Roadha Mihaaru
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!

ހަސަން ހަމީދު ހުށަހަޅުއްވާ ހައްލު؛ ސޯލާ ޕެނަލްތައް ބަހައްޓަންވީ މަގުގެ މަތީގައި!

23 ސެޕްޓެމްބަރ 2024

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކާ ގުޅިގެން އާންމުންގެ ޝަކުވާ ގިނަ އެވެ. ގިނަ ބަޔަކު އެދެނީ އެ އެއްޗެހި އެ ތަނުން ނެގުމަށެވެ. މިހާރުގެ ސަރުކާރުގެ ވިސްނުމަކީ ވެސް އެ އެއްޗެހި އެ ތަނުން ނެގުމެވެ. އެކަމަކު، އެއީ އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކާ ގުޅިގެން އާންމުންގެ ޝަކުވާ ގިނަ އެވެ. ގިނަ ބަޔަކު އެދެނީ އެ އެއްޗެހި އެ ތަނުން ނެގުމަށެވެ. މިހާރުގެ ސަރުކާރުގެ ވިސްނުމަކީ ވެސް އެ އެއްޗެހި އެ ތަނުން ނެގުމެވެ. އެކަމަކު، އެއީ އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.

ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ސޯލާ ޕެނަލްތައް ނެގުމުގައި ހުރި ގޮންޖެހުންތައް ސާފުކޮށްދެއްވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ އެއްޗެހި އެތަނުން ނަގަން ނިންމެވިޔަސް، ސަރުކާރަށް އަހަރެއް ވާއިރު ވެސް އެކަން ނުވެ އޮތީ ކީއްވެގެން ކަން މިނިސްޓަރު ވިދާޅުވި އެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކަކީ ވޯލްޑް ބޭންކުން ގެރެންޓީ ދީގެން، އަމިއްލަ ފަރާތެއް ކަމަށްވާ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑުގެ އިންވެސްޓްމަންޓެއްގެ ދަށުން ބަހައްޓާފައި ހުރި އެއްޗިއްސެވެ. އެއީ ޕްރައިވެޓް އިންވެސްޓްމަންޓަކަށް ވާތީ، ސަރުކާރުން ބޭނުންވިޔަސް، އެ އެއްޗެހި އެތަނުން ނަގަން ފަސޭހައެއް ނުވާނެ އެވެ. އެ ތަކެތި ނަގަން ނިންމިއިރު، މަސައްކަތުގެ ބޮޑުބައި ވެސް އޮތީ ނިމިފަ އެވެ.

އެ ޕެނަލްތަކުން ދުވާލަކު 5.6 މެގަވޮޓްގެ ކަރަންޓު އުފައްދަ އެވެ. ޕެނަލްތަކުން އުފައްދާ ކަރަންޓުން، ސަރުކާރުން ތެލަށް ކުރާ ހަރަދުން އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްކުރެވެ އެވެ.

މާލެ-ހުޅުމާލެ ހައިވޭގެ ސޯލާ އެނާޖީ ޕްރޮޖެކްޓުން ކުރާނެ ފައިދާގެ ތަފުސީލު | މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ

މާލެ-ހުޅުމާލެ ހައިވޭގެ ސޯލާ އެނާޖީ ޕްރޮޖެކްޓުން ކުރާނެ ފައިދާގެ ތަފުސީލު | މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓަރު ތޯރިގް ވެސް ވިދާޅުވީ އެ އެއްޗެހި ސިނަމާލެ ބްރިޖުގެ ހައިވޭ އިން ނަގައި އެހެން ތަނަކަށް ބަދަލުކުރާ ނަމަ އަދި ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށެވެ.

