައް އަންނަ އަހަރު ބާއްވަން ނިންމިކަން އިއުލާންކޮށްފަ އެވެ. އަދި އެ ޝޯތައް ބާއްވާ ތާރީހުތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އަންނަ އަހަރު އެ ބޭންޑުގެ ފުރަތަމަ ޝޯ ބާއްވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގަ އެވެ. އެއީ ޖެނުއަރީ 11 ގައި ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގަ އެވެ.

ހަތަރު މެމްބަރުންގެ އެ ބޭންޑުގެ ދެވަނަ އަދި ތިންވަނަ ޝޯ ބާއްވަނީ މުމްބާއީގެ ޑީވައި ޕާޓިލް ސްޕޯޓްސް ސްޓޭޑިއަމްގަ އެވެ. އެއީ ޖެނުއަރީ 18 އަދި 19 ގަ އެވެ.

މުމްބާއީގައި ބާއްވާ ޝޯތަކަށް މާދަމާއިން ފެށިގެން ޓިކެޓް ވިއްކަން ވަނީ ނިންމައިފަ އެވެ. ބުކްމައިޝޯ އިން އެ ޝޯތަކަށް ޓިކެޓް ބުކް ކުރެވޭނެ އިރު، އަގު އުޅެނީ 30 ޑޮލަރާއި 420 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

އަންނަ އަހަރު އެޕްރީލްގައި ހޮން ކޮންގާއި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ވެސް އެ ބޭންޑުގެ ޝޯތަކެއް ބާއްވަން ނިންމައި ތާރީހުތައް ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހޮން ކޮންގައި ދެ ޝޯ އާއި ސޯލްގައި ހަތަރު ޝޯ އެވެ.