Roadha Mihaaru
ޑްރަގް ކާޓެލްގެ އުސޫލު: ފައިސާ ނޫނީ އިނގިއްޔެއް!

ރާއްޖޭގައި ބޭރުގެ ކާޓެލް އުސޫލު: ފައިސާ ނޫނީ އިނގިއްޔެއް!

12 ނޮވެމްބަރ 2024

މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި މަންމައަކު އޭނާގެ 30 އަހަރުގެ ދަރި، ބޮޑެތި ޒަހަމްތަކާ އެކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވައަތުގެ އިނގިއްޔެއްގެ ދެވަނަ ހުޅުން ފެށިގެން މައްޗެއް ނެތެވެ. ހަށިގަނޑުގެ އެކި ތަންތަނުގައި ހުރީ އަލިފާނުން ފިއްސާލައިފަ އެވެ. މޫނު މަތީގައި ޖެހުމުން ވައުތު ލޮލަށް ހުރީ ލޭ އަރައިފަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި މަންމައަކު އޭނާގެ 30 އަހަރުގެ ދަރި، ބޮޑެތި ޒަހަމްތަކާ އެކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވައަތުގެ އިނގިއްޔެއްގެ ދެވަނަ ހުޅުން ފެށިގެން މައްޗެއް ނެތެވެ. ހަށިގަނޑުގެ އެކި ތަންތަނުގައި ހުރީ އަލިފާނުން ފިއްސާލައިފަ އެވެ. މޫނު މަތީގައި ޖެހުމުން ވައުތު ލޮލަށް ހުރީ ލޭ އަރައިފަ އެވެ.

ބޮޑެތި އަނިޔާތަކާއި ޓޯޗާގެ ނިޝާންތައް ހުރުމުން އާންމު ޕްރޮޓޮކޯލްގެ ދަށުން ހޮސްޕިޓަލުން އެކަން ފުލުހުންނަށް އެންގި އެވެ. އެ މައްސަލާގައި ފުލުހުން ހިންގި ތަހުގީގުން ހޯދުނު ގޮތުގައި އެއީ ޑްރަގް ވިއްކާ ނެޓްވޯކެއްގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން މީހަކަށް ދީފައި ހުރި އަނިޔާތަކެވެ. އެ މީހުންގެ އުސޫލުގެ ތެރެއިން "އަދަބު" ދީފަ އެވެ.

ނިމިދިޔަ ހަފްތާގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިޔާ ފްލެޓެއްގެ ދޮރު ވައްޓާލައި ވަތް އިރު އެތަނުގައި ވެސް ހިނގަމުން ދިޔައީ އެކަހަލަ ކަމެކެވެ.

އެޕާޓްމަންޓުގެ ތެރޭގައި، ގޭންގުތަކަށް ނިސްބަތްވާ 12 މީހަކު ތިއްބެވެ. އެ މީހުން ތިބީ 31 އަހަރުގެ ޒުވާނެއް ވަށާލައިގެން އޭނާ އަށް އަނިޔާކުރާށެވެ. އެ މީހާގެ ބޯ ބާލައި ކުދި އަނިޔާ ކުރަމުން ދިޔަ އެވެ. ފުލުހުންނަށް ވަދެވުނު އިރު އޭނާގެ އިނގިއްޔެއް ބުރިކޮށްލަން ތައްޔާރުވަނީ އެވެ.

ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން.---ފޮޓޯ: ޕޮލިސް

ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން.---ފޮޓޯ: ޕޮލިސް

އެ އެޕާޓްމަންޓް ތެރެއަށް ބައެއް ނޫސްވެރިން ވެސް ވެއްދިއިރު އެތަން އޮތީ ޑްރަގް އައްޑާއެއް ހެނެވެ. މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކުދި ރަބަރު ޕެކެޓުތަކާއި އެކަމާ ގުޅޭ އެހެން ތަކެތި ވެސް ހުއްޓެވެ. މީހަކަށް ގެއްލުން ދެވޭނެ ދަގަނޑު ފަދަ ތަކެތި ވެސް ހުއްޓެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ރަހީނުކޮށްގެން އަނިޔާ ލިބެމުން ދިޔަ މީހާ އަކީ ވެސް ކުރިން މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި އެ އެޕާޓްމަންޓަކީ މީގެ ކުރިން ވެސް ޑްރަގް ކޭސްއަކާ ގުޅިގެން ފުލުހުން ބަލައި ފާސްކޮށްފައިވާ ތަނެކެވެ.

