Roadha Mihaaru
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!

ހައިވޭގައި ދުއްވަމުން ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!

11 އޮކްޓޯބަރ 2024

ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލު ދުއްވާފައި ދަމުން ކުޑަ ކުއްޖަކު އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވާ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލު ދުއްވާފައި ދަމުން ކުޑަ ކުއްޖަކު އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވާ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

މިއަދު އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ކަޅުކުލައިގެ ސައިކަލެއްގައި ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިއަށް ލައިގެން ދުއްވާފައިވާ ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އަދި ފަހަތުގައި އިން މީހާ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންދަ އެވެ.

ސްކޫލް ޔުނިފޯމްގައި އިންނަ އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިންނަ އިރު ފަހަތުގައި އިން މީހާ ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލައިގެން އިންނަނީ ފައި މަތީގައި އަތް ބާއްވާލައިގެންނެވެ.

ބެލެވޭ ގޮތުގައި، ސައިކަލް ދުއްވި ތަން ވީޑިއޯކޮށްފައި ވަނީ ކާރެއްގައި ދިޔަ މީހަކެވެ. މިއީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯ އަކު ނެތެވެ.

ފުލުހުން ބުނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންވެ މައްސަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑު ކިޔާފައި ވާއިރު އެ މީހާއަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މީހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވަނީ ސައިކަލެއްގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވި މައްސަލައެއް ވެސް ފެންމަތިވެފައި އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ހިނގި އެ ހާދިސާ އޭރު ފުލުހުން ތަހުގީގު ވެސް ކުރި އެވެ.