09 އޮކްޓޯބަރ 2024
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދި ކޮންމެ އިރަކު ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް އާ ގަވާއިދެއް ހަދައިފި އެވެ.
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދި ކޮންމެ އިރަކު ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް އާ ގަވާއިދެއް ހަދައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު "ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައި ބުނީ ހައްޖަށް މީހުން ގެންދިއުމަށް އެދި އަހަރުގެ ކޮންމެ ދުވަސްވަރު ވެސް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ.
މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. ފެބްރުއަރީ، 2022 ގައި އަމަލުކުރަން ފެށި އެ ގަވައިދުގެ ދަށުން މިނިސްޓްރީން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ ފަހަރު އިއުލާން ކުރަމުންނެވެ.
އެހެންވެ، ދެ އަހަރަށް ދޭ ހުއްދަ ހަމަވި ނަމަވެސް، މިނިސްޓްރީން އިއުލާންކުރަން ދެން މަޑު ކުރަންޖެހެ އެވެ. އެކަމަކު، އާ ގަވައިދުގެ ދަށުން، ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަން ޖެހެ އެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކޮންމެ އިރަކު ވެސް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ބަދަލުކުރީ އުމްރާއަކީ ވަކި ދުވަސްވަރެއްގައި އަދާކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އަދި އަހަރުގެ އެކި ހިސާބުތަކުގައި ކުންފުނިތަކުން އުމްރާ ދަތުރުކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
"އެކި ސަބަބުތަކާ ހެދި މިހާތަނަށް ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެކި ތާރީހު ތަކުގައި. އެހެން ކަމުން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ބައެއް ކުންފުނިތަކުގެ ހުއްދަ ހަމަވި ނަމަވެސް އިއުލާން ކުރަންދެން ހުއްދަ ނުނަގާ މަޑުކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
ގަވާއިދުގައި ބުނީ އުމްރާއަށް ގެންދަން ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލް ކަމަށެވެ. އަދި ޕްރޮޕޯޒަލް ރަނގަޅު ކުރަންޖެހޭނަމަ ހަތް ދުވަސް ތެރޭގައި އެ ލިޔުމެއް ހުށަހަޅަންޖެހެ އެވެ.
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭއިރު 20،000ރ. ގެ ފީއެއް ނަގަ އެވެ. ހުއްދަ އާ ކުރާއިރު 15،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ. އުމްރާއަށް ދާ މީހުންގެ އަތުން ހިދުމަތްތަކާ އެކަށީގެން ނުވާ އަގުތައް ނަގައިގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ހުއްދަ ލިބުމުގެ ކުރިން ނުވަތަ ހުއްދަ އާ ކުރުމުގެ ކުރިން އެއްވެސް ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހު އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ، ގަވައިދު ބުނާގޮތުން އެ ފައިސާ ދެއްކި މީހާ އެވެ.
އުމުރުން 45 އަހަރު ނުވާ އަންހެނުން މަހުރަމަކާ ނުލައި އަދި 18 އަހަރު ނުވާ ފިރިހެން ކުދިން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގަވައިދުގައި ބުނެ އެވެ. ނަމަވެސް، ޝަހީމް ވިދާޅުވީ، ސައުދީގެ ގަވައިދުތަކަށް ވެސް މި ފަހުން ގެނައި ބަދަލާ ހެދި އެ އުސޫލު އުވާލަން އަންގާފައިވާ ކަމަށެވެ.
"މިއީ ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ އުސޫލުތަކުގައި އެހެން އޮންނާތީ ރާއްޖޭގައި މިހާތަނަށް އަމަލުކުރާ ހައްޖާއި އުމްރާއާ ބެހޭ ހުރިހާ އުސޫލެއްގައި ކުރިން ވެސް އޮންނަ މާއްދާއެއް. ސައުދީގެ ގަވާއިދުތަކުން ވަރަށް ފަހުން މި މާއްދާ ވަނީ އުވާލާފައި. މި މާއްދާ ރާއްޖޭގެ އުސޫލުން ވެސް އުވާލަން ވަނީ އަންގާފައި." އޭނާ ވިދާޅުވި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެ ފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ވެ އެވެ.
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ކަށުކަމާކެމީގެ ސަނަދު ލިބޭ ގޮތް ފަސޭހަކޮށްދީފި
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
އަގު ހެޔޮ އުމްރާ ޕެކޭޖް ތައާރަފްކުރަން އެދިވަޑައިގެންފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ
ފަލަސްތީނުގެ މިނިސްޓަރު ރާއްޖޭގައި ހުތުބާ ދޭން ދައުވަތު