މި ދެ މައްސަލާގައި ވެސް ނުރައްކާތެރި ގޭންގުތަކުން ދިމާކޮށްލާފައި ވަނީ މީހެއްގެ އިނގިލި ބުރިކޮށްލާށެވެ. އެއީ އާދައިގެ އިއްތިފާގެއް ނޫނެވެ. ބޭރުގެ ބޮޑެތި ޑްރަގް ކާޓެލްތަކުން ވެސް އަމަލު ކުރާ އުސޫލެވެ. ރާއްޖޭގެ ޑްރަގް މައްސަލަ ބޮޑުވެ އަތް ނުފޯރާ ހިސާބަށް ދިޔަ ވާހަކަ ދައްކަ ދައްކާ ތިއްބާ އެންމެ ފަހުން މި އޮތީ މީހުންގެ އިނގިލި ބުރިކުރާ ހިސާބަށް ވެސް ގޮސްފަ އެވެ! މަސްތުވާތަކެތީގެ ނުރައްކާ އެންމެ ބޮޑު މެކްސިކޯ ފަދަ ގައުމުތަކުގައި ކާޓެލްތަކުން ހިންގާ ފަދަ އަނިޔާވެރި އަމަލުތަކުގެ މަލަމަތި މިހިރަ ފެންނަން ފެށީ އެވެ.

ބޮޑު އަނިޔާއެއް: ނެޓްވޯކުގެ އެންމެންނަށް ފިލާވަޅެއް!

ނަން ހާމަނުކޮށް "މިހާރު" އާ ވާހަކަ ދެއްކެވި ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި ގޮތުގައި މީހަކު ރަހީނުކޮށްގެން އިނގިލި ބުރިކޮށްލާ މައްސަލަ ރާއްޖޭގައި ވަރަށް އަލެވެ. ނަމަވެސް ފުލުހުންނާ ހަމައަށް އެ މައްސަލަތައް ނައި ނަމަވެސް ޑްރަގާއި ފައިސާގެ މައްސަލަތަކުގައި އެކްސްޓޯޝަން ނުވަތަ ޓޯޗާ ކުރުމާއި ބޮޑު ގެއްލުމެއް ދިނުން ފަދަ މައްސަލަތައް މީހުންނަށް ނޭނގި ސިރުން ވަރަށް ގިނައިން ހިނގާފާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހުން ހިނގި ދެ މައްސަލަ ވެސް ފުލުހުންނަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެއްޗާ ގުޅިފައި އޮތް ކަމަަށެވެ. އެފަދަ މައްސަލަތަކުގައި އާންމުކޮށް "ވިކްޓިމް" އަކީ ވެސް ޑްރަގް ނެޓުވޯކުގައި ހިމެނޭ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ފަހަރަށް އެއީ ދަށް ލެވަލް އެއްގައި ޑްރަގް ޕެޑަލް ކުރަން ނުވަތަ މަސްތުވާތަކެތި ވިއްކުމުގެ ކަންކަމުގައި އުޅޭ މީހުންނެވެ.

ރަހީނުކޮށްގެން މީހެއްގެ ބޯ ބާލައިފައި--ފޮޓޯ: ޕީއެސްއެމް

ރަހީނުކޮށްގެން މީހެއްގެ ބޯ ބާލައިފައި--ފޮޓޯ: ޕީއެސްއެމް

އެ މީހުންނާ ހަވާލު ކުރާ ތަކެތި "ގެއްލުން" ނުވަތަ ފައިސާ އަށް މަކަރު ހެދުން ފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ ގްރޫޕެއް ތެރޭގައި އުޅޭ އެންމެން ކުރިމަތީ އެ މީހަކަށް އަނިޔާ ކުރުމުގެ ކަންކަމަކީ ބޭރު ގައުމުތަކުގައި ވެސް ވަރަށް އާންމު ކޭސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވަސް ނިންމާފައި ވަރަށް ރަނގަޅަށް ހިސާބު ބަލަހައްޓާނެ. ހިސާބު ދިމާނުވަންޏާ ވަރަށް ބޮޑު މައްސަލައެއް. ނޫނީ ފައިސާ ކޮޅު ހިފައިގެން ފޯނު ނުނަގާ ހަބަރު ނުވެ ދުވަސްތަކެއް ދިޔަޔަސް އެ މީހަކު ހޯދައި މިފަދަ އަމަލުތައް ހިންގުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

