Roadha Mihaaru
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި

އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި

07 ނޮވެމްބަރ 2024

މިލާން (ނޮވެމްބަރު 7) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން އަތުން 1-0 އިން ބަލިވި މެޗުގެ ނަތީޖާ ބަލައިގަންނަން އުނދަގޫ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

މިލާން (ނޮވެމްބަރު 7) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން އަތުން 1-0 އިން ބަލިވި މެޗުގެ ނަތީޖާ ބަލައިގަންނަން އުނދަގޫ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އިންޓަ އިން ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދީ، ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން، ހަކަން ޗަލްހަނޮގްލޫ ކާމިޔާބު ކުރި ގޯލުންނެވެ.

އާޓެޓާ ބުނީ، ޕެނަލްޓީގެ ދެ ހާލަތެއްގައި އާސެނަލްއާ ދެކޮޅަށް ރެފްރީ ނިންމި ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާ ގަބޫލު ކުރަން އުނދަގޫ ކަމަށެވެ. އެގޮތުން އިންޓަގެ ކީޕަރު ޔާން ސޮމާ ބޯޅައެއް ޕަންޗް ކުރަން އެރި ގަޑީގައި އާސެނަލްގެ މިކެލް މެރީނޯ ބޮލުގައި ޖެހުމުން، ވީއޭއާރު ބެލުމަށް ފަހު ވެސް އާސެނަލް އަށް ޕެނަލްޓީއެއް ދީފައި ނުވުމުން އާޓެޓާ ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

"އަހަރެންނަކަށް ނުވިސްނޭ. (މެރީނޯ އަތުގައި ބޯޅަ ޖެހުނީ) ޑިފްލެކްޝަނަކުން. ބޯޅަ އެހާ ކައިރީގަ އޮއްވާ އޭނާ އަތް ދުރަށް ލާން ރިއެކްޓު ކުރާނެ ވަގުތެއް ވެސް ނޯންނާނެ،" އާޓެޓާ ބުންޏެވެ.

"އެންމެ ރަނގަޅު، އެއަށް ޕެނަލްޓީ ދޭން ރެފްރީ ނިންމީ. އެކަމަކު މެރީނޯ ބޮލުން އެރި ވަގުތު އިންޓަ ގެ ކީޕަރު (ޔާން ސޮމާ) އަތުން އޭނާގެ ބޮލުގައި ޖެހުނީމަ އެއީ އެއްހާސް ޕަސެންޓް ޕެނަލްޓީއެއް. މިއީ ބަލައިގަންނަން އުނދަގޫ ކަންކަން."

މެޗުން ބަލިވި ނަމަވެސް އާޓެޓާ ބުނީ، މިއީ އާސެނަލް އިން ފާއިތުވި އަހަރުތަކުގައި ޔޫރަޕްގައި ކުޅުނު އެންމެ މޮޅު މެޗު ކަމަށެވެ. އާސެނަލް އިން ގޯލެއް ޖަހައި ނަތީޖާ ބަދަލުކޮށްލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިންޓަގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ.

މިއީ ޗެމްޕިއަންސް ލީގުގައި އާސެނަލް މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވި ފުރަތަމަ މެޗެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައި ނުވާ އިރު، އޭގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ.