Roadha Mihaaru
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"

ޝަހީމްގެ ރައްދު: މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް

21 އޮކްޓޯބަރ 2024

ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނޯންނަ ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނޯންނަ ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދު ދެއްވައިފި އެވެ.

އޭނާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ދިފާއުގައި ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނޯންނަ ކަމަށް ޖުމްހޫރީ އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތަށް ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވަނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށާއި ޖާއިޒު ކަމަށް ދެކެވަޑައިގަންނަވާ އިލްމުވެރިންގެ ރައުޔަކީ ވެސް ވާޖިބު ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ދީނުގެ ކަންކަމުގައި އަޅުގަނޑުމެން އަމަލުކުރަން ވާނީ ދީނުގައި އޮންނަ ރަނަގޅު ގޮތަށެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށެވެ. އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ކަށުނަމާދު ކުރައްވާފައި ނުވެ އެވެ،" އޭނާ ވިދާޅުވި އެވެ.

"އެ ހަނގުރާމައިގައި އެ ކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ހަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި އެވެ. ހަމްޒަތުގެފާނުގެ މައްޗަށް ވެސް އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށުނަމާދު ކުރައްވާފައި ނުވެ އެވެ. ޝަހީދުން ވަޅުލަނީ ނުހިނަވައި އެ މީހުންގެ ލެއާއެކުގަ އެވެ. ޝަހީދުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެކެވެ. ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުމެވެ."

އޭނާ އެގޮތަށް ވިދާޅުވިއިރު، ހަމާސްގެ ވެރިޔާ އަށް އިޒްރޭލް ސިފައިން ދިން ހަމަލާގައި އިސްމާއިލް ހަނިއްޔާ މިދިޔަ ޖުލައި 31 ވަނަ ދުވަހު ޝަހީދު ކޮށްލުމާއި އޭގެ ފަހުން އެ ޖަމާއަތުގެ ލީޑަރަކަށް އައްޔަން ކުރެއްވި ޔަހްޔާ ސިންވާރު ވެސް މިދިޔަ ބުދަ ދުވަހު އިޒްރޭލުން ޝަހީދު ކޮށްލުމުން ވެސް ރާއްޖޭގައި ކަށުނަމާދު ކޮށްފައިނުވާތީ އަދި އެ ދެ ބޭފުޅުންނަށް ދިން ހަމަލާތައް ކުށްވެރި ކޮށްފައި ނުވާތީ ޝަހީމަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، ޝަހީމްގެ އެހެން ޕޯސްޓެއްގައި ވަނީ ފަލަސްތީނުގައި ކުރާ ހަނގުރާމައިގެ ސަބަބުން ޝަހީދުވި ފަލަސްތީނުގެ ހުރިހާ ލީޑަރުންނާއި މަރުވި އެހެން އެންމެންނގެ ފުރާނަ އަށް ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަލްއަގްސާ އާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ނަސްރާއި ނަސީބާއި ކާމިޔާބަށް އެދެން. އިސްތިއުމާރީ ބާރުތަކުން ފަލަސްތީނު މިނިވަންކޮށް ދައުލަތް ގާއިމްކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އިސްލާމީ އަހުލާގީ ހުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި ވަކާލާތުކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުއާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެކެވެ،" އެ ޕޯސްޓުގައިވެ އެވެ.

"ހަނގުރާމަ ހުއްޓުވައި މެދުއިރުމަށްޗަށް ސުލްހަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދެވެ. އެކަމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންޖެހޭ. މާތް ﷲ އެންމެނަށް ރައްކާތެރިކަން ދެއްވާށި."