Roadha Mihaaru
މާކެޓިންގެ އެންމެ ވަރުގަދަ ނަންތަކުގައި ދިވެއްސެއް

މެދުއިރުމަތީގެ މާކެޓިންގެ އެންމެ ވަރުގަދަ ނަންތަކުގައި ދިވެއްސެއް

12 ނޮވެމްބަރ 2024

މާކެޓިންގެ ދާއިރާއަށް ނީނާ މުހައްމަދު ވަނީ މިހާ ބޮޑު ކާމިޔާބީއަކަށް އުއްމީދުކޮށްގެން ނޫނެވެ. އެކަމަކު މި ދާއިރާގައި ހޭދަވި 13 އަހަރުގެ ތެރޭގައި އޭނާ އަކީ މިހާރު މާކެޓިންގައި މެދުއިރުމަތީގައި އެންމެ ވަރުގަދަ އެއް ނަމެވެ. ޔޫއޭއީގައި ވަޒީފާ އަދާކުރާ ނީނާ ވަނީ، ދުނިޔޭގެ ގަދަ މީހުން ހިމެނޭ ދެ ލިސްޓެއްގައި ހިމެނިފަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާކެޓިންގެ ދާއިރާއަށް ނީނާ މުހައްމަދު ވަނީ މިހާ ބޮޑު ކާމިޔާބީއަކަށް އުއްމީދުކޮށްގެން ނޫނެވެ. އެކަމަކު މި ދާއިރާގައި ހޭދަވި 13 އަހަރުގެ ތެރޭގައި އޭނާ އަކީ މިހާރު މާކެޓިންގައި މެދުއިރުމަތީގައި އެންމެ ވަރުގަދަ އެއް ނަމެވެ. ޔޫއޭއީގައި ވަޒީފާ އަދާކުރާ ނީނާ ވަނީ، ދުނިޔޭގެ ގަދަ މީހުން ހިމެނޭ ދެ ލިސްޓެއްގައި ހިމެނިފަ އެވެ.

މެލޭޝިއާ އިން މާކެޓިން ދާއިރާއިން ޑިގްރީއަށް ކިޔެވުމަށް ފަހު އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ވިލާ ގްރޫޕްގަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ޝަންގްރިއްލާ އިން ލިބުނު ފުރުސަތެއްގައި ހޮޓެލް ޖެންއާ ގުޅުނީ އެސިސްޓެންޓް މާކެޓިން އެންޑް ކޮމިއުނިކޭޝަން އޮފިސަރަށެވެ.

ގާތްގަނޑަކަށް 10 އަހަރު ޝަންގްރިއްލާގައި މަސައްކަތް ކުރި ނީނާ ވަނީ ކޮވިޑް ތެރޭގައި ސިންގަޕޫރުގައި ހުންނަ ޝަންގްރިއްލާގެ އޮފީސް ވެސް ބަލަހައްޓައިފަ އެވެ.

"ޝަންގްރިއްލާގައި 10 އަހަރު މަސައްކަތް ކުރީ. ދެން ކޮވިޑް ތެރޭގައި ޝަންގްރިއްލާ ސިންގަޕޫރުގައި މަގާމުތައް ކްލަސްޓާ ކުރީ. މި މަގާމުގައި ހުރި ކުއްޖާ ކެނޑުނީމަ އެކޮޅުން [ސިންގަޕޫރު އޮފީހުން] ރިކުއެސްޓް ކުރީ މާލޭގައި ހުރެގެން އެކޮޅު ވެސް ބަލަހައްޓައިދޭން. ދެން އެ ފުރުސަތު ގަބޫލުކޮށް، 8-9 މަސް ވަންދެން ދެ ޕްރޮޕަޓީ ބަލަހައްޓައިދިނިން،" އޭނާ ކިޔައިދިނެވެ.

"އޭރު ހުރީ މެނޭޖާއެއްގެ ޕްރޮމޯޝަން ވެސް ލިބިފައި."

