Roadha Mihaaru
މި އާއިލާގެ ހިތް ދޫވީ ރާއްޖޭގެ ހިމޭން ދިރިއުޅުމަށް

ނައިޖީރިއާގެ މި އާއިލާގެ ހިތް ދޫވީ ރާއްޖޭގެ ހިމޭން ދިރިއުޅުމަށް

01 އޮކްޓޯބަރ 2024

އުމުރުން އެންމެ ހަތަރު އަހަރުގެ ނައިޖީރިއާ، ޕްލެޒެންޓް، ރާއްޖޭގެ ގައުމީ ސަލާމް ކިޔާ ވީޑިއޯއަކަށް ދެ ލައްކައާ ގާތް ކުރާ އަދަދަކަށް ވިއުސް ލިބިއްޖެ އެވެ. ހާހެއްހާ ކޮމެންޓް އެ ވީޑިއޯ އަށް މީހުން ކޮށްފި އެވެ. އެހާ ޝައުގުވެރިކަމާ އެކު، ރާގުގައި ވަރަށް ފަރިތަކޮށް، އެ ކުއްޖާ ގައުމީ ސަލާމް ކިއުމުން ގިނަ ބަޔަކު ތައުރީފްކުރީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އުމުރުން އެންމެ ހަތަރު އަހަރުގެ ނައިޖީރިއާ، ޕްލެޒެންޓް، ރާއްޖޭގެ ގައުމީ ސަލާމް ކިޔާ ވީޑިއޯއަކަށް ދެ ލައްކައާ ގާތް ކުރާ އަދަދަކަށް ވިއުސް ލިބިއްޖެ އެވެ. ހާހެއްހާ ކޮމެންޓް އެ ވީޑިއޯ އަށް މީހުން ކޮށްފި އެވެ. އެހާ ޝައުގުވެރިކަމާ އެކު، ރާގުގައި ވަރަށް ފަރިތަކޮށް، އެ ކުއްޖާ ގައުމީ ސަލާމް ކިއުމުން ގިނަ ބަޔަކު ތައުރީފްކުރީ އެވެ.

ދިވެހިންނަށް ޕްލެޒެންޓް ކިޔައިދިން ގައުމީ ސަލާމުން ދައްކުވައިދިނީ ރާއްޖެ އަށް އޮތް ލޯތްބެވެ.

އެ ކުއްޖާގެ އާއިލާ ދިރިއުޅެމުން އަންނަނީ މ. ކޮޅުފުށީގަ އެވެ. އެ މީހުން ރާއްޖެ ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. ދިވެހި މާހައުލަށް ހޭނި، ކަމުގޮސްގެން އެ އާއިލާ އިން އަންނަނީ ދިވެހި މުޖުތަމައާ ވެސް ގުޅޭ މަޖާ ޓިކްޓޮކްތައް ހަދައި މި އާއިލާގެ ރަށްފުށުގެ ދިރިއުޅުން ދައްކައިލަމުންނެވެ.

އެ މީހުން މިހާތަނަށް އާންމުކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ ހިނގި އެއް ވީޑިއޯއަކީ އެ ކުއްޖާގެ ގައުމީ ސަލާމުގެ ވީޑިއޯ އެވެ.

ކޮޅުފުށީ ހެލްތު ސެންޓަރުގައި ޑޮކްޓަރަކަށް އުޅޭ އެ ކުއްޖާގެ ބައްޕަ، ނިސައިކޭކް އެކުވެއާ "މިހާރު" އަށް ކިޔައިދިން ގޮތުގައި ދަރިފުޅަށް ކޮންމެވެސް ވަރަކަށް ދިވެހި ބަސް އެނގެ އެވެ. ކުލާހުގައި ހުސް ދިވެހި ކުދިން އުޅޭތީ އެ ކުދިން ވާހަކަ ދައްކާ އަޑު އަހައި، ބައެއް ކަހަލަ ކުދިކުދި ބަސްތައް ނަގައިގަނެގެން ކިޔަނީ އެވެ.