މީހެއްގެ އިނގިއްޔެއް ބުރިކޮށްލުން ނުވަތަ ބޯ ބާލައި އަނިޔާކުރުން ފަދަ ކަންކަން ކުރަނީ އެއީ ނެޓްވޯކުގައި ދެން ތިބި އެންމެންނަށް ވެސް ފިލާވަޅެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހެއް ދޫނުކޮށް ބައިންދައިގެން ކުދި އަނިޔާކޮށް އެންމެ ފަހުން އެންމެނަށް ފެންނާނެ ވަރުގެ ބޮޑު އަނިޔާއެއް ދޭނެ އެވެ. އަދި ފައިސާގެ ބޮޑެތި މައްސަލަތަކުގައި އާއިލާ ނުވަތަ ދަންނަ މީހުންނަށް ގުޅުވައިގެން ވެސް ފައިސާ ހޯދަ އެވެ.

"މިއީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޑްރަގް މާފިއާތަކުގައި ކުރާ ކަންކަން ރާއްޖޭގައި މި ފެންނަނީ." އޭނާ ވިދާޅުވި އެވެ. "އެ ވިޔަފާރި އަށް ވަންނަ ހިސާބުން އުމުރު ދުވަހަށް ދެން ސަލާމަތް ނުވާނެ."

"މިކަން ޓްރެންޑު ވާނަމަ މިއީ ބޮޑު ކަންބޮޑުވުމެއް"

އެ މައްސަލާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި އިނގިލި ބުރިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ފެންމަތިވެފައި ވަނީ ދެ މައްސަލައެކެވެ. އެއީ ޑްރަގާ ގުޅުން އޮތް މައްސަލަތަކެއް ކަމަށް ޝައްކު ކުރެވޭ ކަމަށާއި އެއީ ސީދާ އެފަދަ މައްސަލަތަކެއްތޯ ބެލުމަށް ތަހުގީގު ކުރިޔަށްދާ ކަމަަށް ޝުޖާއު ވިދާޅުވި އެވެ.

ސީޕީ އަލީ ޝުޖާއު--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސީޕީ އަލީ ޝުޖާއު--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގައި ސީދާ ޑްރަގްސްގެ މައްސަލަތަކާ ނުގުޅުނަސް ނުރައްކާތެރި ގްރޫޕްތަކުން މީހުން ހިފަހައްޓައި އަނިޔާ ކުރާ މައްސަލަތައް ފާހަގަވަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މީހަކު ދޭން ޖެހޭ ފައިސާއެއް ހޯދުމަށް ވެސް ގްރޫޕްތައް މެދުވެރިކޮށް އެ މީހަކު ހިފަހައްޓައިގެން އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ.

"ސީދާ ބޭރުގައި ހިނގާ ގޮތަށް ރާއްޖެ އަށް ޓްރެންޑެއް ގޮތަށް ފާހަގަވެފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް އެއީ މިކަހަލަ ޓްރެންޑަކަށް ދާ ކަމުގައިވާ ނަމަ." ޝުޖާއު ވިދާޅުވި އެވެ.

މާލޭގައި ހިންގާ ގޭންގުތައް ބޮޑުވަމުން އަންނަ އެއް ވަސީލަތަކީ މަސްތުވާތަކެތީގެ ވިޔަފާރި އެވެ. އެކަން އެހެން އޮންނަ އިރު ސީޕީ ވިދާޅުވި ގޮތުގައި ޑްރަގް ވިއްކުމާއި އެފަދަ ވިޔަފާރިތައް އޮންނަނީ ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފަ އެވެ. އެހެން ބަޔަކު އެ ސަރަހައްދުގައި އެފަދަ ކަމެއް ކުރާ ނަމަ މާރަމާރީތައް ހިނގައި ވަޔަލަންސް ވަރަށް ގިނަވެ އެވެ. މި ފަހުން ވެސް އެފަދަ މައްސަލަތަކަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްގެން ތަހުގީގެއް ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ޑްރަގްގެ ބޮޑުބައި ގްރޭޓާ މާލެ ސަރަހައްދުގައި އޮތް އިރު އެގޮތަށް ހުރި ގްރޫޕްތައް ނައްތާލުމަށްޓަކައި ވަރަށް ބޮޑު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން. މިހާރު ތައްޔާރު މިވަނީ މާލޭގައި އައިޑެންޓިފައި ވެފައި ހުރި ތަންތަން އެއް ވަގުތެއްގައި އެންފޯސް ކުރެވޭ ވަރަށް ކެޕޭސިޓީ އިތުރުކުރުން. މި ޕްލޭނާ އެއްގޮތަށް ދާ ނަމަ މި ފެށި މަސައްކަތުގައި ބޮޑު ކާމިޔާބެއް ލިބޭނެ،" ސީޕީ ވިދާޅުވި އެވެ.

