11 ނޮވެމްބަރ 2024
އޭރު އެ މަނިކުފާނަކީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ މެދުގައި ނުހަނު މަގުބޫލު އިސްލާމް ޓީޗަރެކެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ނަމަވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތެވެ. ބައެއް ޓީޗަރުންގެ ފަރާތުން އޭރު ފެންނަމުން ދިޔަ ހަރުކަށިކަމެއް ވެސް ޒާހިރުގެ ކިބައިގައި ނެތެވެ. ކިޔަވައި ދެއްވަމުން ގެންދެވީ ދަރިވަރުންގެ އިހުސާސްތަކަށް އިހުރާމް ކުރައްވައި، އޯގާތެރިކަމާ އެކު، އެއްވެސް ތަފާތު ކުރެއްވުމެއް ނެތި އެވެ. ދީނީ ގޮތުން ދިވެހީންގެ ތެރޭގައި މާބޮޑު ހޭލުންތެރިކަމެއް ނެތް ދުވަސްވަރެއްގައި އިސްލާމް ފަދަ މުހިއްމު މާއްދާއެއް ނަންގަވައިދެއްވީ ހިކުމަތްތެރިކަމާ އެކު އެވެ.
އޭރު އެ މަނިކުފާނަކީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ މެދުގައި ނުހަނު މަގުބޫލު އިސްލާމް ޓީޗަރެކެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ނަމަވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތެވެ. ބައެއް ޓީޗަރުންގެ ފަރާތުން އޭރު ފެންނަމުން ދިޔަ ހަރުކަށިކަމެއް ވެސް ޒާހިރުގެ ކިބައިގައި ނެތެވެ. ކިޔަވައި ދެއްވަމުން ގެންދެވީ ދަރިވަރުންގެ އިހުސާސްތަކަށް އިހުރާމް ކުރައްވައި، އޯގާތެރިކަމާ އެކު، އެއްވެސް ތަފާތު ކުރެއްވުމެއް ނެތި އެވެ. ދީނީ ގޮތުން ދިވެހީންގެ ތެރޭގައި މާބޮޑު ހޭލުންތެރިކަމެއް ނެތް ދުވަސްވަރެއްގައި އިސްލާމް ފަދަ މުހިއްމު މާއްދާއެއް ނަންގަވައިދެއްވީ ހިކުމަތްތެރިކަމާ އެކު އެވެ.
ނަމަވެސް، އޭރުގެ ރައީސް އިބްރާހީމް ނާސިރަށް ފެނިވަޑައިގަތީ ޒާހިރުގެ ހިދުމަތް ގައުމަށް އެ ވަގުތު މުހިއްމީ ކިޔަވައި ދެއްވުމަށް ވުރެ ތައުލީމީ ސިޔާސަތު ރޭވުމާއި ތަންފީޒު ކުރުމުގައި ކަމަށެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމާއި ޖީސީއީ އޯ ލެވެލް އިމްތިހާނު ތައާރަފު ކުރުން ފަދަ މުހިއްމު އެތައް ބަދަލުތަކެއް ތައުލީމީ ދާއިރާ އަށް ގެންނެވި ރައީސް ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، މާލެ އަށް ބަރޯސާވެފައި އޮތް ރާއްޖޭގެ ތައުލީމީ ނިޒާމު އަތޮޅުތެރެއަށް ފުޅާކުރެވޭނީ ޒާހިރު ފަދަ ޒުވާން، އިލްމީ ބޭފުޅެއްގެ އެހީއާ އެކު އެވެ.
އެހެންކަމުން އަމީނިއްޔާގައި ޒާހިރު ވަޒީފާ އަދާކުރައްވަން ފެއްޓެވިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޮގަސްޓް 20، 1972 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ވަކީލަކަށް ބަދަލުކުރެއްވި އެވެ. ޒާހިރަކީ އޭރު ފެންވަރު ރަނގަޅު ތައުލީމު ލިބިވަޑައިގެން ތިއްބެވި މަދު ދިވެހީންގެ ތެރެއިން ބޭފުޅަކަށް ވާތީ، އެ މަނިކުފާނު ހުންނެވީ އެ ފުރުސަތު އެހެން ދިވެހީންނަށް ވެސް ތަނަވަސް ކޮށްދެއްވަން ނުހަނު ބޭނުންފުޅު ވެފަ އެވެ.
