Roadha Mihaaru
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟

އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟

27 އޮކްޓޯބަރ 2024

އަރައިގެން އައި އިރާ އެކު މިއަދު ވެސް އަބްދުﷲ ގަފޫރުގެ ހަތަރެސްފައިގައި އެންމެ ފުރަތަމަ ބައްދައިގަތީ ދިރިއުޅުމުގެ ހުރިހާ ހޫނެކެވެ. އޭނާ އަށް އެ ހޭލެވުނީ އިއްޔެ ނިދައި ހޭލި ކޮޓަރިއަކަށް ނޫނެވެ. އެކަމަކު އިއްޔެގެ އުދާސްތައް އޭނާއާ އެކުގައި އަދިވެސް ނިދައި މަރުވެފައިވާ ކޮޓަރިއަކަށެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

އަރައިގެން އައި އިރާ އެކު މިއަދު ވެސް އަބްދުﷲ ގަފޫރުގެ ހަތަރެސްފައިގައި އެންމެ ފުރަތަމަ ބައްދައިގަތީ ދިރިއުޅުމުގެ ހުރިހާ ހޫނެކެވެ. އޭނާ އަށް އެ ހޭލެވުނީ އިއްޔެ ނިދައި ހޭލި ކޮޓަރިއަކަށް ނޫނެވެ. އެކަމަކު އިއްޔެގެ އުދާސްތައް އޭނާއާ އެކުގައި އަދިވެސް ނިދައި މަރުވެފައިވާ ކޮޓަރިއަކަށެވެ.

މި ކޮޓަރިއަށް ވެސް ދައްކާނެ ކުއްޔެއް އޭނާގެ އަތަކު ނެތެވެ.

ބޯމަތީގައި އެނބުރެމުން ދިޔަ ފަންކާގެ ދިލަ ހޫނުގައި އެ ފިކުރުތައް ބުރުޖަހަން ފެށުމާ އެކު އަންހެނުން ފާތުމާ، ކޮޓަރިން ނުކުމެގެން ހިނގައްޖެ އެވެ. މޫނު ދޮވެލައިގެން ތެޅެމުންފޮޅެމުން ގޮސް ބޭރަށް ނުކުމެވުނުއިރު އެ އަންހެން މީހާ ގޮސް އިނީ ގަފޫރުގެ ބަރު ދަގަނޑު ގާޑިޔާ-ބައިސިކަލުގައި ޖައްސާލައިގެންނެވެ.

އޭނާ އިށީނދެ އެ އިން ގާޑިޔާ-ބައިސިކަލަކީ މިދިޔަ ވިއްސަކަށް އަހަރު ގަފޫރު މި މާލޭގައި އެއް ތަނުން އަނެއް ތަނަށް ދިއުމަށް ބޭނުންކުރި އަތު ހެންޑެލީގެ އުޅަނދެވެ. މިއަދު އެ ގަޑިޔާގައި ގިނަ ވަގުތު ހޭދަކުރަނީ މީގެ ހަ އަހަރު ކުރިން ގަފޫރުގެ ހަޔާތަށް އައި އޭނާގެ ލޯބިވާ ފާތުމާ އެވެ.

ފާތުމާގެ ދެ ކަކޫ ފީވެ ހަލާކުވަނީ އެވެ. ހިނގާބިނގާވެ އުޅޭނެ ވަރެއް އޭނާގެ ހަތަރެސްފައިގައި ވެސް ނެތެވެ. އަދި މުޅި ދުވަހު އަންހެނުން މި ގާޑިޔާ އަށް ލައިގެން ދުއްވާނެ ވަރެއް ގަފޫރުގެ ގަޔަކު ވެސް ނެތެވެ. އޭނާގެ އެއް ފައި ވަނީ ކަކުލާ ހިސާބުން ބުރިކޮށްފަ އެވެ. އަދި އެފަޔަށް ލައްވާފައި ހުރި ޕްލާސްޓިކް ފައި ވެސް ފީވެ ހަލާކުވަނީ އެވެ.

އެކަމަކު ދެ މީހުންނަކަށް އެ ގާޑިޔާގައި ޖާގައެއް ނެތެވެ.

ފާތުމާ އެ ގާޑިޔަލުގެ ހެންޑެލިގަނޑު އަނބުރައިގަތެވެ. ގަފޫރު ކުރިއަށް ދިޔައީ އެ ގާޑިޔާ ކޮއްޕަމުންނެއް ނޫނެވެ. އެކަމަކު އެ ގާޑިޔާ މިއަދު އެ ދަނީ އޭނާ ކަފުޖަހައިގެންނެވެ.

