Roadha Mihaaru
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ބީއެމްއެލްގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

30 މެއި 2024

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލު ކުރާނެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލު ކުރާނެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިއްޔެ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވަނީ އާންމު ހިއްސާދާރުންގެ ބޯޑަަށް އަހުމަދު މުހައްމަދާއި އިބްރާހިމް މުހައްމަދާއި އަބްދުﷲ ނަސީމު ހޮވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން އަހުމަދު މުހައްމަދާއި އިބްރާހިމް މުހައްމަދު ބޯޑުގައި ތިބެވޭނެ އެންމެ ދިގު މުއްދަތު އަންނަ ޖުލައި މަހަށް ހަމަވާނެ އެވެ. އެހެންވެ އެ ދެ ބޭފުޅުން ތިއްބެވި މަގާމަށް ކުރިމަތިލުމަށް ބީއެމްއެލް އިން ހުޅުވައިލީ އެވެ.

އެމްއެމްއޭގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސްގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން "އިންޑިޕެންޑެންޓް ޑިރެކްޓަރުން" ގެ ގޮތުގައި ބޯޑުގައި ހުރެވޭނީ ހަތަރު އަހަރު ވަންދެންނެވެ.

ބީއެމްއެލް އިން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުވި ޑިރެކްޓަރުންގެ ތެރެއިން ހުސްވާ ދެ ޑިރެކްޓަރުންގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެ ބޭންކްގެ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 ޑިރެކްޓަރުން ތިއްބަވާ އިރު މިވަގުތު އެ ބޯޑުގައި ތިއްބެވީ ނުވަ މެންބަރުންނެވެ.

އެއީ އާންމު ހިއްސާދާރުންގެ ތެރެއިން ހޮވި ތިން މެންބަރުންނާއި ސަރުކާރުން ކަނޑައަޅާފައިވާ ހަ މެންބަރުންނެވެ. އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ވަނީ ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން އެމަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

ބީއެމްއެލްގެ ބޯޑަށް އިތުރަށް ސަރުކާރުން ކަނޑައަޅާ ދެ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ކަނޑައަޅާ ދެ ޑިރެކްޓަރުން ހޮވައި، ޗެއާޕާސަން ކަނޑައެޅުމަށް އިތުރު އީޖީއެމްއެއް އަންނަ ޖުލައި މަހު ބޭއްވުމަށް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން މިދިޔަ މާޗް މަހު ވެސް ސަރުކާރުން ކަނޑައެޅި ޑިރެކްޓަރުން އައްޔަން ކުރުމަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އެއް މިދިޔަ މާޗް މަހު ވެސް ބާއްވާފައި ވެ އެވެ.