30 އޮކްޓޯބަރ 2024
(އާދިއްދަ ދުވަހާ ގުޅޭ)
(އާދިއްދަ ދުވަހާ ގުޅޭ)
"ކުދިން ގޮވައިގެން އެކްސް ފުރައިފި."
ވަގުތުން ޖަވާބުއައެވެ.
ރަނގަޅު މީހަކަށް ދެރަ ކަމެއް ވުމަކީ އަހަރެން ދެރަވާ ކަމެކެވެ. އެހެނަސް، ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކެވެ. ކިތަންމެ ރަނގަޅު މީހަކަސް ދެރަކަމެއް ދިމާވެދާނެއެވެ. ކޯޗުގެ ހިތާމައިގައި އަހަރެން ބައިވެރިވީމެވެ. ފޯނުން ހިތާމަވެރި މޫނެއް ފޮނުވައިލީމެވެ. އެ ކަންތައް ކުރަން އަހަންނަށް ފުރުސަތު ލިބުނީ އަހަރެން ގައިގައި ބޯވައެއްހެން ތަތްކޮށްލައިގެން އެ ދުވަހު ޒަލަފް ނުއުޅުނީމައެވެ. ކޯޗު ގެނައި މުވައްޒަފަށް ޒަލަފް އެއްބާރުލުން ދިނެވެ. އެ މީހާ ބުނާ ގޮތް ހެދޭތޯ ބެލިއެވެ. އެއީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. ހަމަ އެހެންމެ، ކޯޗުގެ ކުރީގެ އަނބިމީހާ ދަރިން ގޮވައިގެން ފުރިޔެއް ކަމަކު ޒަލަފްގެ ކަސްރަތު ކުރުވަން އެހެން މުވައްޒަފެއް ގެނައީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބެއް ވެސް ނޭނގެއެވެ.
އަހަރެން ކޯޗަށް ގުޅީމެވެ. ފޯނު ރަނގަބީލުވާން ފެށުމުން ފޯނާ ދިމާއަށް ކޯޗު ބަލައިލިއެވެ. އަހަންނާ ދިމާއަކަށް ނުބަލައެވެ. ހިތަށް އެރިއެވެ. ކޯޗު ވެސް އަހަރެން ވިސްނާ ގޮތަށް ވިސްނަން ފަށައިފިއެވެ. ފޯނު ނަގަމުން ކޯޗު، ކުރިޔަށް ވުރެ ވެސް ދުރަށް ޖެހިލައި، އަހަންނަށް ފުރަގަސްދިނެވެ.
"ތި ވީ ގޮތް ހާދަ ދެރައޭ،" އަހަރެން ބުނީމެވެ. "އެކަމަކު އަހަރެން ހިތަށް އަރާ އެހެން ސްޓާފެއް ގޮވައިގެން ތި އައީ ކީއްވެގެންބާއޭ؟ މޫޑް ނެތީތަ؟ މި ދެ ކަންތައް ނުގުޅުވިގެން މި އުޅެނީ."
"ދިމްއަކަށް ނޭނގޭތަ؟" ހައިރާންވެފައި ކޯޗު ބުންޏެވެ.
"ކޮން ކަމެއް؟" އަހަރެން ބުނީމެވެ.
"މީހަކު ގުޅާފަ ބުނީ އަހަރެން އުޅެނީ.. ދިމްއާ ރައްޓެހިވެގެންނޭ!" ކޯޗު ތަންކޮޅެއް އުނދަގުލުން ބުންޏެވެ.
"އޭނ؟" ހައިރާންވެފައި އަހަރެން ބުނީމެވެ. "އެކަމަކު އަހަރެން އެ ކަހަލަ އެއްޗެއް ހިތަށް ވެސް ނާރާ!"
