Roadha Mihaaru
ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ

ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ

20 ޖުލައި 2017

އެސްޓީއޯ މާލޭ ލީގު ގެއްލުނަސް އެއީ މާ ބޮޑު މާޔޫސްކަމެއް ކަމަށް ނުދެކި ނިއު ރޭޑިއަންޓުން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގު ގެއްލުނަސް އެއީ މާ ބޮޑު މާޔޫސްކަމެއް ކަމަށް ނުދެކި ނިއު ރޭޑިއަންޓުން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު، އެ ޓީމަށް ޕޮއިންޓް ލިބުނީ ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް ނިއުއާ އެއްވަރަށް 27 ޕޮއިންޓެވެ. މާޒިޔާ އަތުގައި ފައިދާ 10 ގޯލް އޮތްއިރު ގްރީން ސްޓްރީޓްސްގެ އޮތީ ނުވަ ލަނޑެވެ. އަދި ނިއުގެ އޮތީ ހަތް ލަނޑެވެ.

މާޒިޔާ ލީގު ކާމިޔާބުކުރީ ރޭ ނިއުއާ 1-1 އިން އެއްވަރު ކޮށްގެންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ލަނޑާ އެކު ނިއު ރޭޑިއަންޓް ލީޑު ނަގާފައިވަނިކޮށް މާޒިޔާ އެއްވަރުކުރީ ދެ ވަނަ ހާފްގައި އަމްދާން އަލީ (އެންޑީ) ކާމިޔާބުކުރި ގޯލުންނެވެ.

މާޒިޔާ އިން ޖެހި ލަނޑަކީ ނިއުގެ ސްޓެފަން މާކޮވިޗް މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ފައުލަކުން މިލޮސް ކޮވަސެވިޗްގެ ހިލޭ ޖެހުމަކުން އެންޑީ ކާމިޔާބުކުރި ލަނޑެކެވެ. ނިއުގެ ކޯޗު އޮސްކާ ބުނީ އެ ފައުލަކީ ރެފްރީ ނިންމި ގޯސް ނިންމުމެއް ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހޭ އަހަރެމެން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅުނު ގޮތް ފެނުމުން. މި މެޗުން ފެނިއްޖެ އަހަރެމެން ޕްރިމިއާ ލީގުގައި ކުޅޭނެ ގޮތުގެ ކޮންމެވެސް ވަރެއް. އެކަަމަކު ވަރަށް ނަސީބު ދެރަކޮށް ދިމާވީ އެއީ ރެފްރީއަށް ހެދުނު އެންމެ ގޯހަކުން އަހަރެމެންނަށް މި ގެއްލުނީ ލީގު،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ލިބުނު ފުރުސަތުތަކަށް ބަލާއިރު ވެސް މެޗުން މޮޅުވުން ހައްގީ ނިއު ކަމަށެވެ.

"ގޯސްކޮށް ނެތް ކަމެއް ދިމާވެފައި. މާޒިޔާ އަށް ވުރެން ލަނޑު ޖަހަން ގިނަ ފުރުސަތު ނިއު އިން ހޯދި. އަހަންނަށް ހީވާ ގޮތުގައި ތިން ވަރަކަށް ފުރުސަތު ލިބުނީ މާޒިޔާ އަށް. އަހަރެމެންނަށް އަށް ވަރަކަށް ފުރުސަތު ލިބުނު،" އޮސްކާ ބުންޏެވެ.

މާލޭ ލީގު ގެއްލުނަސް ހަގީގީ މަގްސަދަކީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގު ކަމަށާއި ނިއު އިން އެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ނިއުގެ ކަންޑޭލާ (ވ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެންދަނީ--. ފޮޓޯ:ނިޝާން އަލީ/ މިހާރު

ނިއުގެ ކަންޑޭލާ (ވ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެންދަނީ--. ފޮޓޯ:ނިޝާން އަލީ/ މިހާރު

"މި ތަށި މި ލިބުނީ މާޒިޔާ އަށް. އެކަމަށް އެ ޓީމަށް އަހަރެން މަރުހަބާ ކިޔަން. އަހަރެމެން އެނބުރި އަންނާނީ ވަރުގަދަކޮށް. އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ދެން އޮތް ތަށި އަހަރެމެންނަށް ލިބޭނެ ކަމުގެ،" އޮސްކާ ބުންޏެވެ.

ނިއު އިން މި ސީޒަނަށް ބޮޑު ހަރަދުކޮށްގެން ނުކުތީ ސީޒަނުގެ ހުރިހާ ތަށްޓެއް ކާމިޔާބު ކުރަން ޓާގެޓް ކޮށްގެންނެވެ. މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނަތީޖާތައް އެންމެ ރަނގަޅު ނުވުމުން ކުރިން ކޯޗަކަށް ހުރި ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވަނީ ދެ ވަނަ ބުރުގެ ދެ ވަނަ މެޗަށް ފަހު މަގާމުން ވަކިކޮށްފަ އެވެ. އޮސްކާ ނިއު އަށް ކޯޗުކޮށްދިނީ ހަތަރު މެޗުގަ އެވެ. އޭގެ ތެރެއިން މޮޅުވީ ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ދެން އީގަލްސް، ވިކްޓަރީ އަދި މާޒިޔާއާ ކުޅެގެންވީ އެއްވަރެވެ.

"އަހަރެންނަށް މި މެޗުގައި ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ ތަށި ނުލިބުން. ދެން ދިޔައީ ރަނގަޅަށް. މިއީ ކުރެވެމުންދާ މަސައްކަތެއް. މި ޓީމުގައި ނުކުޅެ ތިބި ކުޅުންތެރިންނާ އެކު އިތުރަށްދާނީ ވަރުގަދަ ވަމުން." އޮސްކާ ބުންޏެވެ.

ޓްރާންސްފާ ޕީރިއަޑްގައި ނިއު އިން ގެނައި ހަތަރު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައިވަނީ ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އާއި އޮއްޕޮ ކުޅެފަ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި އިންއިރު، ލުބުނާންގެ ޑިފެންޑަރު ހުސެއިން އެލްޑޯ އަދި ރަޖިސްޓްރީ ނުކުރާތީ ޓީމަށް ނުނަގަ އެވެ.

ލީގުގެ ފުރަތަމަ ބުރުގެ މެޗުން މާޒިޔާ ވަނީ 2-1 އިން ނިއު ބަލިކޮށްފަ އެވެ.