Roadha Mihaaru
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ

މިއީ މުހިއްމު ގަވާއިދެއް، އެކަމަކު ގެސްޓްހައުސްތަކަށް ގެއްލުން ވެދާނެ: ފައްޔާޒު

02 އޮކްޓޯބަރ 2024

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމު ކުރީ މުހިއްމު ގަވައިދުތަކެއް ކަމަށާއި އެކަމަކު އޭގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމު ކުރީ މުހިއްމު ގަވައިދުތަކެއް ކަމަށާއި އެކަމަކު އޭގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަށް ޖަމާކުރެވޭ ގޮތަށް ގެނައި ބަދަލާއި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް މާރުކުރަން ޖެހޭ ގޮތަށް ހެދުމަކީ ޑޮލަރުގެ މައްސަލައަށް އާ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ބައެއް ކަންކަމަށް އިތުރު ޕްރެޝަރުތައް އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް ދޭން ލާޒިމު ކުރުމުގެ ބަދަލުގައި އެ ފެސިލީއަކަށް ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރެވޭ ގޮތަށް ހެދުން މުހިއްމެވެ. އަދި އެކަން ރިވިއު ކުރަން ސަރުކާރަށް ގޮވާލެއްވި އެވެ.

އެމްއެމްއޭ އިން ރޭ އާންމުކުރި ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ޖެހޭނެ އެވެ.

ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.

"އާ ގަވާއިދުގެ ސަބަބުން ގެސްޓްހައުސްތަކާއި ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. އެފަދަ ބައެއް ވިޔަފާރިތަކުން މިހާރު ވެސް ޓޫރިސްޓުންނާ އަންނަނީ ދިވެހި ރުފިޔާ އިން މުއާމަލާތް ހިންގަމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަފާރީތަކާއި ގެސްޓްހައުސްތަކާ ދެމެދު އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން މުޅި ލިވަބޯޑު އިންޑަސްޓްރީއަށް އޭގެ އަސަރު ކުރާނެ އެވެ. އަދި މެދު ފަންތީގެ ރިސޯޓުތަކަށް އެކަމުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރު ކެބިނެޓުން ވެސް ވަނީ ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓޭނެ ގޮތްތަކެއް ފާސްކޮށްފައި ކަމަށެވެ. އެމްއެމްއޭއިން އެކަން އޭރު ތަންފީޒު ނުކުރީ ޓީޖީއެސްޓީ ބޮޑު ކުރުމާއި ކޮވިޑާ ގުޅިގެން އައި ހީނަރުކަމާ އެކު ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިވެދާނެތީ ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމައެކަނި އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކުން އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގެނައި ބަދަލާ އެކު ސަރުކާރާއި އެމްއެމްއޭ އިން ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ހުރި ކަންބޮޑުވުންތައް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.