Roadha Mihaaru
މަސްތުވެގެން މަގުމަތީ ތިބޭ މީހުންގެ 89 މައްސަލައެއް!

މަސްތުވެގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް!

14 ޑިސެމްބަރ 2019

މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، ތިބޭ ޒުވާނުންގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. އެގޮތަށް ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިިދިޔަ މަހު ތިނަކުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަސްތުގެ ހާލުގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެކަމަކު، ފުލުހުން ކުރިން ބުނެފައި ވަނީ މަސްތުވެގެން މާލޭގެ މަގުތަކުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.

މާލެ ތެރޭގައި ޒުވާނުން މަސްތުވެގެން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އިހްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުން ޒުވާނުން އެގޮތަށް ތިބެނީ މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ވައްތަރެއް ދައުރުވަމުން ދާތީ އެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ.

އެކަމަކު މަސްތުވާތަކެތީގެ ވަބާ ރާއްޖެ އިން ނައްތާލުމަށް ފުލުހުން ކޮންމެ ދުވަހަކު ހެން މަސައްކަތް ކުރެ އެވެ.