Roadha Mihaaru
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"

ސަފީރުންނަށް އުނދަގޫ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

29 އޯގަސްޓް 2024

އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ބޭރުގެ ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ބޭރުގެ ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެނަކު ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާތީ ކަމަށެވެ.

ރާއްޖޭގައި ހުންނަ ބޭރު ގައުމެއްގައި ސަފީރަކު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ގަބުރެއް ސިފަވާ ގޮތަށް އެ ދެ މީހުން ފޮތިގަނޑެއް ބާއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ޝަހީމް މިއަދު ވަނީ އާންމު ކުރައްވައިފަ އެވެ. އަދި އެ ވީޑިއޯގައި އެ ގޭގެ ފާރު ތެރެއަށް ލިޔުންތަކެއް އަޅާ މަންޒަރު ވެސް ފެނެ އެވެ.

އެ ވީޑިއޯ އާންމު ކުރެއްވުމަށްފަހު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށެވެ.

"ސަފީރެއްގެ ގޭ އިން ފަހަނަ އަޅައި ގޭ ތެރެއަށް ކުނި އެޅުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ހިނގާނެ ގޮތެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ޝަޒްރާ އާއި ޝާދިޔާ މާލެ އާއި ހުޅުމާލޭގައި ހުންނަ ސަރުކާރުން އިދާރާ ތަކާއި އެމްބަސީތައް ކައިރީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލައި އެ ތަންތަން ހުންނަ އިމާރާތްތަކުގައި އެއްޗެހި ހަރުކުރަނީ.--

ޝަޒްރާ އާއި ޝާދިޔާ މާލެ އާއި ހުޅުމާލޭގައި ހުންނަ ސަރުކާރުން އިދާރާ ތަކާއި އެމްބަސީތައް ކައިރީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލައި އެ ތަންތަން ހުންނަ އިމާރާތްތަކުގައި އެއްޗެހި ހަރުކުރަނީ.--

ޝަހީމް ވިދާޅުވީ ރަނގަޅު ގޮތް ބުނެ ދޭން ތިބޭ މީހުން ހަގީގަތް އޮޅުވާލުމަކީ އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.

މި ދެ މީހުން ހައްޔަރު ކުރުމުން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާއި އެކަމަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށެވެ.

އިޒްރޭލުގެ ގަތުލް އާއްމާ ދެކޮޅަށް ސިލްސިލާކޮށް ރާއްޖޭގައި މުޒާހަރާކުރާ އެ ދެ މީހުން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލިއިރު، އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ބިލް ފާސް ނުކުރާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.