Roadha Mihaaru
އާޓް ގެލަރީން ވައްކަން ކުރާ މައްސަލަ ބޮޑުވެއްޖެ!

އާޓް ގެލަރީން ވައްކަން ކުރާ މައްސަލަ ބޮޑުވެއްޖެ!

06 އޮކްޓޯބަރ 2024

ނޭޝަނަލް އާޓް ގެލަރީން ވައްކަން ކުރާ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނޭޝަނަލް އާޓް ގެލަރީން ވައްކަން ކުރާ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ދިވެހި އާޓިސްޓުންގެ އެގްޒިބިޝަނެއް އާޓް ގެލަރީގައި ކުރިޔަށް ދާއިރު މިދިޔަ ހުކުރު ދުވަހު ވަނީ އެތަނުގެ ކަރަންޓު ކޭބަލްތަކެއް ބުރި ކޮށްލައިގެން ވަގަށް ނަގައިފަ އެވެ. އެހެންވެ، އެ ދުވަހު އާޓް ގެލަރީގައި ކަރަންޓެއް ނެތެވެ.

އެ މައްސަލާގައި، އާޓިސްޓް ކޮމިއުނިޓީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ކުރިއަށްދާ "މިއުސް" އެގްޒިބިޝަންގެ ކޯ ފައުންޑާ އަހުމަދު އަޒްމީ ހަލީމް (ބާޗީ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ފުރަތަމަ ފަހަރަށް ހިނގި ކަމެއް ނޫން ކަމަށާއި އެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އާޓް ގެލަރީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ބާޗީ ވަނީ ގޮވާލައްވައިފަ އެވެ.

"ގެލެރީގެ ކަރަންޓް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ފަންނުވެރިންގެ ޒިންމާއެއް ނޫން. މި މައްސަލައަށް ހައްލެއް ހޯދުމަށް އެންސީއޭ އާއި ގެލެރީގެ މެނޭޖްމަންޓުން އިތުރަށް ފިޔަވަޅު އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން ހައި ސެކިއުރިޓީގައި ބަލަހައްޓާ ގްރީން ޒޯނުގައި ހުންނަ އާޓް ގެލަރީން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އާޓް ގެލަރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި އެވެ.

އޭގެ އިތުރުން އެތަނުގެ ފުރާޅަށް އަރައި ހަ އެއާކޯނެއްގެ އައުޓްޑޯ ޔުނިޓު ވެސް ވަނީ ގެންގޮސްފަ އެވެ.

މި މައްސަލަތައް ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހެޅި ނަމަވެސް އެނގިފައިވާ ގޮތުގައި، މިހާތަނަށް ހައްލެއް ނުލިބެ އެވެ.

އާޓް ގެލަރީން މި ފަހުން ވައްކަން ކުރި މައްސަލާގައި ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.