Roadha Mihaaru

ސަރުކާރުގެ ބިލުތައް ހުރީ ބާރުތައް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަމުންދާ ގިނަ ބިލްތައް ހުރީ ސަރުކާރަށް ބާރުތައް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.

ބިލްތައް ހުރީ ބާރުތައް ޖަމާކުރުމާ ދިމާލަށް: އެމްޑީޕީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

06 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަމުންދާ ގިނަ ބިލްތައް ހުރީ ސަރުކާރަށް ބާރުތައް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި މަޖިލީހަށް ހުށަހެޅި ބިލްތަކުން ފާހަގަ ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުރިހާ ބާރުތައް ލިބޭ ގޮތަށް ހުރި ތަން ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމާއި ސިޔާސީ ޕާޓީތަކަށް ކުރާ ޖޫރިމަނާ ބޮޑުކުރުމުގެ އިތުރުން ގާނޫނުލްއުގޫބާތަށް ހުށަހެޅުނު އިސްލާހުގައި ވެސް ހުރީ އެ ސިފަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރީ ގޯސްކޮށް ކަމެއް ހިނގާތީ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމުން ކަމަށާއި އެހެންކަމުން މި ސަރުކާރު ވާން ޖެހޭނީ އެއަށް ވުރެ ރަނގަޅު ސަރުކާރަކަށް ކަމަށެވެ.

"އަބަދުވެސް ސަރުކާރުތައް ވާން ޖެހޭނީ ރަނގަޅޭ. ހުޅުދުހުތާރު ކަމާ ދިމާލަކަށް ނޫނޭ ދާންވީ، ދާންވީ ރަނގަޅަށް މެނޭޖް ކުރެވިގެން ރަނގަޅަށް ރައްޔިތުންގެ ފައިސާ ބޭނުންކުރެވިގެން، ކޮރަޕްޝަން މަދު ކުރެވިގެންދާތަނޭ އަޅުގަނޑުމެން ފެންނަން ޖެހޭނީ،" ގަޕޯ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ އެ މަންޒަރު ނުފެންނަ ކަމަށާއި އަދި ފެންނަމުންދަނީ ކުރިއަށް ވުރެ ވެސް ގޯސްކޮށް ކަންކަން ގޮސް، ރައްޔިތުން ނިކަމެތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި ރައްޔިތުންގެ ފައިދާ ނޫން އިތުރު މަސްލަހަތެއް ސަރުކާރުގައި އޮވެގެން ނުވާނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ފާޑު ވިދާޅުވަމުން ގަޕޯ ވިދާޅުވި ބަޖެޓުގައި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނެތް ކަމަށާއި އަދި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ހިނގާނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބުނާ އެއްޗާ ދިމާ އިދިކީއްޔަށް ހުރިހާ އެއްޗެއް ގޮސް މި ނިމެނީ، އެއީ ބަހެއް ވިޔަސް ކުރަން ބުނި މަސައްކަތަކަށް ވިޔަސް، ރައްޔިތަކަށް ވީ ވައުދަކަށް ވިޔަސް ސީދާ އެކޮޅުކޮޅުން،" ގަޕޯ ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަތަރު ބިލިއަން ރުފިޔާ ބަޖެޓްގައި އޮތް ނަމަވެސް އޭގެ ތަފްސީލެއް އަދި އެ އަދަދު ގެނައި ގޮތެއް އެނގެން ނެތް ކަމަށެވެ.

އެ ތަފްސީލް ހާމަކުރަން ޖެހޭނެ ކަމަށާއި އަދި ތަފްސީލް ހޯދަން ލިޔުމުން އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.