އޭނާ ބުނީ އެތަނުގެ ރީޖަނަލް އޮފީސް އިންނަނީ ދުބާއީގައި ކަމަށާއި 2021 އަހަރުގެ ފަހުކޮޅު ޝަންގްރިއްލާގެ ސީއީއޯ ކުރި ދަތުރެއްގައި ހުރިހާ ޑިޕާޓްމަންޓުތަކުގެ ހެޑުންނާ ވަކި ވަކިން ބައްދަލުކުރި ކަމަށެވެ.

"އެ ފަހަރު ސީއީއޯ މި ބުނީ ނީނާ ޑިވެލޮޕްކޮށްދޭން އަހަރެމެންނަށް ކޮށް ކަމެއްހޭ ކޮށްދެވޭނީ. ބޭނުންހޭ ބޭރަށް ބަދަލުވާން. ނީނާ ބޭނުން ވަންޏާ ވައިސް ޕްރެޒިންޑެންޓް މާކެޓިންނާ ވާހަކަ ދައްކައިދޭނަމޭ." އެ ބައްދަލުވުމުގެ ތަފްސީލު ދެމުން އޭނާ ބުންޏެވެ.

ނީނާ: ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކޮށް އޭނާ ވަނީ ތަޖުރިބާ ހޯދާފައި.

ނީނާ: ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކޮށް އޭނާ ވަނީ ތަޖުރިބާ ހޯދާފައި.

އަނެއް ދުވަހު އޭނާއަށް އައީ ވައިސް ޕްރެޒިޑެންޓްގެ ކޯލެކެވެ.

"މޫވްކުރަން ތައްޔާރުހޭ އަހަނީ ގުޅާފައި. އެހެން ބުނީމަ ފަސް ޖެހުނު، ރާއްޖެ ދޫކޮށް ދާން،" އޭނާ ބުންޏެވެ.

ރާއްޖެ ދޫކޮށް ދާން ނީނާ އަށް އުނދަގޫވި ދެ ސަބަބެއް އޮތެވެ. އެއް ކަމަކީ އާއިލާއާ ދުރަށް ދާން ޖެހުމެވެ. އަނެއް ކަމަކީ 20 އަހަރު ހޭދަކުރި، ފިޓްނަސް ދާއިރާ ދޫކޮށްލަން ޖެހުމެވެ. އޭނާ ގެންދިޔައީ މީހުންނަށް ކްލާސްތައް ވެސް ނަގައިދެމުންނެވެ.

"އެ ފީލްޑް ވެސް ދޫކޮށްލަން ޖެހޭނެއެއްނު ބޭރަށް ބަދަލުވަންޏާ. މާލޭގައި ވޯކްކޮށް ނިންމާލައިގެން ސައިކަލެއް އަރައިގެން އެ ކްލާސްތައް ނަގައިދެވުނަސް މިތަނުގައި ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން ދޯ،" އޭނާ ކިޔައިދިނެވެ.

އުނދަގޫތަކެއް ހުއްޓަސް ބޭރުގައި ވަޒީފާ އަދާކުރަން ނިންމީ އެވެ. ކޮންފޮޓް ޒޯން ދޫކޮށްލައި ނެގި މި ޗެލެންޖަކީ، ކުރިއަށްދާން އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

އެންމެ ފަހުން، އޮމާނުގައި ހުންނަ ތިން ރިސޯޓުގެ މާކެޓިން ޑައިރެކްޓަރު އެތަނުން ކެނޑުމުން، އޭނާގެ ޒިންމާތައް ނެގީ ވެސް ނީނާ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު އެތަނާ ހަވާލުވެ އޭނާ ހުއްޓެވެ.

"އޮމާނަށް ދިޔައީ އެކަނިމައި އެކަނި. ރިސޯޓުގައި އުޅުނީ ވެސް. އެތަނުގެ މާކެޓިން ޑައިރެކްޓަރު އަތުން ހޭންޑު އޯވާ ނަގަން ދިޔައީ. އެ ހިސާބުން ބޮޑަށް ރާއްޖެއިން ބޭރަށް އެކްސްޕޯސްވީ،"

ސިންގަޕޫރުގެ ޝަންގްރިއްލާގައި މަސައްކަތް ފުރުސަތު ލިބުނަސް އެ ހުށަހެޅުން އޭނާ ބަލައިނުގަތީ ސިންގަޕޫރަކީ ދިރިއުޅުން އަގު ބޮޑު ސިޓީއަކަށްވެފައި އެތަނުން ހުށަހެޅި ޕެކޭޖާ މެދު ހިތްހަމަނުޖެހޭތީ އެވެ.

