Roadha Mihaaru
ކުއްލިއަކަށް ޖެހި ސްޓިކާތަކަށް ފުލުހުންގެ ޖަވާބު!

ކުއްލިއަކަށް ޖެހި ސްޓިކާތަކަށް ފުލުހުންގެ ޖަވާބު!

19 ފެބުރުއަރީ 2023

އޮފީސްތައް ގިނަ، ކާރޫބާރުބޮޑު ވެލާނާގޭ ދޮށުގައި ގަވައިދާ ހިލާފަށް ޕާކު ކުރިޔަސް އަޅާނުލައި ތިބޭތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް އެއް ދުވަހަކު އެ ހުރިހާ ވެހިކަލެއްގައި އަދި ހާއްސަކޮށް ސައިކަލްތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރުމުގެ ސްޓިކާ ޖެހުމުން އެންމެން އައީ ރުޅި އެވެ. ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ބުނާ ވާހަކަ އަނެއްކާ ގަދަވީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޮފީސްތައް ގިނަ، ކާރޫބާރުބޮޑު ވެލާނާގޭ ދޮށުގައި ގަވައިދާ ހިލާފަށް ޕާކު ކުރިޔަސް އަޅާނުލައި ތިބޭތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް އެއް ދުވަހަކު އެ ހުރިހާ ވެހިކަލެއްގައި އަދި ހާއްސަކޮށް ސައިކަލްތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރުމުގެ ސްޓިކާ ޖެހުމުން އެންމެން އައީ ރުޅި އެވެ. ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ބުނާ ވާހަކަ އަނެއްކާ ގަދަވީ އެވެ.

ވެލާނާގެއަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދަންދާ ތަނަކަށްވެފައި، އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ޒޯނުތައް ހުއްޓަސް ރަސްމީ ގަޑިތަކުގައި އެތަނުން ޖާގައެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

މި އައި ރުޅީގައި ގިނަ މީހުންގެ ސުވާލަކަށްވީ ސްޓިކާ ޖެހުން "ހުއްޓިފައި" އޮތުމަށް ފަހު މިހެން ހެދީ ކީއްވެތޯ އެވެ. ސްޓިކާ ޖޫރިމަނާއިން ދައުލަތަށް މިލިއަނުން އާމްދަނީ ލިބޭތީ ކޮށްލި ކަމެއްތޯ ވެސް އެތައް ބަޔަކު އެހި އެވެ.

އެކަމަކު ކުރިން އޮންނަ ގޮތާ ހިލާފަށް، ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޖަހާ ކޮންމެ ސްޓިކާއަކަށް މިހާރު ނަގަނީ 250ރ. އެވެ. ކުރިން ނަމަ ފުރަތަމަ ފަހަރު 250ރ. އަދި ދެ ވަނަ ފަހަރު 500ރ. އަދި އޭގެ ފަހުން ކޮންމެ ފަހަރަކު 750ރ. އެވެ.

ޓްރެފިކް ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓްރެފިކް ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސުވާލުގެ ޖަވާބުގައި ފުލުހުން ބުނީ، ސްޓިކާ ޖަހަނީ ވަކި ދުވަސްވަރަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ "އަމާންކަން ކަށަވަރުކޮށް ތަރުތީބުކުރުވުމަށް" އަބަދުވެސް ސްޓިކާ ޖަހަމުންދާނެ ކަމަށް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިފަހުން އުޅަނދުތަކުގައި ސްޓިކާ ޖަހާފައި ވަނީ އެ ސަރަހައްދުތަކުގައި އަލަށް ހެދި ޕާކިން ޒޯނުތައް ހުރި މިންވަރަށް ބަލައި، އެ ސަރަހައްދެއްގެ ވިޔަފާރިތަކާއި ގެތަކަށް އަވަށްޓެރި ފުލުހުން ޒިޔާރާތްކޮށް މައުލޫމާތު ދިނުމަށް ފަހުގައި ކަމަށެވެ.

"މިހާރު ސްޓިކާ ޖަހަމުންދަނީ އެ ސަރަހައްދުތަކުގައި ޕާކިން އަލަށް އުފެއްދިފައިވާ މިންވަރަށް ބަލައި، އެ ސަރަހައްދެއްގެ ވިޔަފާރިތަކާއި ގެތަކަށް އަވައްޓެރި ފުލުހުން ޒިޔާރަތްކޮށް މައުލޫމާތުދީ، އެ ސަރަހައްދުތަކުގެ މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ހުންނަ ހާލަތްތަކުގައި،" ފުލުހުން ބުންޏެވެ.

ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

މާލޭގެ މަގުތަކުގައި ޕާކުކުރާނެ ޖާގަ އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ފުލުހުން ވެސް ގަބޫލުކުރެ އެވެ. އެހެންވެ ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކުކުރާ ކޮންމެ ފަހަރަކު ސްޓިކާ ނުޖަހައި ދޭތެރެއަކުން ލުއި ދެނީ ކަމަށެވެ.

"މާލޭގެ މަގުތަކުގައި ޕާކުކުރާނެ އެކަށީގެންވާ ޖާގަ ނުހުންނާތީ، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ކޮންމެ ފަހަރަކު ފުލުހުން ސްޓިކާ ނުޖަހާނެ."

އަނެއް ހަގީގަތަކީ، ސްޓިކާ ޖެހުމުގައި ފުލުހުން ލުޔެއް ދޭ ކޮންމެ ފަހަރަކު، ވެހިކަލް ދުއްވާ މީހުން ވެސް ހަމައެއް ލަމައެއް ނެތި ޕާކު ކުރާ ކަމެވެ.

ސްޓިކާ ޖެހުމުގެ ނަތީޖާ އަނެއް ދުވަހު ވެސް ފެނުނެވެ. އެހެން ނޫނީ ޖެހުނު ގޮތަކަށް ޕާކުކޮށްފައި ހުއްޓާ އެތަނުން ފެންނަ ސައިކަލް ބަރިތަކެއް ޖެހިގެން އައި ދުވަހު ނެތެވެ.

ސްޓިކާ ނުޖަހާ ވަރެއް ވެސް ނޫން!

މަގުތަކުގެ ކަންމަތީގަ އާއި ހޮސްޕިޓަލުތަކާއި މިސްކިތްތަކުގެ ދޮރުމައްޗާއި ގޭގެއަށް ވަންނަން އޮންނަ ދޮރުމަތީގައި ވެސް ވެހިކަލް ޕާކް ކޮށްފައި އެބަ ހުރެ އެވެ. ނުވިތާނަކަށް، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ޕާކިން ޖާގަތަކާއި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުން ތަންތަނަށް ވަދެ ނުކުންނަން ފާހަގަޖަހާފައި އޮންނަ ތަންތަނުގައި ވެސް ޖެހިލުމެއް ނެތި އެބަ ޕާކު ކޮށްލަ އެވެ. އެކަމަކު މިއިން ތަނެއްގައި ޕާކުކުރާ ވެހިކަލެއްގައި ސްޓިކާ ޖެހިޔަސް އެބަ ތެޅިގަނެ އެވެ.

މިފަހަރު ޖެހި ސްޓިކާތަކާ ހެދި ބަޔަކު ރުޅި އަޔަސް އަނެއް ބަޔަކު ފުުލުހުންނަށް ތައުރީފުކުރީ މަގުމަތީގެ އަހުލާގު ނެތް މީހުން ވެސް ގިނަކަމުންނެވެ.

ބޭރުމަގުން ފެރީތައް ފުރާ ދިމާލު ވެހިކަލްތަކުން ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޭރުމަގުން ފެރީތައް ފުރާ ދިމާލު ވެހިކަލްތަކުން ތޮއްޖެހިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވަންނަ ކޮންމެ ތަނެއްގެ ދޮރުމަތީ ޕާކު ކުރުމަށް އަހަރެމެން އާދަވެފައި ތިބުމަކީ އެންމެ ބޮޑު މައްސަލަ އެވެ.

އެކަމަކު ފުލުހުންގެ އަމަލުކުރި ގޮތާ މެދު ވެސް ހިތްހަމަނުޖެހުން އޮތެވެ. ސަބަބަކީ ފުލުހުން ބޭނުންވީމާ ގާނޫނު ތަންފީޒުކުރަނީ ކަމަށް ބުނެ އެވެ. ގާނޫނާއި ގަވައިދު ތަންފީޒުކުރާ ނަަމަ އަބަދުވެސް އެގޮތުގައި ތިބެން ޖެހޭނެ ކަމަށް އެއްބަަޔަކު ބުނެ އެވެ. އެހެން ނޫން ނަމަ އެ ވާނީ ބޭއިންސާފަކަށް ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ.

ޕާކުކުރާނެ ޖާގައެއް ނެތްކަން އެނގޭއިރު ވެސް ހިފެހެއްޓުމެއް ނެތި ވެހިކަލްތައް ރަޖިސްޓްރީކޮށްދެމުން ދިއުމަކީ ޕާކިން މައްސަލަ ހައްލު ނުވެ އިތުރަށް ގޯސްވާ ސަބަބެވެ. ވެހިކަލް ކޮންޓްރޯލްކުރުން ތަންފީޒު ނުވާތީ އެކަމުގައި ސަރުކާރަށް ފާޑުކިޔުން އެބަ އޮތެވެ. ޕާކް ކުރާނެ ޖާގަ ހެދުމަކީ ނިމުމެއް އޮތް ހައްލެއް ނޫނެވެ.