"މި ވަގުތު އެ އެފިޝިއެންސީ [އެ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ނިސްބަތް] ދެމެހެއްޓުމަށްޓަކައި ސްޓެލްކޯގެ ޖަނެރޭޝަން ކެޕޭސިޓީ ވެސް އިތުރުކުރަން ޖެހޭ. އެ ކަން ވެސް ކުރަން ޖެހޭ އެއްކޮށް ސިސްޓަމުން ރިމޫވް ކުރާ ކަމަށް ވަންޏާ،" ތޯރިގް ވިދާޅުވި އެވެ.

"ސަރުކާރުގެ ސީދާ އެސެޓަކަށް ނުވާތީ ފަސޭހަ ކަމެއް ނޫން އެއްފަހަރާ ކުއްލިއަކަށް އެ ކަންތައް ކުރުމަކީ. ނަމަވެސް އަޅުގަނޑުމެން މި އަންނަނީ ކޮންޓްރެކްޓާ އާއި ވޯލްޑް ބޭންކާ ވެސް ވާހަކަދައްކަމުން، ކޮބައިތޯ މި ނަގާ ކަމަށް ވަންޏާ، އޭގައި ހުންނަ ކޯސްޓް އިމްޕްލިކޭޝަނާއި އެ ކަހަލަ ކަންތައްތައް."

އެ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވާލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ. އަދި ސްޓެލްކޯގެ ގްރިޑަށް އެ ހުރިހާ ޕެނަލެއް ގުޅުވާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ނިންމައި ވަނީ އޭގެން ކަރަންޓު އުފައްދަން ފަށައިފަ އެވެ.

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޯލާ ޕެނަލްތައް މަގުގެ މައްޗަށް، ކުރެވިދާނެ ކަމެއް؟

މި ސޯލާ ޕެނަލްތައް ނެގުމުގެ ވާހަކަ އަނެއްކާވެސް ތިލަވުމުން، ގައުމީ ޔުނިވާސިޓީ ޗާންސެލަރު އަދި ކްރިޓިކަލް ތިންކިން އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައި، މި މައްސަލާގައި ފެނިވަޑައިގަންނަވާ ހައްލު ހިއްސާ ކުރައްވައިފަ އެވެ. އޭނާ ހުށަހަޅުއްވަނީ، ސޯލާ ޕެނަލްތައް މަގުގެ މަތީގައި ހަރުކުރުމަށެވެ.

"ސޯލާ މަޅުތައް [ޕެނަލްތައް] ބެހެއްޓުމުން، މުޅި މަގުގެ ރީތިކަން ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ދަތުރުކުރާ މީހުންނަށް އިހްސާސް ވާނީ ނުތަނަވަސްކަމާއި ހާސްކަމެވެ. އެންމެ ދެރަކަމަކީ ކުރިން އޮތް ހިތްގައިމު މަންޒަރު ގެއްލުނު ކަމެވެ،" ޑރ. ހަސަން ލިޔުއްވާފައި ވެ އެވެ.

އޭނާ ވިދާޅުވީ އެ މަގުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރީ ބޭރު ގައުމުތަކުގައި ދަނޑުތަކާއި ބޮޑެތި ސަރަހައްދުތަކުގައި ހަރުކުރާ ގޮތަށް ކަމަށެވެ. އެއީ އެކްސިޑެންޓްތަކަށް ފަހިވާނެ ގޮތެކެވެ. އަދި ތިރިކޮށް، ވަރަށް ގިނަ ދަގަނޑު ހޮޅިތަކެއް ބޭނުންކޮށްގެން އެތަން ހަދާފައި ހުރުމުން ބައެއް މީހުން އެ ތަން ސިފަކުރާނީ "ދަގަނޑު ހޮޅީގެ ވަލެއްގެ ގޮތުގައި" ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.

"ރޯޑެއްގައި ނުވަތަ ހަލި މަގެއްގައި، ސޯލާ މަޅު ހަރުކުރާ ނަމަ، އެކަން ކުރާ ގޮތަކީ، އަދި އެކަން ކުރަން ރަނގަޅު ގޮތަކީ، މަގަށް ހިޔާވާ ގޮތަށް މަގުގެ މަތީގައި ހަރުކުރުމެވެ،" ޑރ. ހަސަން ވިދާޅުވި އެވެ.