އެކަމަކު މީގެ ކުރިން ގޭތެރޭގައި ވެސް ދިވެހި ގައުމީ ލަވަ ނުކިޔަ އެވެ. އެހެންވެ، ރާއްޖޭގެ ގައުމީ ސަލާމް އެ ކުއްޖާ އަށް ކިޔަން އެނގޭ ކަމެއް މައިންބަފައިންނަކަށް ވެސް ނޭނގެ އެވެ.

އެކަން ފާހަގަވީ، ކޮޅުފުށީ ޕްރީސްކޫލުގެ އެލްކޭޖީގައި ކިޔަވަމުން އައި އެ ކުއްޖާގެ މި ޓާމުގެ ކިޔެވުން ނިންމައި ރިޕޯޓު ފޮތް ދިނުމަށް ބޭއްވި ހަފުލާ ނިންމާލުމަށް ގައުމީ ސަލާމް ޖެހުމުންނެވެ. ކޮޅަށް ތިބެ، އެންމެން އެ ލަވަ ކިޔަވަމުންދިޔައިރު ކުއްޖާ ވެސް ދިޔައީ ތުންތަޅުވަމުންނެެވެ.

އެއީ ސަމާސާއަކަށް ކުރާ ކަމެއް ކަމަށް ބައްޕަ އަށް އެވަގުތު ހީވިޔަސް، ގެއަށް ދިއުމަށް ފަހު، އެ ލަވަ ކިޔުމަށް އެދުނެވެ. އަދި ކުއްޖާ ލަވަ ކިޔަން ފެށުމުން އޭނާ އަށް ލިބުނީ ހައިރާންކަމެކެވެ.

އަހަރެން އަސްލު ހީކުރީ އޯޑިއަންސް ހައްދާލަންވެގެން އޭނާ ތުންތަޅުވަނީ ކަމަށް. އެހެންވެ ގެއަށް އައިސް އެ ވާހަކަ ބުނާއިރަށް ބުނީ އެނގެޔޭ ލަވަ. ދެން ލަވަ ކިޔަން ފެށީމަ އަހަރެން ލިރިކްސް ދިމާވޭތޯ ބެލިން ވީޑިއޯއަކުން ވެސް. ހަމަ ރަނގަޅަށް ކިޔަން ފެށީމަ ހައިރާންވި - ބައްޕަ

"ވީޑިއޯ ވައިރަލްވި ވާހަކަ ބުނީމާ ފޮނިވެގެން މިހާރު އަބަދު އެ ލަވަ ކިޔަނީ ގޭގައި ވެސް،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.

ބައްޕަ ބުނިގޮތުގައި ދަރިފުޅަށް ދިވެހި ބަސް ދަސްކުރުވުމަށް އެ މީހުން މަސައްކަތެއް ނުކުރެ އެވެ. ކުދިން ދައްކާ ވާހަކަތަކާއި ޓީޗަރުންގެ ވާހަކަތައް ވެސް އަޑު އަހައިގެން ބައެއް ބަސްތައް އެ ކުއްޖާ ނަގައިގަންނަން ފެށީ އެވެ.

ރާއްޖެ އައީ މާހައުލު ތަފާތުކޮށްލަން، ރަށްފުށުގެ ދިރިއުޅުން މާކަމުދޭ!

ޔޫކްރެއިނުން ޑޮކްޓަރުކަން ކިޔެވުމަށް ފަހު ނިސައިކޭކް އެންމެ ފުރަތަމަ މަސައްކަތްކުރީ ނައިޖީރިއާގެ ޒެނިތު މެޑިކަލް އެންޑް ކިޑްނީ ސެންޓަރުގަ އެވެ. އެކަމަކު 2022 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ އެކި ސަބަބުތަކާ ހުރެ މާހައުލު ބަދަލުކޮށްލަން ބޭނުންވީ އެވެ.