އަނިޔާކުރިޔަސް ރިޕޯޓެއް ނުކުރެވޭ، ސަލާމަތެއް ނެތް!

މިކަމުގެ ފެށޭ ހިސާބަކީ ފައިސާ ހޯދަން، ކުށުގެ އަމަލުތައް ހިންގާ ނެޓްވޯކަކާ ގުޅުމެވެ. އެހާ ހިސާބުން އެކަމުން ފަސޭހައިން ސަލާމަތެއް ނުވެ އެވެ. މުޅި އުމުރު އެކަމުން ނުނިކުމެވިގެން އުޅެން ވެސް ޖެހެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ކުރީގެ ސީޕީ މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގޭންގުތަކުގެ ކޮންޓްރޯލް ކުރެވޭ ތަނަކަށް އެފަދަ މީހަކު ގެނެވިއްޖެ ނަމަ އަނިޔާ ދިނުމާއި އިނގިލިބުރި ކުރުން ނުވަތަ އެއަށް ވުރެ ވެސް ބޮޑު ހާނީއްކައެއް ދިނުމުގެ ކަންކަން ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

މީހެއްގެ އިނގިލި ބުރިކޮށްލި ފުރަތަމަ މައްސަލާގައި ކުރިން ހައްޔަރު ކުރި މީހުން. -- ފޮޓޯ: ޕޮލިސް

މީހެއްގެ އިނގިލި ބުރިކޮށްލި ފުރަތަމަ މައްސަލާގައި ކުރިން ހައްޔަރު ކުރި މީހުން. -- ފޮޓޯ: ޕޮލިސް

ޔޫރަޕާއި އެހެން ގައުމުތަކުގެ ޑްރަގް މާފިއާތަކުގައި ވެސް ހިނގާ ކަންކަން ރާއްޖޭގައި ކޮޕީ ކޮށްގެން ނުވަތަ ބައެއް ސީރީޒްތަކުން ފެންނަ ކަންކަން ރާއްޖޭގައި ޓްރެންޑު ވާ ކަމަށް ކުރިން ވަނީ ފާހަގަވެފަ އެވެ.

"ވަޔަލަންސްތައް ރާއްޖޭގައި ގިނަވަމުން އަންނަ ކަމަކީ އެއީ މިއަދުގެ ހަގީގަތް ކަމަށް. ރައިވަލް ގޭންގެއްގެ މީހަކު ނުވަތަ އަމިއްލަ މީހަކުވެސް އިންޓަގްރިޓީއާ ގުޅުވައިގެން ކަމަށް ވިޔަސް އަނިޔާއެއް ދިނުން، ފިލާވަޅެއް ދިނުން ނުވަތަ އެހެން މީހުންނަށް ނަމޫނާއެއް ދެއްކުން އެއީ ރާއްޖޭގައި ވެސް ކުރުން އެކަށީގެންވާ ކަމެއް،" ހަމީދު ވިދާޅުވި އެވެ.

އެފަދަ ކަންކަން ހިނގުމުން ރިޕޯޓު ކުރުން މަދުވަނީ އޭގައި ވިކްޓިމް ވެސް ގިނަ ފަހަރަަށް ކޮންމެވެސް ގޮތަކުން ގުޅިފައި އޮންނާތީ އެވެ. ހަމީދު ވިދާޅުވި ގޮތުގައި އެފަދަ މައްސަލައެއް އާންމުކޮށް ފެންމަތިވާނެ ގޮތަކީ އަނިޔާއަކަށް ފަރުވާ ހޯދަން ސިއްހީ ހިދުމަތް ދޭ ތަނަކަށް ދިއުމެވެ.

ނަމަވެސް މިހާރު ބައެއް ގޭންގުތަކުގައި ފަރުވާ ދެވޭނެ ގޮތަށް މައިނާ ޑްރެސިން ފަދަ ކަންކަން ކުރެވޭނެ ވަސީލަތްތަކާ އެކު އެ ކަން ކުރާ މީހުން ވެސް ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މައިގަނޑު ބޭނުމަކީ އެފަދަ ހާލަތްތަކުގައި ފުލުހުންނާ ހަމައަށް މައްސަލަ ގޮސްދާނެތީ އަމިއްލަ އަށް ފަރުވާ ދިނުމެވެ.