އަހަރެން ހަދަން ޖެހުނީ ދޮގެކެވެ. ކޯޗުގެ ރާގު ހުރި ގޮތުން ހީވަނީ އޭނައަށް އެ ކަން ގަބޫލު ނުކުރެވިގެން އުޅޭ ހެންނެވެ. ވީމާ، އަހަރެން ރުހުން ދޭނީ ކިހިނެއް ހެއްޔެވެ؟ އެހެން ރާގެއްގައި ކޯޗު އެ ވާހަކަ ދެއްކި ނަމަ، އެ ތަނުން އެ ތަނަށް އަހަރެން އިއުތިރާފުވީމުހެވެ. އެހައި ރަނގަޅު ދަނޑިވަޅެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟
"އެނގެޔޭ!" ކޯޗު ވެސް އެއްބަސްވިއެވެ. "އަހަރުމެންނަކީ ޖަސްޓް ފްރެންޑްސް ދޯ؟ މި ކަހަލަ ކަމެއްގަ އުޅޭ އިރު، ވަރަށް ގިނަ އަންހެނުންނާ އަހަރެން ޖެހޭ ވާހަކަ ދައްކަން. މޫދުކުލާހުގަ ގިނަ ވާނީ ވެސް އަންހެނުން. ދެން ކޮންމެ މީހަކާ އަހަންނާ އަޅުވާ ކިޔަން ވެއްޖެއްޔާ ކޮބާ ސަލާމަތެއް."
"އެކަމަކު މީހަކު ހަމަ އެ ކަހަލަ ވާހަކައެއް ދައްކާލާ އިރަށް އެކްސް ވެސް ގަބޫލުކޮށްގެން ނުވާނެއްނު،" އަހަރެން ބުނީމެވެ. "ކޮބާ ހެކި؟"
"ހަމަ ތަނަކުން ނުވެސް ދަންނަ މީހަކު ގުޅި ނަމަ އަހަންނަށް ވެސް ދެއްކޭނެ ވަރަށް ގިނަ ވާހަކަ ހުންނާނެ،" ދުރުގައި ހުއްޓަސް، އަހަންނާ ދިމާއަށް އެނބުރިލަމުން ކޯޗު ބުންޏެވެ. "އެކަމަކު ދިމްގެ ހަސްބަންޑޭ ގުޅީ." "އޭނ؟" އަހަންނަށް ބުނެވުނެވެ.
އެ ހިސާބުން އަހަރުމެންގެ ވާހަކަ ޖެހުނީ މެދުކަނޑައިލާށެވެ. އެ ދުވަހަށް ކަސްރަތު ނިމުނީއެވެ. އެކަމަކު އަހަރެން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ވަރަށް ރުޅި އައިސްފައެވެ. ހަމަ އެހައިމެ ލަދު ވެސް ގަތެވެ. އަހަރެން ކޯޗު ދެކެ ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ. އެ ކަމާ ދެބަހެއް ނުވަމެވެ. އެހެން ނަމަވެސް، އެ ލޯބި އަހަރެން ފާޅެއް ނުކުރަމެވެ. ހިތުގެ ބިންގަރާހުން ނެރެ، ދުނިޔޭގެ އަލިކަމެއް ނުދައްކަމެވެ.
ގެއަށް އައި މަގުމަތީގައި އަހަރެން ހިތަށް އެރިއެވެ. ހިމޭނުން ދެން އިންނާނެ ކަމެއް ނެތެވެ. ޒުވާބެއް ފަށަންވީއެވެ. އެހައި ނުބައި ކަމެއް ޒަލަފް ކުރީ ކީއްވެގެންތޯ އަހަންވީއެވެ. ހަމަ އެއާ އެކު ޒަލަފް އަހާނެއެވެ. އަހަންނަށް އެ ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ޒަލަފް ނިކަން އުފާ ވެސް ވާނެއެވެ. އަހަރެން ރުޅިއަރުވައިލެވުނީމައެވެ. ފަލީހަތް ކޮށްލެވުނީމައެވެ. ޖެހި މަޅީގައި ރަނގަޅަށް އަހަރެން ހައްޔަރު ކޮށްލެވުނީމައެވެ. އެހެން ވިޔަސް، ކެތްތެރިކަން ކޮޅުންލީމައި ހަނު ހުރެވޭނީ ކާކަށް ހެއްޔެވެ؟
"ނޫނޭ ވާ ކުޅަދާނަ،" ކޮޓަރިއަށް ވަދެފައި އަހަރެން ބުނީމެވެ. "ތީ ވަރަށް މޮޅު މީހެއް. އެ ކަމާ އަހަރެން ޖެހޭނީ އެއްބަސްވާން. ކޯޗުގެ ވައިފަށް ޒަލަފް ގުޅިންތަ؟"
"އާނ ގުޅިން!" ޒަލަފް ވަގުތުން އެއްބަސްވިއެވެ. "އޭނަ ދިމްއަށް ވެސް ގުޅީތަ؟"
"އޭނަ ކުރި ކަންތަކެއް ނޫނޭ މުހިންމީ،" އަހަރެން ބުނީމެވެ. "އަހަންނަށް މުހިންމީ އަހަރެންގެ ފިރިމީހާ ކަންތައް ކުރި ގޮތް. އަހަންނަށް އެނގޭ ޒަލަފް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން. އެކަމަކު އަންހެނުން ފަލީހަތް ކުރަން އެހައި ބޮޑު ދޮގެއް ހެދީމަ..."