ދެ މީހުންގެ މި ދަތުރު ގޮސް ހުއްޓުނީ ބާޒާރުމައްޗަށެވެ. ކުރާނެ ކަމެއް ނުވަތަ ކުރެވޭނެ ކަމެއް ނެތި ސަލާންޖަހަން އައިސް މިތަނުގައި ހުއްޓި ތިއްބަސް އެއް ދުވަސްވަރެއްގައި މިއީ ގަފޫރު އޭނާގެ ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ހޭވައްޓާލާފައި އެންމެ ގަދަ އަށް މަސައްކަތްކޮށް އުޅުނު މައިދާނެވެ.

ގަފޫރު އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަފޫރު އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ބިސްމި ކިޔާފައި މި އޮތްތަން އެންމެ ފުރަތަމަ ހިއްކަން ފެށިއިރު އެ މަސައްކަތުގައި އުޅުނު މީހެކޭ އަޅުގަނޑަކީ. އޭރު ކޮންނަ ބޯޓު ގެނެސްގެން މާލޭގެ ފަޅު ކޮނެ ހިއްކިއިރު އަޅުގަނޑު އުޅުނީ އެމްޓީސީސީގެ ވަޒީފާގައި،" އޮޑިދޯނި ފަހަރުތަކާ އެކު ތޮއްޖެހި ފުރިފައި އޮތް މާލޭގެ ބަނދަރުމައްޗާ ދިމާލަށް އަތް ދިއްކޮށް ގަފޫރު ކިޔައިދިނެވެ.

އޭނާ މިހާރު އެ އިނީ މަސްމާރުކޭޓާ ދިމާލު ކަންމަތީގައި ހަދާފައި ހުރި ކުޑަ ޓޭކްއަވޭ ފިހާރައެއް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ދޭތެރެއަށް ވަދެ އެ ސައިކަލްތަކުގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ އަންހެނުން ފާތުމާ އިނީ ގާޑިޔާގައި ގޮސް މިހާރު މާ ދުރުގަ އެވެ. ދުންބޮއެ، އެހެން ރައްޓެހިންނާ އެކު އަނގަތަޅަނީ އެވެ.

"މާލޭގެ ދެ ފަޅި ހިއްކައި ނިންމާލާފައި އެ މަސައްކަތް ނިމުނީމަ ދެން އަޅުގަނޑު ގޮސް އުޅުނީ މާލެ އާއި ހުޅުމާލެއާ ދެމެދު ދުއްވި ފެރީއެއްގައި ކައްޕިއަކަށް. އެގޮތަށް އަޅުގަނޑު ކައްޕިއަކަށް އުޅުނީމޭ ގާތްގަނޑަކަށް 8 އަހަރު ވަންދެން. އޭރު އަޅުގަނޑުގެ މި ފައިގައި ހަމަ އެއްވެސް މައްސަލައެއް ނެތޭ." އަނދެގެން ހުރި، ނޫކުލައިގެ ގޮޅިޖެހި މުންޑުގަނޑުގެ ފަސްބައި ކުޑަކޮށް ހިއްލައި، ގަފޫރު އޭނާގެ ފްލާސްޓިކް ފައި ދައްކާލި އެވެ.

ގަފޫރުގެ އުފަން ރަށަކީ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު. ތ. މަޑިފުއްޓެވެ. ހަ މީހުންނާ އިނދެ، ތިން ބަނޑަށް 8 ކުދިން ލިބިފައި އެބަތިއްބެވެ.

"ސުނާމީ އެރީ އަޅުގަނޑުގެ ފައި ބުރިކޮށްލި މަހު. އެކަމަކު އޭރު އަޅުގަނޑު ދިރިއުޅެމުން ދިޔައީ އެ އަތޮޅު ގުރައިދޫ މީހަކާ އިނދެގެން އެ ރަށުގައި،" އުމުރުން 58 އަހަރުގެ ގަފޫރު ކިޔައިދިނެވެ.

"އޭގެ ކުރިން ހަތް ވަރަކަށް އަހަރު ބޭރު ގައުމުތަކުގައި ދަތުރުކުރަން އުޅުނު މަސް ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތުގައި އުޅެފައި ދެން އަޅުގަނޑު އުޅުނީ އަމިއްލަ އަށް ކޮންސްޓްރަކްޝަން މަސައްކަތް ނަގައިގެން އެ މަސައްކަތްތަކުގެ ތެރޭގައި. އެގޮތަށް ނެގި މަސައްކަތެއް ކުރުނބާ ވިލެޖުގައި ނިންމާލާފައި ނަކައްޗާގައި މަސައްކަތެއް ފެށުމަށް ގޮސް އުޅެނިކޮށް ފަޔަށް ދިމާވި ކަމެއް ދިމާވީ އެންމެ ފުރަތަމަ"

"ދެން ޑޮކްޓަރަށް ދެއްކީމަ، ޑޮކްޓަރު ބުނެފި ކަލޭގެ ފައިގެ ނާރުތައް ތިހިރީ ބެދިފައޭ. ބުރިކޮށްލާށޭ ޖެހޭނީ."

ގަފޫރުގެ ދެމަފިރިން ބާޒާރުމަތީގައި އެމީހުންގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަފޫރުގެ ދެމަފިރިން ބާޒާރުމަތީގައި އެމީހުންގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަފޫރު ބުނީ އޭނާގެ ފައި އެ ދުވަހު ބުރިކޮށް އެ ފަޔަށް ޕްލާސްޓިކް ފައެއް ލެއްވި ދުވަހަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަސް ކަމަށެވެ. ހެލިފެލިވެ އުޅުނު އޭނާގެ ހަލަބޮލި ދިރިއުޅުން އެއްކޮށް ހުއްޓުނީ އެވެ.

"ފައި ބުރިކޮށްލި ހިސާބުން ވަރަށް ގިނަ ރައްޓެހިން ވެސް ގެއްލިއްޖެ. އަޅުގަނޑުގެ ހާލު ބަލައިލަން ގޮވާލާނެ މީހަކު ވެސް ނުވާވަރަށް،" ގަފޫރު ބުނެލި އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ބަލިވެގެން ޑޮކްޓަރަށް ދެއްކިއިރު އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ލިބުނު. މިހާރު އޭގެ ފަހުން ދަރިންތައް ވެސް ބޮޑެތިވެ އެކި މީހުން އެކި ތަންތަނުގައި ދިރިއުޅެނީ. އަޅުގަނޑު މި އުޅެނީ މާލޭގައި ދުވަހު ކުއްޔަށް ދޭ ތަންތަނުގައި."

ގަފޫރު ބުނީ އޭނާގެ އަމިއްލަ ބިމެއް، ގެއެއް ނެތްއިރު މާލޭގައި ދުވަހު ކުއްޔަށް އުޅެން ޖެހިފައި ވަނީ ވެސް ދިރިއުޅުމުގެ މަޖުބޫރީ ހާލަތާ ހެދި ކަމަށެވެ.

"އަޅުގަނޑުގެ އަންހެނުންނަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މީހެއް. ތިން މަހުން ތިން މަހުން ޑޮކްޓަރަށް ދައްކަން ޖެހޭ. އެހެންވީމަ މީނަ ގޮވައިގެން އުޅެންވެގެން މާލޭގައި މިގޮތަށް މި އުޅެނީ ވެސް. އެކަމަކު އިއްޔެ ނިދި ކޮޓަރި އަށް ވެސް ދައްކާނެ ލާރިއެއް އަތުގައި ނެތް،" އާންމުކޮށް ނިދައި ހަދަނީ 350ރ. އާއި 400ރ. އަށް ދުވަހު ކުއްޔަށް ދޭ ކޮޓަރިތަކުގައި ކަމަށް ބުނެ ގަފޫރު ކިޔައިދިނެވެ.

"ރޭގަ ދައްކަން ޖެހޭ ކުލި އަތުގައި އެއްވެސް އެއްޗެއް ނެތީމަ ނުދެއްކުނު. އެހެންވީމަ މިއަދު ޖެހޭނެ 800ރ. ދައްކަން. މީހަކު ދިއްކޮށްލާ އެހީއަކުން އަޅުގަނޑުމެން ކައިގެން ބޮއެގެން ނިދައިގެން މި އުޅެނީ"

"ކޮންމެ މަހަކު ވެސް އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދޭ މީހުން ތިބޭނެ ރައްޓެހިންގެ ގޮތުގައި. އާންމުކޮށް ކުލި ދައްކާނީ އެގޮތަށް މީހަކު ދިއްކޮށްލާ 500ރ. އިން."

ގަފޫރު ބުނީ ރަށުގައި އުޅުމަށް ވުރެ މާލޭގައި މިގޮތަށް އުޅުން އޭނާ އަށް މާ އުފާވެރި ކަމަށެވެ. ނަމަވެސް މާލޭގައި އޭނާ ސަލާންޖަހަމުން މީހުން ގާތަށް ގޮސް ނޫޅޭ ކަމަށް ވެސް ބުންޏެވެ.

