10 ނޮވެމްބަރ 2024
(ބުދަ ދުވަހާ ގުޅޭ)
(ބުދަ ދުވަހާ ގުޅޭ)
"ތިހެން އަހައިގެން މި ހުންނަނީ،" ކޯޗު ބުންޏެވެ. "ފޯނު ބަލާބަލަ!"
"ފޯނު ނުލާ ނުކުމެވުނީ." އަހަރެން ބުނީމެވެ.
ކޯޗުގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އަހަރެންގެ ހިތުގައި ވެސް ހަމަ އެ ނުތަނަވަސްކަން އުފެދުނެވެ. ފޯނު އޮންނާނީ ޒަލަފް ކައިރީގައެވެ. އޭނަގެ އަތުގައި ނޫން ކަމެއް ވެސް ނޭނގެއެވެ.
"އެ ކަމާ ނުވިސްނާ!" އަހަރެން ބުނީމެވެ. "އަލަކުން އަރާނެ އަޑެއް ނެތް. ވާނެ ކަމެއް ވެސް ނެތް. މި ތާ ކައިރި ފިހާރަޔަކަށް މި ދަނީ. އަހަންނާ އެއްކޮށް ދެވިދާނެތަ؟"
"އާނ ހިނގާހިނގާ!" ކޯޗު ބުންޏެވެ. "މީ އެކަނި ނުކުންނަން އެހާ ރަނގަޅު ޓައިމެއް ވެސް ނޫން."
ދެ މީހުން އެކުގައި ހިނގައިގަތީމެވެ. އެގާރަ ޖެހިއެއް ކަމަކު މަގުމަތީގައި މީހުން މަދެއް ނޫނެވެ. ޒަލަފްގެ ރައްޓެއްސަކަށް ވެސް ފެނިދާނެއެވެ. އަހަންނަށް އެއްވެސް މައްސަލައެއް ނެތެވެ. އެކަނި ދިޔުމަށް ވުރެ، ދަންނަ މީހަކު ގާތުގައި ހުރުމުން އަހަރެންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ ވަރު ބޮޑެވެ.
"މީ ރަނގަޅު ވަގުތެއް އެއްކަލަ ވާހަކަ ކިޔައި ދޭން،" ކޯޗު ބުންޏެވެ. "އަސްލު ކިހިނެއްތަ ވެގެން މި އުޅެނީ؟"
ފޮތެއްހެން ހިތް ހުޅުވައިލާފައި އަހަރެން ކިޔައިދޭން ފެށީމެވެ. ފެންނަން ފެށި ހުވަފެނާއި އޭގެ ސަބަބުން ޖެހުނު މައްސަލަ އާއި ޒަލަފް ބަދަލު ހިފާ ގޮތް، ހުރިހައި ތަފުސީލަކާ އެކުގައި ކިޔައިދިނީމެވެ. ދަރިފުޅަށް ކިޔައި ދޭން ނުކެރުނު ވާހަކަތައް ވެސް ކޯޗަށް ކިޔައިދިނީމެވެ.
"އެނގޭތަ؟ މިހާރު ފެންނަ ހުވަފެނުގަ އަހަރެން އުޅެނީ ކޯޗާ މެރީ ވެސް ކޮށްގެން،" ހީނގެންފައި އަހަރެން ބުނީމެވެ. "ކިހާ މަޖާ ކަމެއް؟"
ފިރިހެނުންނަކީ ތަދާއި ލަދަށް ގަދަ ބައެކެވެ. އަންހެނުން ފަދައިން ރަތްކެއް ވެސް ނުވާނެއެވެ. އެހެނަސް، ކޯޗު މަންމަންވި ތަން، ފުރަތަމަ ފަހަރަށް އަހަރެން ދުށީމެވެ. ކަންތައް ހިނގައިދިޔަ ގޮތުން ކަމެއް، އެ ހުރިހައި ވާހަކައެއް ކިޔައިދޭން އަހަންނަށް ކެރުނީމައި ކަމެއް ނޭނގެއެވެ. އަހަރެން ވާހަކަ ނިންމައިލުމުން ވެސް ކޯޗު އެއްޗެއް ނުބުންޏެވެ. އިސްޖަހާލައިގެން ހުރެ އަހަންނާ އެއްވަރަށް ހިނގީއެވެ.
