Roadha Mihaaru

އެޑް ޝީރަން މަގުމަތީގައި ލަވަކިޔަނިކޮށް ފުލުހުން ހުއްޓުވައިފި

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ ބެންގަލޫރުގެ މަގެއް މަތީގައި ލަވަކިޔަން ހުއްޓާ ފުލުހުން އޭނާ ހުއްޓުވައިފި އެވެ.

އެޑް ޝީރަން މަގުމަތީގައި ލަވަކިޔަނިކޮށް ހުއްޓުވައިފި

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ ބެންގަލޫރުގެ މަގެއް މަތީގައި ލަވަކިޔަން ހުއްޓާ ފުލުހުން އޭނާ ހުއްޓުވައިފި އެވެ.

އެޑް މި ވަގުތު އިންޑިއާގައި ހުރީ އޭނާގެ މިއުޒިކް ޓުއާގެ ދަށުން އިންޑިއާގައި ޝޯ ދިނުމަށެވެ.

ބެންގަލޫރުގެ ޗާޗު ސްޓްރީޓުގައި އޭނާގެ މިއުޒިކް ސެޓަޕް ބަހައްޓައިގެން ލަވަކިޔަނިކޮށް ފުލުހުން އެތަނަށް ގޮސް އޭނާ ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެތަނަށް ދިޔަ ބެންގަލޫރުގެ ފުލުހުންނަށް އެޑް އަކީ ކާކުކަން ނޭނގެ އެވެ. އޭނާ ލަވަކިޔުން ހުއްޓާލައި އެތަނުން ދިއުމަށް ފުލުހުން އެންގި އެވެ. އަދި ފުލުހަކު ވަނީ އޭނާ ލަވަކިޔަނިކޮށް މައިކުގެ ވާގަނޑު ވެސް ނައްޓާލައިފަ އެވެ.

ފުލުހުން އެގޮތަށް ކަންތައްތައް ކުރުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔައިފަ އެވެ.

މި ވީޑިއޯ އާންމުވި ފަހުން އެޑް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ އެތަނުގައި ލަވަކިޔަން ހުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށާއި އެއީ ވަރަށް ކުރިންސުރެ ކުރަން ރާވާފައި އޮތް ކަމެއް ކަމަށެވެ.

އެޑް ވަނީ އޭނާގެ މިއުޒިކް ޓުއާގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރެ އާއި ރޭ ވެސް ބެންގަލޫރުގައި ޝޯއެއް ދީފަ އެވެ. ބެންގަލޫރުގެ އިތުރުން ޕޫނޭ އާއި ޝިލޮންގް އަދި ދިއްލީ ވެސް އޭނާ މިފަހަރު ޝޯ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.