ނިސައިކޭކް ބުނީ، އެ ވަގުތު ރާއްޖޭގައި ހުރި އެހެން ރައްޓެއްސެއްގެ ފަރާތުން މިތަނުގެ ފުރުސަތުތަކާއި މާހައުލު އޮތް ގޮތް ކިޔައިދިނުމުން ރާއްޖެ އަށް އަންނަން ބޭނުންވީ ކަމަށެވެ. އެހެންވެ، ހަމަ އެ އަހަރުގެ ތެރޭގައި އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ އެކަންޏެވެ. އެކަމަކު ފަހުން އާއިލާ ވެސް މިތަނަށް ގެނެސް، މިހާރު ދިރިއުޅެމުން އަންނަނީ ކޮޅުފުށީގަ އެވެ.

"އަސްލު ބޭނުންވީ ތަފާތު ކަލްޗާއެއް އެކްސްޕީރިއަންސް ކުރަން. އެގޮތަށް އަތޮޅު ހޮސްޕިޓަލެއްގައި ޑޮކްޓަރަކަށް އުޅުނު ރައްޓެއްސެއްގެ ފަރާތުން ރާއްޖެ އެނގުނީ. ދެން ހިތަށް އެރީ ޓްރައި ކޮށްލާނީއޭ މި ފުރުސަތު ވެސް،" ނުވަ އަހަރުގެ ޑޮކްޓަރުކަމުގެ ތަޖުރިބާ ހުރި އޭނާ ބުންޏެވެ.

ނިސައިކޭކް އެކުވެއާ: އޭނާގެ ހިތް މިހާރު އޮތީ ރާއްޖޭގައި

ނިސައިކޭކް އެކުވެއާ: އޭނާގެ ހިތް މިހާރު އޮތީ ރާއްޖޭގައި

ނައިޖީރިއާގެ ތަފާތު އަދި ހަލަބޮލި މާހައުލުން، ރާއްޖޭގެ ކުޑަކުޑަ ރަށަކަށް ބަދަލުވުމަކީ އެ މީހުންނަށް ތަފާތު ކަމެކެވެ. އޭނާ ސިފަކުރި ގޮތުގައި މިހާރު އެ މީހުންގެ ދިރިއުމުގައި އޮތީ ހަމަހިމޭންކަމާއި މަޑުމަތިރި ކަމެވެ. "މިއީ ހިތްފަސޭހަ ދިރިއުޅުމެއްް" ކަމަށް އޭނާ ބުންޏެވެ.

ކުށް މަދު ރަށެއްގައި މިގޮތަށް އުޅެން ލިބުމަކީ ނިއުމަތެއްގެ ގޮތުގައި ސިފަ ކުރި އެވެ.

"ނައިޖީރިއާއަކީ ވަރަށް ހަލަބޮލި ތަނެއް. މިތަނުގައި މާލެ ކަހަލަ ތަނެއް އެއީ. ހުސް ދުއްވާ އެއްޗެއްސާއި އަޑުތަކާއި މިހެން ގޮސް ވަރަށް ހަލަބޮލިވާނެ. މިހެން އުޅެފައި ރަށަކަށް އައި އިރު މިއީ ކުށް މަދު، ހިމޭން އަރާމު ތަނެއް،" އާންމުބަލިތަކާ ބެހޭ ޑޮކްޓަރު ބުންޏެވެ.

ރާއްޖެ ބަދަލުވުމަށް ފަހު، ދިމާވި އެންމެ ބޮޑު ދައްޗަކަށް އޭރު އޮތީ ކެއުންބުއިމުގައި އޮތް ތަފާތެވެ. އެފްރިކާގެ ގައުމުތަކުގައި ކާ އެއްޗިއްސާ އަޅާބަލާއިރު ދިވެހިންގެ ކެއުބުއިމުގައި ހާސް ތަފާތު އެބަ ހުއްޓެވެ. އެކަމަކު މިހާރު ދިވެހި ކެއުމަށް ހޭނިއްޖެ ކަމަށް އޭނާ ބުންޏެވެ. މިހާރު ބައެއް ކަހަލަ ދިވެހި ކެއުން ތައްޔާރުކުރަން ވެސް އެ އާއިލާ އަށް އެނގެ އެވެ.