"ކިތައް ފިޔަވަޅު އެޅިއްޖެ؟" އަހަރެން އެހީމެވެ.
"އޭނ؟" އަހަންނަށް ބަލައިލަމުން ކޯޗަށް ބުނެވުނެވެ.
"ފިޔަވަޅު ގުނަނީކީ ނޫންތަ؟" އަހަރެން ބުނީމެވެ.
"ފިޔަވަޅު އެކަނިތަ؟" ކޯޗު ބުންޏެވެ. "ވިންދު ވެސް އެބަ ގުނަން. ނޭވާ ވެސް އެބަ ގުނޭ! ބުނާނެ އެއްޗެއް ނޭނގިގެން މި އުޅެނީ. އަހަރުމެންނަކީ އެހާ ކްލޯސް ރައްޓެހިންނެއް ވެސް ނޫން. އަމުދުން މެރީ ކުރަން ހިތަށް ވެސް ނާރާ!"
"އާނއެކޭ!" ހީނގެންފައި އަހަރެން ބުނީމެވެ. "އަހަރެން ވެސް ހިތަކަށް ނާރާ ކޯޗާ އިންނާނަމެކޭ!"
"ހިތަށް އެރި އެއްޗެއް ބުނެބަލަ!" ކޯޗު ސުވާލު ކުރިއެވެ.
ކޯޗު ބުނި އެއްޗެއް ނުވިސްނިގެން އަހަރެން ބަލައިލީމެވެ.
"މި ބުނީ، އިންނަންތާ ހިތަށް ނާރަނީ،" ކޯޗު ބުންޏެވެ. "އެކަމަކު އަހަރެން ފެނުނީމަ ހިތަށް އެރި އެއްޗެއް ވެސް އޮންނާނެއްނު. މިސާލަކަށް، މީ ހާދަހާ ފޮނި މީހެކޭ. ބޮޑާ މީހެކޭ."
"ތީ ރީތި މީހެކޭ ހިތަށް އެރި،" އަހަރެން ބުނީމެވެ. "ހާދަހާ ނައިސް މީހެކޭ. ވިސްނޭ މީހެކޭ. މިހެން ބުނީމަ ހާދަ ފޮނިވާނޭ ވެސް ހިތަށް އެރި."
"އެކަމަކު..." އެހެން ބުނެފައި، ވިސްނާލައިފައި ކޯޗު ބުންޏެވެ. "ދިމް ސިންގަލް ނަމަ... ނަމަ.."
އެ ހިސާބަށް ބުނި ތަނައި ކޯޗަށް ފޯނެއް އައެވެ. އޭނަ ޖީބުން ފޯނު ނަގައިފައި ފޯނަށް ބަލައިލިއެވެ. ހައިރާން ވެފައި އަހަންނަށް ފޯނު ދައްކައިލިއެވެ. ފޯނަށް އަރާފައި އޮތީ "ދިމް" އެވެ. އަހަރެންގެ ނަމެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ވަގުތުން ހުއްޓެވުނެވެ. ވީ ގޮތް އަހަރުމެން ދެ މީހުންނަށް ވެސް އެނގުނެވެ. ކޯޗު ފޮނުވި މެސެޖު ޒަލަފަށް ފެނުނީއެވެ. އަހަރުމެން ދެ މީހުން އެއްތަނެއްގައި ތިބި ކަމެއް ޒަލަފަކަށް ނޭނގޭނެއެވެ. ޒަލަފް ހީކުރާނީ އަހަރެންގެ ނަން އަރާ އިރަށް ކޯޗު ފޯނު ނަގާނެ ކަމަށެވެ.
"ނަގަންވީތަ؟" ކޯޗު ބުންޏެވެ. "އަހަންނަށް ކެރިދާނެ ނަގަން. ދައްކަންވީ ވާހަކަ ވެސް އެނގޭ."
ބުނާނެ އެއްޗެއް، ހަދަންވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ. މޫނުމައްޗަށް އަނދިރިވިހެން ވެސް ހީވިއެވެ. އެއް ފިޔަވަޅު ފަހަތަށް ނޭޅުނު ނަމަ އަހަރެން ވެއްޓުނީހެވެ.
