Roadha Mihaaru

ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ހަވާލުކޮށްފި

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ހަވާލުކޮށްފި އެވެ.

ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 ނޮވެމްބަރ 2024

ލ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. އެމްއެންޔޫއިން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އެވެ.

އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ މަޝްރޫއުގެ ދަށުން ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމަށެވެ.

އެގޮތުން އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމާއި އެ ދާއިރާއިން މީހުންނަށް ކިޔަވައި ދިނުން ވެސް ކުރިއަށް ގެންދާއިރު ޓޫރިސްޓުންނަށް ހިދުމަތް ދޭނީ ރިސޯޓުގައި ތަމްރީނު ހޯދާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓްރެއިނިންގް ސްކޫލުގައި ކިޔަވާ ނިމޭއިރު މަސައްކަތުގެ ތަޖުރިބާ ވެސް ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ހުޅިމެންދޫގައި ތަރައްގީ ކުރާނީ ފަސްތަރީގެ ރިސޯޓެއް ކަމަށެވެ. އެތަނުގައި ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.