ފުލުހުންގެ ވެހިކަލެއް މަގުމަތީގައި ދުއްވާފައި ދަނީ: ގޭންގުތަކުގެ ތެރޭގައި ހިންގާ އަނިޔާގެ އަމަލުތައް ފުލުހުންނަށް ރިޕޯޓް ނުކޮށް ސިއްރުކުރާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުލުހުންގެ ވެހިކަލެއް މަގުމަތީގައި ދުއްވާފައި ދަނީ: ގޭންގުތަކުގެ ތެރޭގައި ހިންގާ އަނިޔާގެ އަމަލުތައް ފުލުހުންނަށް ރިޕޯޓް ނުކޮށް ސިއްރުކުރާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީގެ އިތުރުން ކުޑައިރުން ފެށިގެން ރެކްރޫޓު ކޮށްފައި ތިބުމުން އެ މީހުންގެ ތެރޭގައި އަނިޔާކޮށްގެން ކިތަންމެ ހާލުގައި އުޅުނަސް އެ ލޯޔަލިޓީ އޮންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

"ކުށަށް ޒިންމާ ނަގަން ނުޖެހޭނެތީ އުމުރުން 11-14 އަހަރުގައި ރެކްރޫޓް އެބަކުރޭ. ބައެއް އުމުރުފުރައިގެ ކުދިން މާލެއިން އެހެން ރަށްތަކަށް ޓްރާންސްފާ އެބަވޭ. އެ ކުދިން އުޅޭނެ ތަންތަނާއި އަމިއްލަ ޑިވައިސްތަކާއި ލެވިޝް ދިރިއުޅުމެއް ދެއްކުމުން ފަސޭހައިން މިކަމުގެ ތެރެއަށް ވަދެވޭ،" ހަމީދު ވިދާޅުވި އެވެ.

މީގެ ނަތީޖާއަކީ މިފަދަ މައްސަލަތައް ރިޕޯޓު ކުރުން ނުވަތަ އާންމުވެފައި އޮތް މިންވަރު ދެނެގަތުމަށް ހުރަސް އެޅުމެވެ.

ބޮޑު އަނިޔާތަކެއް ލިބިގެން ނުވަތަ އިނގިއްޔެއް ބުރިވެގެން ހޮސްޕިޓަލާ ހަމައަށް ނުދަނީަސް، އެކަން ހިނގާ ކަމެއް ނުވެސް އެނގެ އެވެ.

ވަކިން ހާއްސަކޮށް އެންމެ ފަހުން ހިނގި މައްސަލާގައި ހައްޔަރު ކުރި 12 މީހުންނަށް ކުރު މުއްދެއްގެ ޖަހާފައި އޮތުމުގެ ސަބަބުން އެ މީހުން މިނިވަން ވެދާނެ ކަމުގެ ބިރަށް ވެސް އެފަދަ މައްސަލަތަކުގައި އެއްބާރުލުން ދޭ މިންވަރު ކުޑަވުމަކީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެކަށީގެންވާ ކަމެކެވެ.

ބޭރުން ގެންނަ މަސްތުވާތަކެތީގެ އަގު އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް އެ ސަޕްލައިކުރާ މީހުންގެ ބެލުމުގެ ދަށުގައި މީހަކު "ރަހުނު" ކޮށްފައި ބެހެއްޓުމުގެ މައްސަލަތައް މީގެ ދެތިން އަހަރު ކުރިން ފެންމަތިވި ފަހުން ވެސް އޭގެ އެތައް ކަމެއް ހިނގައިފި އެވެ. މިހާރު އެއީ މާބޮޑު ކަމަކަށް ނުވާ ވަރަށް ކަންކަން ބަދަލުވެ މިހާރު އާންމުވާން މި ފަށަނީ އެހެން ކަމެކެވެ.

މަސްތުވާތަކެތީގެ ކަންކަން އަތް ނުފޯރާ ހިސާބަށް ގޮސް ބޭރުގެ ކާޓެލްތަކުގައި އަމަލުކުރާ އުސޫލުތައް މިއޮތީ ފެންނަން ފަށައިފަ އެވެ. މި މައްސަލަ ހައްލު ނުވެ އޮއްވާ ރާއްޖެ މިއޮތީ އެ މިސްރާބަށް ހިފައިފަ އެވެ.