ގަފޫރުގެ ދެމަފިރިން ބާޒާރުމަތީގައި އެމީހުންގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަފޫރުގެ ދެމަފިރިން ބާޒާރުމަތީގައި އެމީހުންގެ ވާހަކަ ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މީހަކު އެހީއެއް ދިނިއްޔާ ލިބުނީ. އެހީއެއް ދީބަލާށޭ ކިޔަމުން ނުދަން ދުވަހަކުވެސް މީހެއް ކައިރިއަކަށް. އެމީހަކަށް ފެނިގެން އެއްޗެއް ދިނިއްޔާ ދިނީ. ނުދިނިއްޔާ ނުދިނީ. ހިތުން ރުހުމުން ދޭ އެއްޗެއްތާ ލިބޭނީ،" ގަފޫރު ކިޔައިދިނެވެ.

"ބައެއް ގެސްޓްހައުސްތައް ހިންގާ މީހުން އަޅުގަނޑަކަށް ވަރަށް ރަނގަޅު. އަދި މިހާރު އަޅުގަނޑުމެން މި އުޅޭ ތަން ހިންގާމީހާ އަކީ ވަރަށް ރަނގަޅު މީހެއް. ލާރި ނުލިބިގެން އެއްވެސް ޝަކުވާއެއް ނުކުރޭ އޭނަ. އެކަމަކު ދެން ކޮޓަރިއަށް ކުލި ނުދެއްކިއްޖެއްޔާމު އެތަނުން ނުކުންނަން ޖެހޭނީ."

ބާޒަރުމަތި ފިޔަވައި ގަފޫރު އެންމެގިނައިން އަދި އެންމެ ފަސޭހައިން ވެސް ފެންނާނީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ގޯތިތެރެއިންނެވެ. ހުކުރު ޖަމާއަތުން ފައިބައިގެން ގޮސް ނެޝެނަލް އާޓް ގެލަރީގެ ބިއްދޮށުގެ ހިޔަލުގައި އޭނާގެ ގާޑިޔާގައި މަޑުކޮށްލައިގެން އިންނަތަން ކޮންމެ ހަފުތާއަކު ވެސް ފެނެ އެވެ.

"އެންމެ ހިތްހަމަޖެހެނީ ވަގުތުން ވަގުތަށް ނަމާދުކޮށްލެވޭތީ. ފަސް ނަމާދު ބަރާބަރަށް އަދާކުރުން އެއީ މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" ގަފޫރު ބުނެލި އެވެ.

އަޅުގަނޑުގެ އަންހެނުންނަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މީހެއް. ތިން މަހުން ތިން މަހުން ޑޮކްޓަރަށް ދައްކަން ޖެހޭ. އެހެންވީމަ މީނަ ގޮވައިގެން އުޅެންވެގެން މާލޭގައި މިގޮތަށް ވެސް މި އުޅެނީ: ގަފޫރު

"އަޅުގަނޑު މިހެން އުޅޭއިރު ރައްޓެއްސަކާ ދިމާވީމަ އަހާނީ ކޮން ކަމެއް ހެއްޔޭ ބޭނުންވަނީ. އަޅުގަނޑު ބުނަނީ ކޮޓަރީގެ ކުލި ދައްކާލެވުނީމަ ނިމުނީއޭ. އޭރުން ހަމަޖެހިލައިގެން ނިދާލެވޭނެތާ."

ގަފޫރުގެ ވާހަކަ މި ހިސާބަށް ދިޔަތަނުން އޭނާގެ އަންހެނުން ފާތުމާ އަހަރެމެންނަށް ގޮވަން ފަށައިފި އެވެ. އޭނާ ކައިރިއަށް ގޮސް މަޑުކޮށްލުމުން އެދުނީ އެދެމަފިރިންގެ ރީތި ފޮޓޯގަނޑެއް ނަގައި ދިނުމަށެވެ. ކެމެރާ އަށް ލަދުން ހުއްޓަސް ގަފޫރު އެންމެފަހުން ގޮސް އެ ފޮޓޯގަނޑަށް ފަރިވެލި އެވެ.

"އަހަރެން އެންމެ ބޭނުމީ ފޯނެއް،" ފޮޓޯނަގައި ނިމުމާ އެކު ފާތުމާ ބުނެލި އެވެ.

"ތިކަހަލަ ފޮޓޯ ނެގޭ ފޯނެއް،" އޭނާ ހީގަތެވެ.

އިންޓަވިއު ނަގައި ފޮޓޯނަގައި ނިމިގެން އަހަރެމެން ނައްޓާލިއިރު ވެސް ގަފޫރުގެ ދެމަފިރިން ތިބީ އެ ބާޒާރުމަތީގަ އެވެ. އިރުއޮއްސެނީ އެވެ. އެކަމަކު އެމީހުންގެ ދިރިއުޅުމުގައިވީ ނުތަނަވަސްކަމަކަށް ނޫނެވެ.