ރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި 19 ކުންފުނީގެ ނަން އާއްމުކުރާނީ ޖޫރިމަނާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
15 ޖެނުއަރީ 2025
ރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި 19 ކުންފުނީގެ ނަން އާއްމުކުރާނީ ޖޫރިމަނާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އުމްރާއަށް މީހުން ގެންދިޔަ ބައެއް ކުންފުނިތަކުން ވަނީ މި އަހަރު ވެސް އުސޫލާ ޚިލާފުވެފަ އެވެ. މި މައްސަލާގައި މިނިސްޓްރީން ވަނީ 19 ކުންފުންޏެއް 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މީގެ ތެރޭގައި އުމްރާއަށް މީހުން ނުގެން ގޮސް އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް ކުންފުންޏެއްގެ މައްސަލަ ވެސް މިނިސްޓްރީން އަންނަނީ ބަލަމުންނެެވެ.
އުސޫލާ ޚިލާފަށް ބައެއް ކުންފުނިތަކުން އަމަލުކުރުމުން އުމްރާ އަށް ދިޔަ ބައެއް މީހުންނަށް މިފަހަރު ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަލް-ހިޖުރަ ކިޔާ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދިޔައީ އެއްކޮޅު ޓިކެޓް ނަގައިގެންނެވެ. އެ މީހުންނަށް ނާދެވި މައްކާގައި ތާށިވުމުން، ރާއްޖެ ގެނެސްދިނީ ސަރުކާރުގެ ހަރަދުގަ އެވެ.
އުމްރާގެ އުސޫލާ ޚިލާފުވި ކުންފުނިތަކެއް ޖޫރިމަނާކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރި "މިހާރު"ގެ ހަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް އެދުނީ އެ ކުންފުނިތަކަށް ސަމާލުވާން ނަންތައް އާއްމުކޮށްދިނުމަށެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިތަކުގެ ނަން އާންމުކުރާނީ ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށެވެ.
އުމްރާ ކުންފުނިތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވި ގޮތުގައި އޮޅުވާލައިގެން ޑޮލަރު ނެގި ކަމަށް ތުހުމަތުކުރެވޭ ކުންފުނީގެ މައްސަލަ ސާބިތުވެއްޖެ ނަމަ، 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ވެސް ހުށަހަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެކަމަކު މިހާތަނަށް އެ ކުންފުނީގެ ނަން ވެސް އާންމުކޮށްފައި ނުވަނީ އެކަން ކަށަވަރުނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނީގެ މައްޗަށް ތުހުމަތުކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްތައް ހުށަހެޅުމުން ޑޮލަރު ދޫކުރާތީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ޑޮލަރު ހޯދި ކަމަށެވެ. އެ ކުންފުނިން މީހުން އުމްރާއަށް ނުގެންދާ ކަމަށް ވެސް ވެ އެވެ.
އުމްރާއަށް މީހުން ގެންދާ ގިނަ އަދަދެއްގެ ކުންފުނިތަކަށް ފިޔަވަޅު އަޅާފައި އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވި ފަހުންނެވެ.
އެ މައްސަލާގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަދި ހުއްދަ ބާތިލުކޮށްފަ އެވެ. އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.
އަލް ހިޖްރަ ގްރޫޕާ ދެކޮޅަށް ފިޔަވަޅު އެޅިއިރު މިދިޔަ އަހަރު ރޯދަ މަހު އުމްރާއަށް މީހުން ގެންދިޔަ އަލް-މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން ވެސް ގެންނަން ޖެހުނީ ސަރުކާރުންނެވެ.
އެ މައްސަލާގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ.
އުމްރާގެ އުސޫލާ ޚިލާފުވި 19 ކުންފުނި ޖޫރިމަނާކުރަނީ
އުސޫލާ ހިލާފުވި އިތުރު ކުންފުނިތަކަށް ފިޔަވަޅުއަޅަނީ
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
ހިޖުރަގްރޫޕުން ހާލުގައިޖެއްސި މީހުން ސަރުކާރުން ގެންނަނީ
އުމްރާގެ ހުއްދައަށް ޕްރޮޕޯޒަލް ހުށަހެޅުން ފަސޭހަކޮށްފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