އާއިލާއާ އެކު އޮމާނުގައި އަހަރެއް ވަންދެން އުޅުމަށް ފަހު، އެކޯ ހޮޓެލްސް އެންޑް ގްރޫޕުން ލިބުނު ފުރުސަތެއްގައި މިހާރު އޭނާ މަސައްކަތް ކުރަނީ ޔޫއޭއީގަ އެވެ. އެއީ، ދުނިޔޭގެ އެންމެ ބޮޑު އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ޗެއިނެވެ.

"އެކޯ ދަށުގައި 45 ބްރޭންޑްސް އޮންނާނެ. އަޅުގަނޑު މި ބަލަހައްޓަނީ އެ މީހުންގެ ޔޫއޭއީގެ ނޮދަން އެމިރޭޓްސްގެ ރިސޯޓެއް ކަމަށްވާ، މުވެންޕިކް ރިސޯޓު އަލް މަރްޖަން އައިލެންޑް،"

އެ ތަނުގެ މާކެޓިން އާއި ޕީއާރު ހުރިހާ މަސައްކަތެއް ބަލަހައްޓަމުން އަންނަނީ ނީނާ އެވެ.

ނީނާ: ރާއްޖެއިން ބޭރަށް ވަޒީފާ ބަދަލުކުރެވުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ދެކޭ.

ނީނާ: ރާއްޖެއިން ބޭރަށް ވަޒީފާ ބަދަލުކުރެވުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ދެކޭ.

އޭނާގެ އެ މަސައްކަތުގެ ނަތީޖާއަކީ މެދުއިރުމަތީގެ މާކެޓިން ޕަވާ ލިސްޓު 101 ގައި އޭނާގެ ނަން އޮތުމެވެ. އަދި މެެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ 30 ޕީއާރު ހޮސްޕިޓަލިޓީ ހޮޓްޝޮޓުގައި ވެސް ނީނާ ހިމެނެ އެވެ.

"މާކެޓިން ޕަވާ ލިސްޓަކީ ކޮންމެ އަހަރަކު ވެސް ނެރޭ ލިސްޓެއް. މިޑްލްއީސްޓުގެ ހުރިހާ ގައުމެއް އެއްކޮށް އެންމެ މޮޅު މާކެޓާސް ހޮވަނީ. މިއީ ރަނގަޅު ފުރުސަތެއް، އޭގައި ފީޗާ ވުމަކީ ވެސް. އެ މީހުން ބަލައި ކަންތައްތަކެއް ވެސް ހުރޭ، ވޯކްކުރާ ތަނުގެ ރެވެނިއު ވަކި ވުރަކަށް ވުރެ މައްޗަށް އަރަން ޖެހޭ. ވަކިވަރަކަށް އެވޯޑްސް ލިބިފައި އޮންނަން ޖެހޭ. އިތުރު ރިވިއު އާއި އިންޓަވިއުތައް ވެސް އޮވޭ،" ނީނާ ބުންޏެވެ.

"ޕީއާރު ލިސްޓުގައި އޮންނަނީ ބެސްޓް 30. އޭގައި ހިމެނުމަކީ ކޮށްފައި ހުންނަ ބޮޑެތި ކެމްޕެއިންތަކާއި އޭގައި ރިސޯޓަށް އެކްސްޕޯޝާ ލިބިފައި ހުރި ވަރާ އެއްޗެހި ބަލާނީ. އެ ވޯކް ކުރި ޕީރިއަޑް ތެރޭގައި އެވޯޑުތަކާ އެއްޗެހި ބަލަނީ،" އޭނާ ބުންޏެވެ.

އެކަމަކު ޔޫއޭއީގައި އެކަނި ވެސް 1،000 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓެލްސް ހުންނައިރު މި ދެ ލިސްޓުގައި ދިވެއްސަކު ފުރަތަމަ ފަހަރަށް ހިމެނުމަކީ އޭނާ އަށް ލިބޭ ފަހުރެކެވެ.