"ދޮގޭ؟" ޒަލަފް ސުވާލު ކުރިއެވެ. "ދޮގެއްތަ އެއީ؟ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޖަވާބުދީ! ބުނެބަލަ ދޮގެކޭ!"
އެހެން ދިމާއަކަށް ބަލައިލެވެން އަހަންނަށް އުޅުނެވެ.
"މި ކޮޅަށް ބަލާ!" އަހަރެންގެ މޫނުގައި ހިފައި އަނބުރައިލަމުން ޒަލަފް ބުންޏެވެ. "އަހަރެންގެ ރުޅި އަދި މަޑޭ. ދީމާ ކިތައް ރޭ ނިދާފަ އޮވެގެން ކޯޗޭ ކޯޗޭ ގޮވީ؟"
އަހަރެންގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އަހަންނަށް ނިދީގައި އެހެން ގޮވުނު ނަމަ އެއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެކަމަކު އެއީ ކުށެއް ހެއްޔެވެ؟
"ދީމާއަށް ތި ހީވަނީ އަހަންނަކީ ވަރަށް ނުބައި މީހެކޭ،" ޒަލަފް ބުންޏެވެ. "އަހަރެންނަކީ ރަނގަޅު މީހެއް. ނުބައި މީހެއް ނަމަ، ތިހެން ބުނާކަށް ދީމާ ކޮޅަކަށް ނުހުންނާނެ. އަހަންނަށް މި ހާލު ޖައްސާފަ، ހިތް ނުފުރިގެން ހިލޭފިރިހެނުން.."
އަހަރެންގެ އަނގަފެޅީ އެ ހިސާބުންނެވެ. ކޯޗާ ބެހޭ ގޮތުން ދައްކާ ކޮންމެ ވާހަކައަކާ ދެކޮޅަށް ވާހަކަ ދައްކަން އަހަންނަށް ހިތްވަރު ލިބެއެވެ. އެއީ ކޮން ތަނަކުން އަންނަ ހިތްވަރެއް ކަމެއް ނޭނގެއެވެ.
"ފިރިހެނުންނެއް ނޫން އެންމެ މީހެއް،" އަހަރެން ޖުމުލަ ރަނގަޅު ކޮށްދިނީމެވެ. "އެއީ ވެސް ހުވަފެނެއްގަ." "އެހެންތަ؟ ތީގެ މާނައަކީ ހަމަ އަސްލުގަ ވެސް ހުވަފެނުން ފެންނަނީއޭ ދޯ؟" ޒަލަފް ނިކަން ގަޔާވެފައި ބުންޏެވެ. "ހުވަފެން ކިޔާދީ!"
އަހަރެން އެ ތަނުން ނުކުންނަން ހިނގައިގަތީމެވެ. ހުވަފެން ކިޔައިދޭން ނުކެރިގެނެއް ނޫނެވެ. ޒަލަފް ދެރަ ނުކުރަން ވެގެންނެވެ. ދައްކަން ހުރީ މާ ހިތްގައިމު ވާހަކަތަކެއް ނޫނެވެ. ހިތާމައަކީ ޒަލަފަށް އެ ވަރު ނުވިސްނުނު ކަމެވެ. ވަގުތުން އަހަރެންގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
"ކިޔައިދީފަ ދެވޭނީ،" ޒަލަފް ބުންޏެވެ. "ސެންސަރު ވެސް ނުކޮށް ކިޔައިދޭން ޖެހޭނީ."
