Roadha Mihaaru
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި

ބީއެމްއެލްގެ ޗެއާޕާސަން ކަނޑައަޅައި ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި

21 ސެޕްޓެމްބަރ 2024

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.

މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި އަހުމަދު އަލީ ހަބީބާއި އަލީ އިރުފާނާއި މުހައްމަދު ޝާހިދު ވަނީ ބޯޑަށް އައްޔަނުކޮށްފަ އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ އަހްމަދު އަލީ އެވެ. އޭނާ އަކީ މިވަގުތު ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އެވެ.

އީޖީއެމް ބޭއްވީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށެވެ.

އެމްއެމްއޭ އިން ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވާއިދު އިސްލާހުކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.

އެ ތިން ބޭފުޅުންނާ އެކު ބީއެމްއެލްގެ ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަ އެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑުގައި ތިއްބަވާ ހަ ބޭފުޅުންނާއި އާންމު ހިއްސާދާރުން އިންތިހާބު ކުރައްވާފައިވާ ތިން ބޭފުޅުންނެވެ. ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 ބޭފުޅުން ތިއްބަވަން ޖެހެ އެވެ.

ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިއްބަވާ މެންބަރުން

1. އަހުމަދު އަލީ ހަބީބު (ޗެއާޕާސަން)

2. އަލީ ފާރިސް މުހައްމަދު

3. އާދިލް މޫސާ

4. މަރިޔަމް ސުޒީ އާދަމް

5. އަލީ އިރުފާނު

6. މުހައްމަދު ޝާހިދު

7. އަބްދުﷲ ނަސީމު

8. މޫސާ ރަޝީދު

9. ނަޖީމު އިބްރާހިމް ޒަކަރިއްޔާ

ބީއެމްއެލްގެ އީޖީއެމްއެއް ބޭއްވި އިރު އެ ބޭންކްގެ ބޯޑުގައި ސަރުކާރުގެ ފަރާތުން އިންނެވި އައިޝަތު ސަޖްނީ ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އެހެންވެ، ބޯޑަށް އިތުރު ދެ ބޭފުޅުން ކަނޑައަޅަން ޖެހެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވެސް ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވެސް މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.