Roadha Mihaaru

ހަތަރު އަހަރަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި

ހދ. ހިރިމަރަދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތި ހަތަރު އަހަރު ފަހުން އެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހިރިމަރަދޫއަށް 4 އަހަރު ފަހުން ޕްރިންސިޕަލެއް ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 އޮކްޓޯބަރ 2024

ހދ. ހިރިމަރަދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތި ހަތަރު އަހަރު ފަހުން އެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ ސްކޫލުގައި އެންމެ ފަހުން ޕްރިންސިޕަލަކު ހުރީ 2021 ވަނަ އަހަރު އެވެ. ބިދޭސީ އެ ޕްރިންސިޕަލާ މެދު ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމުން އެހެން ސްކޫލަކަށް އޭނާ ބަދަލުކުރީ އެވެ.

އެ ޕްރިންސިޕަލް ވަކިކުރުމަށް ފަހު އޭރު ސްކޫލުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ އޭރު ހުންނެވި ލީޑިން ޓީޗަރަށެވެ. ނަމަވެސް ފަހުން އެ މަގާމު ހަވާލު ކުރައްވާފައި ވަނީ މިހާރު އެ ސްކޫލް ހިންގުމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ލީޑިންގް ޓީޗަރު، އާމިނަތު މާޖިދާއާ އެވެ.

ޖުމްލަ 37 ދަރިވަރުން އުޅޭ މި ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. މަގާމަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އަށް ހަމަވާނެ އެވެ.

ދެ ރޭންކެއްގެ ޕްރިންސިޕަލުންނަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައި ވާއިރު އެއްވަނަ ރޭންކުގެ ޕްރިންސިޕަލަކަށް އެލަވަންސްތަކާ އެކު މުސާރައަކީ 26،181ރ. އެވެ. ދެވަނަ ރޭންކުގެ ޕްރިންސިޕަލަކަށް 28،285ރ. އެވެ.

އެންމެ ފަހުން ހުންނެވި ޕްރިންސިޕަލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބެލެނިވެރިން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށި ދުވަހު ކުދިން ސްކޫލަށް ފޮނުވަން އިންކާރުކޮށްފަ އެވެ. އެ މީހުން ބުނަމުން ދިޔައީ އެ ޕްރިންސިޕަލް ހުންނަވައިގެން އޯ ލެވެލް އިން ރަނގަޅު ނަތީޖާއެއް ނުނެރެވޭ ކަމަށެވެ.