Roadha Mihaaru
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް

ސޯޝަލް މީޑިއާގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް

09 ނޮވެމްބަރ 2024

ސޯޝަލް މިޑިއާގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސޯޝަލް މިޑިއާގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޒުބައިރު ފާރޫގް ނަމަކަށް ކިޔާ މީހަކު ޓިކްޓޮކްގައި އާންމު ކުރި ވީޑިއޯގައި ވަނީ ފައިސާއެއްގެ މައްސަލާގައި މީހަކަށް މަރުގެ އިންޒާރު ދީ، އޭނާގެ އާއިލާ ވެސް "ނައްތާލާނެ" ކަމަށް އިންޒާރުތަކެއް ދީފަ އެވެ.

އެ ވީޑިއޯގައި ޒުބައިރު ބުނިގޮތުގައި އޭނާ އަންގައިފި ނަމަ އޭނާގެ މީހުން "އިނގިލި އުފުރައިގެން" ގެންނާނެ އެވެ.

"އަހަންނަކީ ވަރަށް ނުރައްކާތެރި މީހެއް... ހުޅުމާލޭގެ ހުރިހާ ޑްރަގް މީހުންނަކީ އަހަރެންގެ މީހުން،" އޭނާ ބުންޏެވެ.

އޭނާ ވަނީ ފައިސާ ދޭން ޖެހޭ މީހާގެ އާއިލާގެ މީހުންނާ ދިމާލަށް ވެސް ވަރަށް ހަޑިހުތުރު ބަހުން އަދި ޖަނަވާރުތަކުގެ ނަމުން ގޮވައި ބޭއަދަބީކޮށް ވާހަކަ ދައްކައިފަ އެވެ.

"މަށަށް އެނގޭ މަށަށް މި ދެއްކެވޭ ވާހަކަ. ހުރިހާ ޒިންމާއެއް ނަގާނީ މަ. ޒުބައިރު ފާރޫގް، ހުޅުމާލެ ދެކުނު ދާއިރާ. ހުޅުމާލެ ދެކުނު ދާއިރާގެ މީޑިއާއަކީ މަގޭ އެއްޗެއް. ހުޅުމާލެ ދެކުނު ދާއިރާގެ ޓިކްޓޮކަކީ މަގޭ އެއްޗެއް،" އެ މީހާ ބުންޏެވެ.

އޭނާ ގެންދަނީ އެކިއެކި ޕްލެޓްފޯމުތަކުގައި އެފަދައިން ވާހަކަ ދައްކާފައިވާ ވީޑިއޯތައް އާންމު ކުރަމުންނެވެ.

އެ ވީޑިއޯތައް އާންމު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެއީ ޓެރަރިޒަމްގެ އަމަލަކަށް ވާތީ، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ގޮވާލައިފަ އެވެ.

ޒުބައިރަކީ ކުރިން ޕީޕީއެމްގައި ހަރަކާތްތެރިވުމަށް ފަހު މިހާރު ޕީއެންސީގެ މެންބަރެކެވެ. އަދި އޭނާ މިވަގުތު ހުރީ ވެސް ވެމްކޯގެ މަގާމެއްގަ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.