"ދިމް!" ކޯޗު ބުންޏެވެ. "ދިމް އެއްވެސް ކުށެއް ނުކުރެޔޭ! ގޯސް ކަމެއް ވެސް ނުކުރޭ! ދޮގެއް ވެސް ނަހަދާ! މިހިރީ މަގުމަތީގަ އުޅޭހާ މީހުން. އަހަރެން ވެސް މީ ހަމަ މި ތަނުގަ ހުރި މީހެކޭ. ދިމް ނުޖެހޭ ހާސްވާކަށް."
"މިރޭ ނޭނގެ އަހަންނަށް ހަދާނީ ކިހިނެއް ކަމެއް ވެސް،" އަހަންނަށް ބުނެވުނެވެ. "ވަރަށް ވަރު ކޮށްލާނެ. އޯކޭވާނެ. ކޯޗު ދޭ!"
އެހެން ބުނެފައި އަހަރެން ހިނގައިގަތީމެވެ. ހިތް ވަރަށް ބާރަށް ތެޅެއެވެ. ހިތަށް އެރިއެވެ. ޒަލަފް އަތުން މަރުވާން ހުރިއްޔާ އެކަކަށް ވެސް އަހަރެން ސަލާމަތެއް ނުކުރެވޭނެއެވެ. ފިހާރަ އަށް ވަދެ، އައިސްކްރީމް ގަނެގެން ނުކުތް އިރު ވެސް މަގުމަތީގައި ކޯޗު ހުއްޓެވެ. އަހަންނަށް އެހީވާން އޭނަ ބޭނުންވާ ކަހަލައެވެ. އެހެނަސް، ވެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ ޒަލަފްއަކީ އަހަރެންގެ ފިރިމީހާއެވެ. ކޯޗަށް ނުވެސް ބަލައި އަހަރެން ހިނގައިގަތީމެވެ.
"އަހަރެންގެ ހެލްޕެއް ބޭނުން؟" ކޯޗު ބުނި އަޑުއިވުނެވެ.
އަހަރެން ހުއްޓުނީމެވެ. ހާސްކަމާއި ހިތާމަ އާއި ބިރާއި ފޫހީގެ ސަބަބުން އަހަރެންގެ ސިކުނޑި އޭރު އަހަންނާ ރުޅިވެއްޖެއެވެ. އެހީތެރިވުން ހުއްޓައިލައިފިއެވެ. އަހަރެން ހުރީ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހާލަތެއްގައެވެ. ކޮންމެވެސް އެއްޗެހިތަކެއް ކިޔައިގެންފައި އަހަރެން ހިނގައިގަތީމެވެ. ހިތަށް އެރިއެވެ. މިރެއަކީ ފަހު ރެއެވެ. އަހަރެން މަރުވާނެއެވެ. ނުވިއްޔާ ސަލާމަތުން ގެއިން ނުކުންނާނަމެވެ. މިހެނެއް ނޫޅެވޭނެއެވެ. ގެއާ ހަމައަށް ގޮސްފައި، އިތުރަށް އެއް ފަހަރު ވިސްނައިލީމެވެ. ގެއަށް ވަންނާނީ ހެއްޔެވެ؟ އެހެން ތަނަކަށް ދާނީ ހެއްޔެވެ؟ ފަސްއެނބުރި ބަލައި ވެސް ލީމެވެ. ހީކުރި ގޮތެއް ނުވިއެވެ. ކޯޗެއް ނާދެއެވެ. ދެން އަހަންނަށް މަދަދުވެރިވާނެ ހުރީ އެންމެ ފަރާތެކެވެ. ދެ ދުނިޔޭގެ ވެރި ރަސްކަލާނގެއެވެ. އެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލާނގެއެވެ. އެ ކަލާނގެ ހިމާޔަތް ކޮށްދެއްވި މީހެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސައިލެވޭނެ ކާއިނާތެއް ނުވެއެވެ.
"މާތް ކަލާނގެއާ ވަކީލު." ހިތާހިތުން އަހަރެން ބުނެލީމެވެ.
