Roadha Mihaaru
ނިއުއާ އެކު ކާމިޔާބީ ތަކުރާރު ކުރަން ބޭނުން: ސެންޓޭ

ނިއުއާ އެކު ކާމިޔާބީ ތަކުރާރު ކުރަން ބޭނުން: ސެންޓޭ

03 މާޗް 2017

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ ހޯދި ކާމިޔާބީތައް މި އަހަރު ނިއު ރޭޑިއަންޓާ އެކު ތަކުރާރުކުރަން ބޭނުންވާ ކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފި އެެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ ހޯދި ކާމިޔާބީތައް މި އަހަރު ނިއު ރޭޑިއަންޓާ އެކު ތަކުރާރުކުރަން ބޭނުންވާ ކަމަށް އަލީ ފާސިރު (ސެންޓޭ) ބުނެފި އެެވެ.

ޓީސީ އަށް ތިން މުބާރާތުގެ ދެ ވަނަ ހޯދައިދިނުމުގައި ސެންޓޭގެ ދައުރު ބޮޑެވެ. މުޅި ސީޒަނުގައި އޭނާ ވަނީ 34 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިއީ ސެންޓޭގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރެވެ. އޭނާ ވަނީ މޯލްޑިވްސްފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަންބޫޓް ހާސިލްކޮށްފަ އެވެ.

"ނިއު އަށް ކާމިޔާބު ހޯދައިދޭން އެންމެ ބޮޑަށް ބޭނުންވަނީ. ދެން އެ ގޮތަށް އެކަންވެއްޖެނަމަ މިދިޔަ ސީޒަނުގައި ހޯދި އެހެން ކާމިޔާބީތައް ވެސް ތަކުރާރު ކުރަން ފަސޭހަވާނެ. އެކަން ކުރަން ވެސް ބޭނުން ވަރަށް މަސައްކަތް ކުރާނަން،" ސެންޓޭ "މިހާރަ"ށް ބުންޏެވެ.

އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.

އާ އިންތިހާބަކަށް ފަހު ނިއު މި ފަހަރުގެ ސީޒަނަށް ވަނީ ބޮޑު ހަރަދުތަކެެއް ކޮށް ތައްޔާރުވެފަ އެވެ. ނިއުގެ މެނޭޖްމަންޓުން މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަކީ ސީޒަނުގެ ހުރިހާ ތަށްޓެކެވެ. ވާދަވެރި އެހެން ޓީމުތައް ސީޒަނުގެ ފުރަތަމަ މެޗު ކުޅެފަ އެވެ. ނިއު ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ވާދަވެރި ވިކްޓަރީއާ ދެކޮޅަށެވެ.

"ހަގީގަތުގައި ލަހުން ފެށުމަކީ މައްސަލައެއް ނޫން. އެއީ މި ޓީމުގެ ތައްޔާރީތައް ދިޔައީ އެ އަށް ވުރެ ރަނގަޅަށް. އެ ކަންތައްތަކަށް ބަލާއިރު ޓީމަށް ކާމިޔާބު ހޯދޭނެ. މީގެ އޮތީ މެނޭޖްމަންޓާއި ކުޅުންތެރިން އަދި ކޯޗިން ސްޓާފުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން،" ސެންޓޭ ބުންޏެވެ.

ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މާލޭ ލީގުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ 9 ޖަހާއިރު އެވެ.