އަހަރެން ހިތަށް އެރިއެވެ. ހަމަ ކިޔައި ދޭންވީއެވެ. އަހަރެންގެ ކުށެއް ނޯންނާނެއެވެ. ފާފައެއް ނުވަތަ އަދަބެއް ވެސް ނޯންނާނެއެވެ. އެހެނަސް ކިޔައެއް ނުދެމެވެ. އަހަރެންގެ އަތް ޒަލަފް ހިފާއްޓާނީ ކިހިނެއް ހެއްޔެވެ؟ ފޮޅުވައިލާފައި އަހަރެން ނުކުމެގެން ދިޔައީއެވެ.
މުޅީން އާ ބާބެއް، އަނެއްކާ ވެސް ހުޅުވުނެވެ. އޭގެ ފަހުން ކޮންމެ ރެޔަކު އަހަރެން ވަންނަން ޖެހެނީ ރަންނަމާރީގެ ބުދުކޯލަށެވެ. ތަފާތަކީ، ހެނދުނުވާ އިރު އަހަރެން ދިރި ހުންނަ ކަމެވެ. އަހުލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ ފަލީހަތްތަކާ އަހަރެން ކުރިމަތިލާން ޖެހުނެވެ. އެއީ އަހަރެންގެ އަދަބެވެ. ޖިސްމާނީ ގޮތުން ބޮޑު ބައްޔަކާ ފިރިމީހާ ކުރިމަތިލާން ޖެހުމަކީ އަންބަކު ހިތްދަތިވާން ޖެހޭނެ ކަމެކެވެ. ހަގީގަތުގައި އެ ކަން އޮންނަން ޖެހޭނީ އެހެންނެވެ. އެހެނަސް، އަހަރެންނަށް ދިމާވީ ދިމާ އިދިކޮޅެވެ. ޒަލަފަކީ ކުރީގެ ޒަލަފް ނަމަ، އަހަންނަކަށް ދެވަނަ ދުވަހަކަށް އިރެއް ނޭރީހެވެ.
ކުރެވޭނެ ކަމެއް ނެތެވެ. ދާންވީ ތަންތަނަށް ގޮސް ރިޕޯޓު ކޮށްފި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން ޒަލަފްއަކީ ބަލިމީހެކެވެ. އަނެއްކޮޅުން އަހަރެންގެ ފިރިމީހާއެވެ. ނޫސްތަކުގައި އެ ވާހަކަތައް ޖެހުމުން އަހަންނަށް ކުރިމަތިލާން ޖެހޭނެ ސުވާލުތައް އިހަށް ދުރުގައި ބާއްވާށެވެ. އަހަރެންގެ ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަޔާ ދޭތެރޭގައި ވިސްނަން ނުޖެހުނު ނަމަ، ދިރިއުޅެން އަހަންނަށް ވަރަށް ފަސޭހަވީހެވެ. އަހަންނަކީ ކެތްތެރި މީހެކެވެ. ހިތްވަރުގަދަ މީހެކެވެ. އެކަމަކު، ޒަލަފްގެ ކުދި އަނިޔާތަކަށް އަހަންނަކަށް ކެތެއް ނުކުރެވުނެވެ.
"އަހަރެން ވަރިކުރަންވީނު!" އެންމެ ފަހުން އަހަރެން އެދުނީމެވެ. "ހެޔޮނުވާނެ."
އަހަރެންގެ ކޮންމެ ހިތާމައަކީ ޒަލަފްގެ އުފަލެކެވެ. ކެތްކުރަން އަހަންނަށް ނުކުޅަދާނަވެއްޖެކަން އެނގުމުން ޒަލަފްގެ މޫނުމަތިން ފާޅުވީ، ކުޅިވަރަކުން އެއްވަނަ ލިބޭ މީހާގެ މޫނުމަތިން ފާޅުވާ ކަހަލަ އުފާވެރިކަމެކެވެ. "އެނގޭތަ؟ އަހަރެން ވެސް މިހާރު ބޭނުމެއް ނޫން ދީމާއާ އިނދެގެން އުޅޭކަށް،" ޒަލަފް ބުންޏެވެ. "އެކަމަކު ވަރިކުރާނީ އަދަބުދީފަ."