ކޮންމެ ފިޔަވަޅަކަށް، އަހަރެންގެ ހަށިގަނޑުގައި ވާހައި ހުރިހައި ހަކަތައެއް ބޭނުންކޮށްގެން ހިނގަމުން ގޮސް އެޕާޓުމަންޓަށް ވަނީމެވެ. ދޮރުލައްޕައިލީމެވެ. ސަމުސަލެއް ހިފައިގެން ކޮޓަރިއަށް ވަނީމެވެ. ޒަލަފެއް ނެތެވެ. އަހަރެންގެ ފޯނު އެނދުމަތީގައި އޮތެވެ. ޒަލަފް އުޅެނީ ފާހާނައިގައެވެ. އެނދު ކައިރީގައި ހުރި ކުޑަ ކަބަޑު މަތީގައި އައިސްކިރިމު ތަށި ބެހެއްޓުމަށް ފަހު، އޭގެ މަތީގައި ސަމުސާ ބޭއްވީމެވެ. އެނދުގައި އިށީނީމެވެ. ފޯނަކު އަތެއް ނުލަމެވެ. ހިތަށް އެރިއެވެ. ކޮޓަރީގައި ނީނދެ، ނުކުމެގެން ދާންވީއެވެ. އަދި ވެސް ވަގުތު އެބަ އޮތެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ޒަލަފް ފާހާނައިން ނުކުތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޒަލަފްގެ މޫނަކަށް އަހަރެން ނުބަލަމެވެ. އަހަރެންގެ ހިތުވިންދު ބާރުވިއެވެ.
"ނަސީބަކުން ލިބުނު ދޯ؟" ޒަލަފް ބުނި އަޑުއިވުނެވެ.
އެއީ ޒަލަފް ފުރަތަމަ ބުނާނެކަމަށް އަހަރެން އުންމީދުކުރި އެއްޗެއް ނޫނެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އެ ވަގުތު އަހަރެންގެ ފޯނަށް މެސެޖެއްއައެވެ. އަޑުކަނޑައިލާފައި އޮތުމުން ފޯނު ހަމަ އެކަނި ދިއްލުނީއެވެ. އަހަރެން ފޯނު ނެގީމެވެ. އޭރު ޒަލަފް އައިސްކިރިމު ހިފައިގެން އެނދުގައި އިށީނދެ ކާން ފަށައިފިއެވެ. އަހަރެން މެސެޖު ބަލައިލީމެވެ. އެއީ ނަބާހާ ފޮނުވި މެސެޖެކެވެ. ނިދާފައިހޭ އަހާފައި އޮތެވެ. އަހަރެން ނޫނެކޭ ބުނެފައި ޖަވާބު ދިނީމެވެ. އެ ވަގުތު ކޯޗުގެ މެސެޖެއްއައެވެ. އެ މެސެޖު ވެސް ބަލައިލީމެވެ.
"ކިހިނެއް ހާލު؟" ކޯޗު އަހާފައި އޮތެވެ.
"ދެންމެ ކޯޗަށް ގުޅީމޭ!" ޒަލަފް ބުނި އަޑުއިވުނެވެ.
އެއްފަހަރާ ދެ ކަންތައް ވަމުންދިޔުމުން އަހަންނަކަށް ވާނުވާއެއް ނޭނގެއެވެ. "ދިމްގެ ފޯނުން ގުޅީ،" ހީނގެންފައި ޒަލަފް ބުންޏެވެ. "މި ތާ ފޯނު އޮތީމަ ހަމަ ހިތަށް އެރީ ގުޅާލަން ވެއްޖޭ! ނަސީބަކުން ނުނެގި."