އެމެރިކާގެ ހައިވޭތަކުގެ މަތީގައި ސޯލާ ޕެނަލް ހަރުކުރަން ރާވާފައި ގޮތް ދައްކައިދޭ ކުރެހުމެއް.

އެމެރިކާގެ ހައިވޭތަކުގެ މަތީގައި ސޯލާ ޕެނަލް ހަރުކުރަން ރާވާފައި ގޮތް ދައްކައިދޭ ކުރެހުމެއް.

އެ ބަދަލު ގެންނަންވީ ސަބަބާއި އޭގެ ފައިދާ އޭނާ ވިދާޅުވެ ދެއްވި އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑރ. ހަސަން ފާހަގަކުރެއްވީ މަގުގެ ދެ ފަރާތުގެ މަންޒަރު ނުގެއްލި، އާންމުން ބޭނުންވާ ހިތްފަސޭހަ މަންޒަރު ފެނުމެވެ. އެ މަގުން ދުއްވާފައި ދާއިރު ޓަނަލަކުން ދަތުރުކުރެވޭ ކަމަށް މިހާރު ކުރެވޭ އިހުސާސް އެހެން ހެދުމުން ނެތޭނެ އެވެ. އެއީ، މުޅި ރާއްޖޭގައި ވެސް އެފަދަ ދެވަނައެއް ނުވާ ކަހަލަ ހިތްގައިމު މަގަކަށް ހެދޭނެ އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި، އެ ބަދަލު ގެނެސްފި ނަމަ އެ މަގުގައި ހިނގާ އެކްސިޑެންޓުތައް ވެސް މަދުކުރެވޭނެ އެވެ.

މަގުގެ ދެ ފަރާތުގައި ދަގަނޑުން މުޑި ޖަހައިގެން ވަކި އުސްމިނެއްގައި އެކަން ކުރެވިދާނެ އެވެ. އަދި މަގުގެ މަތީގައި ސޯލާ ޕެނަލްތައް ބަހައްޓަން ވާނީ މަގަށް ވަކި މިންވަރަކަށް އަވިދޭ ގޮތަށެވެ. ޕެނަލްތައް ދޮވެ، މަރާމާތުކުރުމަށް ޕެނަލްތަކުގެ ދެމެދުގައި ހިނގާބިނގާވެ އުޅެވޭނެ ޖާގައެއް ވެސް ބާއްވަން ވާނެ އެވެ.

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ގޮތް ދައްކައިދިނުމަށް އޮސްޓްރިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާ ކުރެހުމެއް.

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ގޮތް ދައްކައިދިނުމަށް އޮސްޓްރިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައްޔާރުކޮށްފައިވާ ކުރެހުމެއް.

ޑރ. ހަސަން ފާހަގަކުރެއްވި އިތުރު ކަންތައްތައް

• މިހާރަށް ވުރެ ގިނަ ސޯލާ ޕެނަލް ހަރުކުރެވޭނެ. މިހާރު މޫދާވީ ފަޅީގައި ޖަހާފައި ހުރި ޕެނަލްތަކުގެ ޖުމްލަ ދިގުމިނަކީ 2،500 މީޓަރު. އޭގެ ބޮޑު ބައެއްގައި ހުރީ 7.5 މީޓަރުގެ ފުޅާމިން. އެއީ 18،750 އަކަ މީޓަރުގެ ސޯލާ ޕެނަލް. މަގުގެ ފުޅާމިނަކީ 16 މީޓަރު ކަމަށް ބަލާ ނަމަ 1،200 މީޓަރު ދިގު "ފުރާޅެއްގައި" އެ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވޭނެ. މެދުގައިވާ ބަޔާއި ދެ ފައްޗަށް ޖަހާފައިވާ ސޯލާ ޕެނަލްތައް ހިމަނައިފި ނަމަ މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތައް މިގޮތަށް ޖަހަންދާ ފުރާޅުގެ ދިގުމިން މިހާރު ޖަހާފައިވާ ދިގުމިނަށް ވުރެ މާ ބޮޑަށް ކުރުވާނެ.

