Roadha Mihaaru
"އެއްބަސްވީ ލިޔެފައިވާ އެއްޗަކަށް، ފެންނަން ހުންނާނެ"

ރައީސް ދެއްވީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމެއް ދަތުރުފުޅުގައި ނުކުރައްވާ ކަމުގެ ޔަގީންކަން

09 އޮކްޓޯބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އެކު ވި އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަދި އެހެން ގައުމެއްގެ ބާރު އެއްކޮށް ހިނގާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު މިރޭ ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން ބެންގަލޫރުން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އެކު ވި އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަދި އެހެން ގައުމެއްގެ ބާރު އެއްކޮށް ހިނގާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު މިރޭ ދެއްވައިފި އެވެ.

ރައީސް އެ ޔަގީންކަން ދެއްވީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ހާއްސަ ހަފުލާގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންޑިއާގެ ރައީސްގެ ދައުވަތަކަށް އިންޑިއާ ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއުލާން ކުރެއްވި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ އެންމެންނަށް ފެންނަ ގޮތަށް އޮތް ޑޮކިއުމަންޓެއް ކަމަށެވެ.

"ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެެއްޗެއް. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،" ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވި "ވިޝަން ޑޮކިއުމަންޓް" އާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހާރު

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހާރު

އެ ޑޮކިއުމަންޓް ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ރައީސް ވިދާޅުވީ، ކުރީގައި ވީ ގޮތަށް އެހެން ބަޔަކު ކަންކަން ކުރަން ޖެހޭ ގޮތަށް މި ފަހަރު ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑް ކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ގައުމުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ކަންކަމުގައި ކެޕޭސިޓީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރު ކޮށްގެން ކުރާ ވާހަކަ އޮންނާނީ،" ވިޝަން ޑޮކިއުމަންޓަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ބޭއްވެވި ހަފްލާގައި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ/މިހާރު

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ބޭއްވެވި ހަފްލާގައި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ/މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަށް އެންމެ މުހިންމީ އިސްލާމްދީނާއި ގައުމިއްޔަތެވެ. ވިދާޅުވީ އެ ކަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ވިޝަން ޑޮކިއުމަންޓުގައި ނޯންނާނެ ކަމަށެވެ.

"މިއީ ވަރަށް ދެފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއް. ފެންނަން އޮންނަ އެއްޗެއް މި ވިޝަން ޑޮކިއުމަންޓަކީ. ބައްލަވާލައްވާ. އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.

"އެހެން ބަޔަކު ދައްކާ ވާހަކައަކަށް ފިކުރު ނުކުރައްވަން، ހަގީގަތް ސާފުކޮށް ފެންނަން އޮތީމާ."

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ބައެއް ދިވެހިން ބައިވެރިވަނީ --- ފޮޓޯ/މިހާރު

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ހަފުލާގައި ބައެއް ދިވެހިން ބައިވެރިވަނީ --- ފޮޓޯ/މިހާރު

ހާރިޖީ ސިޔާސަތު ބަދަލެއް ނުވޭ

ރައީސް ބެންގަލޫރުގައި ހުންނަވާ ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، މި ވެރިކަމުގައި ގެންގުޅޭ ހާރިޖީ ސިޔާސަތު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އިއުލާންކުރަން ބޭއްވި ޖަލްސާގައި އިއުލާން ކުރެއްވި ކަމަށާއި މިހާރު އަމަލު ކުރަނީ އެ ސިޔާސަތަށް ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި އެއީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު އަބަދުވެސް އިސްކުރުމުގެ ސިޔާސަތެވެ.

"އަޅުގަނޑު އެރޭ ދެންނެވި ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ފަހިވާ ގޮތަށް ކަންކަން ހަމަޖެހިގެންދާ ގޮތަށް ނުވަތަ ރައްޔިތުންގެ ކަންކަން ފަހިކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުން ބާއްވާނަމޭ. އެ ގާތްގުޅުން ބާއްވާއިރުގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްވާކަން އަބަދުމެ ކަށަވަރު ކުރާނަމޭ. އެއީ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެހެންވެ މި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅުވައިގެން އެއްވެސް ދިވެއްސެއްގެ ހިތުގައި ކަމެއް ނުބޭއްވުމަކީ އެދިވަޑަިއގަންނަވާ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭއިރު އެއީ ރާއްޖެ އަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމު ކަމަށެވެ. ދިވެހިންނަށް ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތް ދިއްކުރަނީ އިންޑިއާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެ އަށް އަޅުގަނޑުމެންގެ ގައުމަށް އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ވެގެން ދިއުމަކީ އަދި އަބަދުވެސް އެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު އެ ދުވަހު އިއުލާންކުރި ސިޔާސަތުގެ ދަށުން އެކަން އޮންނަން ވާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.