"އަހަރެން ކޯޓަށް ފޯމުލާނަން،" ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. "ހަމަ ރަނގަޅަށް މި ބުނީ." "ނުކެރޭނެ!" ވަރަށް ޔަގީންކަމާ އެކުގައި ޒަލަފް ބުންޏެވެ. "ފުރަތަމަ ކަންތައް. އަހަރެން މިހެން ހުއްޓާ ދީމާ ވަރިވާން އުޅެފިއްޔާ ކީކޭ މީހުން ހިތަށް އަރާނީ؟ ތީ ހާދަ ރަހުމުކުޑަ އަންބެކޭ!"
އަހަރެން ހިތަށް އެރިއެވެ. އެއީ ވެސް ތެދެކެވެ. އަހަންނަށް އެ ކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ "ދެވަނަ ކަންތައް،" އަތުން ދޭއް ދައްކައިލަމުން ޒަލަފް ބުންޏެވެ. "ގާޒީ އަހާނެ ސަބަބު. ސަބަބު ބުނަން ކެރޭނެ؟ ނުކެރޭނެ. އެކަމަކު ބަލަމާ ހިނގާ ކެރުނިއްޔޯ! އަހަރެން ބުނާނަން އަހަރެން އެހެން ހަދަން ޖެހުނު ސަބަބު. ވަރަށް ވަރަށް ހުތުރުކޮށް މި ކަން ދާނީ. އަދި އެއް ވާހަކަ. ހުވަފެނުގަ ދީމާ ކިއި އެއްޗެހިތައް އަހަރެން ހުންނާނެ ރެކޯޑުކޮށްފަ. ލީކުކޮށްލާނަން. ކޯޓުގަ ވެސް އިއްވާނަން."
އެ ވަގުތު އަހަރެން ހިތަށް އެރިއެވެ. އަހަރެން މަރުވާނެ ނަމައެވެ. އެއްޗެއް ބުނަން ނުކެރި، އިސްޖަހާލައިގެން އެތައް އިރަކު އަހަންނަށް އިނދެވުނެވެ. ޒަލަފް ހޭން ފެށި ގޮތަށް ހުއްޓައި ވެސް ނުލިއެވެ. އެއީ ކީއްވެގެން ވާ ގޮތެއް ހެއްޔެވެ؟ ނުބައި މީހާ އަތުގައި ބާރު އޮވެފައި، ރަނގަޅު މީހާ މަޒުލޫމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ "ލާނަންތަ ފޯމު؟" ޒަލަފް ނިކަން ބާރަށް ބުންޏެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ހިސާބުން ރޮވުނީއެވެ. ދެން ވެސް ޒަލަފްގެ ހިތަކަށް ރަހުމެއް ނުވަނެވެ.
"ރޮއެ! ބާރަށް ރޮއެ!" ޒަލަފް ބުންޏެވެ. "ތީ ހަމަ ވާންވީ ގޮތް."
އަހަރެންގެ ދިރިއުޅުމަށް ވަރަށް ކަޅު ހިޔަންޏެއް އެޅުނެވެ. ހީވި ކަހަލައެވެ. ހަ ފަރާތުން އަހަރެން ބެދިއްޖެއެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް، ބުނާނެ މީހެއް ވެސް އަހަންނަކަށް ނޭނގުނެވެ. ހިތަށް އެރިއެވެ. އަހަރެން ކުށެއް ނުކުރަމެވެ. ކޯޗު ވެސް ކުށެއް ނުކުރެއެވެ. އަހަރުމެން ދެ މީހުންނަށް ވެސް ލިބުނީ ނުކުރާ ކުށެއްގެ އަދަބެވެ. ކަންނުވެ ރަނގަޅަށް ނަންވެ ނިމުނީ އެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.