• މަގަށް ހިޔާވުމުން މުޅި އެ ސަރަހައްދަށް ފިނިކަން ލިބޭނެ. ތާރުއަޅައިގެން މަގެއް ހަދައިފި ނަމަ އެ މަގު ހިމެނޭ ސަރަހައްދު ފަސް ވަރަކަށް ދަރަޖަ އަށް ހޫނުމިން މަތިވޭ. އެއީ ކަޅު ތަކެތީގައި ހޫނު ހިފަހައްޓާ ތަބީއީ ބާރެއް ހުންނާތީ.

• މަގުގެ މެދަށް ސީދާ އަލިވާ ގޮތަށް މަގު ބައްތި ހަރުކުރެވޭނެ. ބޭނުން ނަމަ ކެމެރާތަކާއި ކާރުތަކުގެ ދުވެލި މިންކޮށް ފޮޓޯ ނަގާ ސާމާނުތައް ބެހެއްޓޭނެ.

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ހައިވޭ "ތަހުޒީބު ކުރެވިދާނެ" އިތުރު ގޮތްތަކެއް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.

އެއްގޮތަކީ އެ މަގުގެ މޫދާވީ ފަޅީގައި ގަސް އިންދުމެވެ. އެއިން އެއް ގަހެއްގެ ގޮތުގައި އޭނާ ހިމެނުއްވީ ބޯގަންވިލާ އެވެ. ބޯގަންވިލާ އަކީ ގަދަ އަވީގައި، ތިރިކޮށް ހެދޭ ގަހެކެވެ. މޫދާ ކައިރީގައި ހެދޭ، ގިނަ ކުލަތަކެއްގެ މާ އަޅާ ގަހަކަށް ވެފައި، މަދުން ފެން ދޭން ޖެހޭ ގަހެކެވެ.

ޑރ. ހަސަން ވިދާޅުވީ ދިވެހިންނަކީ މޫދު ފެންނަ ހިސާބުގައި އުޅެން ފަރިތަވެފައިވާ ބައެއް ކަމަށް ވާތީ، އެ މަގުގެ އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު ބަލަން ބޭނުންވާ މީހުންނަށް އެތަނަށް ދެވޭނެ "ރެސްޓް އޭރިއާ" އެއް ވެސް ހެދިދާނެ ކަމަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ހައިވޭތަކުގައި ވެސް އެ ކަހަލަ ތަންތަން ހަދައިފައި އެބަހުއްޓެވެ.

"އެއީ މަގުގެ މެދެއްހާ ހިސާބުން، މަގު ކަފިކޮށްގެން ގޮނޑުދޮށަށް ފައިބާ ފަންނެކެވެ. އެތަނުގައި ދެތިން ކާރާއި ސައިކަލު ޕާކު ކުރާ ޖާގައެއް އޮންނަން ވާނެ އެވެ. ބާރަށް ދުއްވާ އެއްޗިއްސަށް މި މަގަކަށް ނުވަދެވޭނެ އެވެ. ބޭނުން ނަމަ، މިތަނުގައި ފުލުހުންގެ ޖިފުޓިއެއް ހެދިދާނެ އެވެ،" ޑރ. ހަސަން ވިދާޅުވި އެވެ.

މާލެއިން ހުޅުމާލެ އަށް ހިނގާފައި އަދި ބައިސްކަލުގައި ދަތުރު ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ވެސް ޑރ. ހަސަން ފާޅުކުރެއްވި އެވެ.