ޒަލަފަށް ފުރަގަސްދީގެން އިނުމުން އަހަރެންގެ މޫނެއް ޒަލަފަކަށް ނުފެންނާނެއެވެ. އަހަންނަށް ދެލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ވީ ގޮތް ދެން ވިސްނުނެވެ. ކޯޗު ފޮނުވި މެސެޖު އައީ މާ ފަހުންނެވެ. އަހަރެން ފޯނު ނެގި ވަގުތު އައީ އެ މެސެޖެވެ. ބައެއް ފަހަރު މެސެޖު އައުން އެ ގޮތަށް ލަސްވެއެވެ. ހިތަށްއެރިއެވެ. ޒަލަފް އަހަރެންގެ ފޯނުން ކޯޗަށް ގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދެން ހިތަށް އެރިއެވެ. ޒަލަފް ކުރީ އެ ކަހަލަ އެންމެ ކަމެއް ހެއްޔެވެ؟ ގޮތްކުޑަވެގެން އޭނަ ނުކުރާ ކަމެއް އޮވޭ ހެއްޔެވެ؟ އަޅެ ކޯޗު އެ ފޯނު ނެގި ނަމަ ޒަލަފް ބުނާނީ ކީކޭ ހެއްޔެވެ؟ އެހެން އަހަން ވެސް ހިތަށް އެރިއެވެ. އެހެނަސް، އެ ވަގުތު އަހަރެން އިނީ އެއްޗެއް އެހޭ ފަދަ ހާލަތެއްގައެއް ނޫނެވެ.
"ނެގި ނަމަ އަހަރެން އިންނާނީ އެއްޗެއް ނުބުނެ،" ޒަލަފް ބުންޏެވެ. "އަޅެ އޭނަ ބުނާ އެއްޗެއް ބަލަން. ކިހާ މަޖާވީސް. އޭ މި އައިސްކްރީމް ހާދަ ސަޅިއޭ! ތަންކޮޅެއް ބޮޑު ތަށްޓެއް ގެނައި ނަމަ. ދޭބަލަ އަދި އެއް ތަށި ހިފައިގެން އަންނަން."
އަހަރެން ހީކުރީ އެއީ ޒަލަފް ސަމާސާއަކަށް ބުނި އެއްޗެއް ކަމަށެވެ. އެހެންވެ، އެއްޗެއް ނުބުނެ އިނީމެވެ. އަހަރެން ގެނައި އައިސްކިރިމު، ޔަގީނުން ވެސް އަހަންނަށް އެކަނި ހުސްކުރެވޭ ވަރަށް ވުރެ ބޮޑެވެ. ޒަލަފްއަށް އެއިން ނުފުދޭންވީ ސަބަބެއް ނެތެވެ.
"ދޭބަލަ!" އަނެއްކާ ވެސް ޒަލަފް ބުންޏެވެ. "އެއްޗެހި ވެސް ބަދަލެއް ނުކުރަމެއްނު!"
"ދެން ނުދެވޭނެ ޒަލަފް!" އަހަރެން ބުނީމެވެ.
"ދެވޭނެ،" ޒަލަފް ހިތްހަމަނުޖެހިފައި ފައިސާތަކެއް އަހަންނާ ދިމާއަށް ހޫރައިލަމުން ބުންޏެވެ. "ދާން ޖެހޭނީ."
އަހަންނެއް ނުދަމެވެ. އޭގެ ބަދަލު ހިފާނެ ގޮތަކަށް ހިފަން ޒަލަފަށް ދޫކޮށްލީއެވެ. ފަހު ފަހަރަށެވެ. ހިތަށް އެރިއެވެ. މިރޭ އަހަރެން މި ސަލާމަތްވި ގޮތަށް ކޮންމެ ފަހަރަކު ނުވެދާނެއެވެ. މިއީ ދިރިއުޅުމެއް ނޫނެވެ. ކެތްކުރަންޖެހެނީ މަރު ވަންދެނެއް ނޫނެވެ. ކެތްތެރިކަމާ އެކު ދިރި ހުންނަން ވެސް ދަސްކުރަން ޖެހޭނެއެވެ. ފައިހިލަވަޅު އޮބިފައިވާ ހަމަހިމޭން ދަންވަރެކެވެ. މުޅި މަގުގައި ވަނީ ފަޅުކަމެވެ. އެންމެ އަޑެއް ފިޔަވައެވެ. އެއީ އަހަރެންގެ ފޮށީގައި ހަރުކޮށްފައިވާ ކުޑަކުޑަ ފުރޮޅު، ގާތަކުގެ އަޑިގުޑަންތަކުން ދަތުރުކުރާ އަޑެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.