"ރޮއްޓާއި މަސް ހުންޏާ އެއްޗެހި ވެސް ކަމުދޭ. އެކަމަކު ރޮށި ފިހަން އެނގުނަސް މަސް ހުނި އަދިވެސް ދިވެހިން ހަދާ ގޮތަށް ނޭނގޭ ހަދާކަށް. ދިވެހިން ތައްޔާރު ކުރާ ގޮތަށް ބަޓާ ޗިކަން އާއި ފްރައިޑް ރައިސް އެއްޗެހި ވެސް ދަސްކޮށްފިން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

ޑޮކްޓަރަކަށް ވެފައި ކޮންމެ ދުވަހަކު ވެސް ދިވެހިންނާ ބައްދަލުވާތީ ކޮންމެވެސް ވަރަކަށް ނިސައިކޭކް އަށް ދިވެހި ބަސް އެނގެ އެވެ. ބަލިވެގެން ދާ މީހުންގެ ގާތުގައި އާއްމުކޮށް އަހަން ޖެހޭ ސުވާލުތަކާއި އެ މީހުންގެ ޝަކުވާތައް ދިވެހިން ބުންޏަސް މިހާރު އެނގޭ ކަމަށް ފަހުރުވެރިކަމާ އެކު އޭނާ ބުންޏެވެ.

ނައިޖީރިއާގެ ދިރިއުޅުމާއި ރާއްޖޭގެ ތަފާތުތައް ކިޔައިދެމުން ނިސައިކޭކް ބުނީ ކުދިންނަށް ކިޔަވައިދޭ ވަގުތު ރާއްޖޭގައި ވަރަށް ކުޑަ ކަމަށެވެ. ނައިޖީރިއާގައި އެލްކޭޖީ ކުދިންނަށް ވެސް 8 ވަރަކަށް ގަޑިއިރު ކިޔަވައިދޭ ކަމަށާއި އެކަމަކު ރާއްޖޭގައި ސްކޫލަށް ގެންދަން ޖެހެނީ އެންމެ ތިން ގަޑިއިރަށް ކަަމަށް ބުންޏެވެ. އެކަން އެ މީހުންނަށް ފާހަގަވަނީ ވަރަށް ތަފާތު ކަމެއްގެ ގޮތުގަ އެވެ.

ކުޑަ ރަށެއްގައި އުޅެމުން އަންނަތާ މިހާރު ދެ އަހަރު ވެފައިވާއިރު ރައްޓެހިންގެ ފަރާތުން ވެސް އެ ރަށުގެ ދިރިއުޅުން ތަޖުރިބާ ކުރުމަށް ފުރުސަތު ލިބެ އެވެ. އެ މީހުންގެ ގެތަކަށް ގެންދިއުމާއި ރަށުގައި އޮންނަ ހަރަކާތްތަކާއި އީދު ދުވަސްތަކުގައި ވެސް އެ މީހުންނާ ބައިވެރިވެގެން އުޅުމަށް މި އާއިލާ އަށް ފުރުސަތު ލިބެ އެވެ.

ނިސައިކޭކް ބުނި ގޮތުގައި އެ މީހުންނަށް ރާއްޖޭގެ ރަށްފުށުގެ މި ދިރިއުޅުން ވަރަށް ކަމުދެ އެވެ. ހާލަތެއް ދިމާވެގެން މާލެ އަންނަން ޖެހުނަސް މާލެއަކީ މާ ގަޔާވާ ތަނަކަށް ނުވެ އެވެ. ހަލަބޮލި މަގުތަކުން ލިބެނީ ނުތަނަވަސްކަމެވެ. އަވަހަށް ކުރަން އައި ކަންކަން ނިންމާލައި ބޭނުން ވަނީ ރަށަށް ދާށެވެ.

އެ މީހުންގެ އުފާވެރިކަން އޮތީ، ކޮޅުފުށީގެ ހިމޭން މާހައުލުގަ އެވެ.