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ހައިވޭގެ މެދުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ޕެނަލްތަކުގެ ސްޓްރަކްޗާގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ފަތިހަށް ހިނގާށާއި ކަސްރަތުކުރާށާއި ދުވަން ނުކުންނަ ކިތަންމެ ބަޔަކު، މާލެ އިން ހުޅުމާލެ އަށް ބްރިޖު ހުރަސްކޮށް ދާން ބޭނުންވެ އެވެ. ނަމަވެސް، ހުޅުލެ އާއި ބްރިޖާ ގުޅޭ ކޮޅުގައި އޮންނަނީ ވަލެއް ޖަހައި ބަންދުކޮށްފަ އެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެތައް ބަޔަކު އެންގިޔަސް، އެކަމެއް ވާ ގޮތެއް ނުވެ އެވެ.

"ފޯރިމަރާ މީހުން ހުޅުލޭ ކޮޅުގައި ބައިތިއްބައިގެން ނަމަވެސް ހިނގާފައި ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރެވެން ޖެހޭނެ އެވެ. އެހެން ކަންކަމަށް ވިއްދައި މިކަން މަނާކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ބަސްނާހާ ދެތިން ހާސް މީހުން ނުކުމެ، ހިނގާފައި މާލެ އިން ހުޅުމާލެ އަށް ނާރަނީސް ސަރުކާރުން ވީ މިކަން ހައްލުކުރާށެވެ،" އޭނާ ވިދާޅުވި އެވެ.

"ހިނގުމަށް ނުވަތަ ދުވުމަށް މިދިލިމަގުގެ [ހައިވޭގެ] ބޭރު ފަރާތުގައި ދިހަވަރަކަށް ފޫޓުގެ ދުވާރެއް ވެސް އޮންނަން ވާނެ އެވެ. މި ކަންކަމުން އާހިރުގައި ރައްޔިތުންނަށް ލިބޭނީ ފައިދާ އެވެ. ސިއްހަތު ރަނގަޅު ކަމުން، އާސަންދައިން މީހުންނަށް ކުރާ ހަރަދުވާނީ ކުޑަ އެވެ. އެހެން މުހިންމު ކަންތައްތައް ކުރުމަށް ފައިސާ ވާނީ އިތުރެވެ."

ސަރުކާރުގެ ވިސްނުން މިހާރު ގެންގުޅޭ ގޮތަށް މި ސޯލާ ޕެނަލްތައް ނަގައި، އެހެން ރަށަކަށް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ދެކޮޅު ހައްދަވާ ސަބަބެއްގެ ގޮތުގައި ޑރ. ހަސަން ފާހަގަކުރެއްވީ ކަރަންޓު އުފައްދާ ތަނާއި އެ ބޭނުންކުރާ ތަން ދުރުވުމަކީ އިލެކްޓްރިކް ހަކަތަ އެއިން ގެންދާ ނަރުތައް ދިގުވެ، އެކަން ކުރުމަށް ހިނގާނެ ހަރަދު ވެސް ބޮޑު، ދައުލަތަށް ބޮޑު މާލީ ބުރައަކަށްވެ، ދެކޮޅު ޖެހޭނޭ ކަމަކަށް ނުވުމެވެ. އެހެންވެ، ސޯލާ ޕެނަލްތައް މިހާރު ހުރި ތަނުން ނަގައި، މަގުގެ މަތީގައި ބެހެއްޓުމަކީ އެންމެ އެދެވޭ ގޮތެވެ.

ޑރ. ހަސަން މި ހިޔާލު ހުށަހެޅުއްވި އިރު، އެހެން ބައެއް ގައުމުތަކުގައި ވެސް ހައިވޭތަކުގައި މިގޮތަށް ސޯލާ ޕެނަލްތައް ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ. ބައެއް ޕްރޮޖެކްޓުތައް ޕްލޭންކޮށް ޑިޒައިންތައް ވެސް އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އެމެރިކާ އާއި އޮސްޓްރިއާ އާއި ޖަރުމަން އަދި ސުވިޒަލޭންޑް ކަހަލަ ގައުމުތައް ހިމެނެ އެވެ.