Roadha Mihaaru
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ

ސަރުކާރުގެ އިގްތިސާދީ ރީފޯމް ބިލްތަކަށް ތާއީދުކުރަން: އެމްޑީޕީ

03 ޖުލައި 2024

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދުކުރާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދުކުރާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެ ޕާޓީން ތާއީދުކުރާ ކަންކަން މަޖިލީހުގެ ތެރެއިން ފެންނާނެ ކަމަށެވެ. ސަރުކާރު ރީފޯމްކުރުމާ ގުޅޭ ތިން ބިލެއް މަޖިލީހުގައި އެބައޮތް ކަމަށާއި އެ ހުރިހާ ބިލަކަށް ވެސް އެ ޕާޓީން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން ބިލަށް ވެސް އަޅުގަނޑުމެން އެބަ ތާއީދުކުރަން،" އޭނާ ވިދާޅުވި އެވެ.

"މީގެ ތެރޭގައި އެބަހުރި 2024 ވަނަ އަހަރަށް އެމްޑީޕީގެ ފަރާތުން ބަޖެޓް ހުށަހަޅާފައި ހުރި ރީފޯމް އެޖެންޑާ. އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް، އެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް."

ނަމަވެސް، އެމްޑީޕީން ތާއީދު ނުކުރާ ކަމަކީ މަހުގެ އަގު ދަށްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން ކަމަށާއި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ހަރަދެއް މިހާރު ހިނގަނީ ސިޔާސީ މަގާމުތަކަށް ކަމަށާއި އަހަރުގެ މިހާތަނަށް އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 700-800 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"މި ހަރަދުތައް ކުޑަކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނެތް ބައިނަލްއަގުވާމީ މާލީ އިދާރާތައް ކޮންވިންސް ކޮށްދެވޭކަށް އަޅުގަނޑުމެން ސީރިއަސް ކަމަށް، ރާއްޖެ ސަލާމަތްކުރަން،" އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް ކަންކަން ކުރާ ނަމަ އެމްޑީޕީގެ އެމްބާރުން ސަރުކާރަށް ލިބޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތު ހާމަކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް، އެ މައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދާތީ، އިދިކޮޅުން އެކަމާ މެދުގައި ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ޖެހުނީ ވެސް އެ ސަބަބަށްޓަކާ ކަމަށެވެ.

ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރާ އަދަދު ހާމަ ނުކުރާތީ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލައިފަ އެވެ.

ސިޔާސީ މަގާމްތައް އިތުރުނުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މިވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ސިޔާސީ މަގާމްތަކުގެ އަދަދު، ސަރުކާރުން ހާމަ ކުރަމުންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.