ފުވައްމުލަކަށް އުފަން ޒާހިރުގެ ތައުލީމުގެ ބިންގަލަކީ އެ ރަށު މަދަރަސަތުލް ފައިދިއްޔާ އެވެ. އޭގެ ފަހުން މާލެ ވަޑައިގެން ދާރުލްއިގާމާގައި ކިޔަވައި ވިދާޅުވި އެވެ. ރާއްޖޭގެ ރަށްރަށުން ހޮވާލެވޭ ކުދިން މާލެ ގެނެސް ކިޔަވައިދޭން މުހައްމަދު އަމީންގެ ވެރިކަމުގައި ހިންގި މަޝްރޫއުގެ ދަށުންނެވެ. ދާރުލްއިގާމާ އުވާލުމުން މަޖީދިއްޔާ ސްކޫލުގައި ވެސް ދުވަސްކޮޅަކު ކިޔަވައި ވިދާޅުވުމަށް ފަހު، މިސްރަށް ވަޑައިގަތުމުގެ ފުރުސަތެއް ނާސިރު ދެއްވުމުން އޭގެ ބޭނުން ޒާހިރު ހިއްޕެވި އެވެ.
ޒާހިރު (މ) މިސްރުގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައީސް މައުމޫން (ކ) އާއި ފަތުހުﷲ ޖަމީލް (ވ) އަދި މޫސާ ފަތުހީއާ އެކު.
މިސްރުން އެނބުރި ވަޑައިގެން އަމީނިއްޔާގައި މަސައްކަތް ކުރައްވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީ އަށް ޒާހިރު ގެންދެވުމުގެ އެއް ބޭނުމަކީ، ޔުނެސްކޯ އާއި ޔުނިސެފާއި ޔޫއެންޑީޕީގެ އެހީގައި ރާއްޖޭގެ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތަކެއް ބިނާކުރަން ނާސިރު ފެއްޓެވި މަޝްރޫއުގެ އާރުކާޓީއަކަށް ހެއްދެވުމެވެ.
އޭރު އަތޮޅުތެރޭގެ ތައުލީމު އޮތީ ވަރަށް ދަށް ފެންވަރެއްގަ އެވެ. މަކުތަބު ފެންވަރުގައި ކިޔަވައިދޭން ބޭނުންކުރާ ތަންތަނުގައި ދޮރެއް ނެތެވެ. ފުރާޅުން ފެން ފައިބަ އެވެ. އިށީންނަނީ ކަށިކޭލު ހޮޅުން ހަދާފައި ހުންނަ އަށިއަށީގަ އެވެ. ކިޔަވައި ދިނުމަށް ވުރެ ބޮޑަށް އެ ތަންތަން ބޭނުންކުރަމުން ދިޔައީ ރަށު ރައްޔިތުން މާލެ ފޮނުވަން ހޮވާ ދަރާއި ވިޔާ ފަންބޮޑިތައް ރައްކާކުރާ ގުދަނެއްގެ ގޮތުގަ އެވެ. ކިޔަވައި ދޭނެ ޓީޗަރުންނަށް ވެސް ނެތެވެ. ކިޔަވައިދޭ އެއްޗެއް ވިއްޔާ ކިޔަވައިދެނީ ރަށު އޮފީހުގެ މުވައްޒަފުންނާއި ގާޒީންނަށެވެ. ކިޔަވައިދޭނެ މުގައްރަރެއް ނެތުމުން، އެ މީހަކަށް އެނގޭ އެއްޗެއް، އެނގޭ މިންވަރަކަށް ކިޔަވައިދެނީ އެވެ.
އެހެންކަމުން ނާސިރު ނިންމެވީ އެޑިއުކޭޝަނަލް ޕްރޮޖެކްޓްސް އޮފީހެއް ގާއިމުކޮށް، އެތަނުގެ ބެލުމުގެ ދަށުން ސްކޫލް ބިނާކޮށް، ޓީޗަރުން ތަމްރީނުކޮށް، މުގައްރަރު ކަނޑައަޅައި، ރޭޑިއޯ މެދުވެރިކޮށް ކޮމިއުނިޓީ ތައުލީމު ދޭން ފެއްޓެވުމަށެވެ. އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބަކަށް ޒާހިރު އައްޔަން ކުރައްވައި، އެ އޮފީހުގެ އިސްވެރިޔަކަށް އެ މަނިކުފާނު ހަމަޖެއްސެވި އެވެ.
ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާ އެކު، އެކަމަކު އެހާމެ ޝައުގުވެރިކަމާ އެކު އެ މަސައްކަތް ޒާހިރު ކުރިއަށް ގެންދެވީ."--- އަބްދުﷲ ރަޝީދު
އެ ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ކޮމިއުނިޓީ ސްކޫލް ބިނާކުރަން ނިންމީ ބ. އޭދަފުށީގަ އެވެ. ރާއްޖޭގައި އޭރު ދަތުރުފަތުރާއި މުވާސަލާތީ ވަސީލަތްތައް ހުރި ގޮތުން އެފަދަ މަޝްރޫއެއް ހިންގުންވީ ދަތި ކަމަކަށެވެ. އެންމެ ކުޑަމިނުން އިމާރާތްކުރަން ބޭނުންވާ ސާމާނު އުފުލާނެ އެކަށީގެންވާ އުޅަނދެއް ވެސް ފުރަތަމަ ނެތެވެ. ބޮޑު ދޯންޏެއްގައި ހިނގައްޖެ ނަމަ ރަށާ ކައިރި ކުރަން އެހާމެ އުނދަގުލެވެ. ކައިރި ކުރެވޭ ވަރުގެ އުޅަނދެއް ނަމަ އަތޮޅު ބޭރުން ދަތުރުކުރަން ރައްކާތެރިއެއް ނޫނެވެ. މުވާސަލާތީ ކަންކަން ހުރި ގޮތުން، ރަށަށް ގޮސްގެން މެނުވީ ކަންކަން ނުނިންމެ އެވެ. އަނެއްކޮޅުން މަސައްކަތް ހަލުވި ކުރުމަށްޓަކައި ސީދާ ޒާހިރު ރަށުގައި ގާއިމްވެ ހުންނަވައި ވެސް ކުރައްވަން ޖެހޭ ކަންކަން އެހާމެ ގިނަ އެވެ.
"އެ މަސައްކަތުގެ ބުރަކަން މިއަދު ހިޔާލަށް ގެންނަން ވެސް ދަތިވާނެ،" ޒާހިރު އަރިހުގައި އެ މަޝްރޫއުގައި އުޅުއްވި، އެޑިއުކޭޝަން މިނިސްޓްރީގެ އޭރުގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ ރަޝީދު (ސީދީބޭ) ވިދާޅުވި އެވެ.
"ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާ އެކު، އެކަމަކު އެހާމެ ޝައުގުވެރިކަމާ އެކު އެ މަސައްކަތް ޒާހިރު ކުރިއަށް ގެންދެވީ."
ހދ. އަތޮޅު ކޮމިއުނިޓީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ.
ސްކޫލް އިމާރާތްކުރިޔަސް އަދި ނިމުމެއް ނެތެވެ. އަމިއްލަ މީސްމީހުން ހިންގަމުން ދިޔަ މަކުތަބުތަކާއި ކުދިކުދި މަދަރަސާތައް އުވިދާނެތީވެ، ސަރުކާރުގެ ކޮމިއުނިޓީ ސްކޫލަށް ދަރިވަރުން ފޮނުވަން އާއްމުން ދެކޮޅެވެ. އެހެންވެ ދަރިވަރުން ހަމަކުރަން ޖެހުނީ ރައްޔިތުންނާ ވަރަށް ބޮޑަށް ވާހަކަ ދައްކައިގެން، ވިސްނައިދީގެންނެވެ.
"މީހުން އަހާ ތިއީ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ؟ އެހާ ވެސް ހޭލުންތެރިކަން ކުޑަ. ނަމަވެސް މަޑުމަޑުން ގަބޫލުކުރަން ފަށައިފި މިއީ ކިހާ މުހިއްމު ކަމެއްކަން،" ޒާހިރު ވިދާޅުވި އެވެ.
އެ ހުރިހާ ހުރަސްތަކެއް ކަޑައްތު ކުރައްވައި އޭދަފުށްޓާއި ހދ. ކުޅުދުއްފުއްޓާއި ތ. ތިމަރަފުށްޓާއި ގއ. ވިލިނގިލީގައި ކޮމިއުނިޓީ ސްކޫލް ބިނާކުރައްވައި، އެ ބުރަ ބޮޑު މަސައްކަތް ޒާހިރު އިސްކޮށް ހުންނަވައި ކާމިޔާބު ކުރެއްވެވި އެވެ.
ޒާހިރަށް ދެން ކުރިމަތިވެވަޑައިގަތީ އެ ސްކޫލްތަކުގައި ކިޔަވައިދޭން ޓީޗަރުން ނެތުމުގެ މައްސަލަ އެވެ. އެހެންވެ، ޓީޗަރުން އުފެއްދެވުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮގްރާމެއް ފެއްޓެވި އެވެ. އެ ޕްރޮގްރާމަށް މީހުން ހޯދުންވީ ވެސް އުނދަގޫ މަސައްކަތެކެވެ. އެ އަށް ވުރެ ބޮޑު މައްސަލައަކަށްވީ އެ ޕްރޮގްރާމް ހިންގާނެ އެކަށީގެންވާ އިމާރާތެއް ނެތުމެވެ. އެހެންވެ ޒާހިރަށް ޖެހިވަޑައިގަތީ އަތޮޅު ފިހާރަބަރިން ފިހާރައެއްގައި އޭރު ހިންގަމުން ދިޔަ އެ މަނިކުފާނުގެ އޮފީހުގެ ތިރީބައިގައި ޓީޗާ ޓްރެއިނިން ކްލާސްތައް ބާއްވަވާށެވެ. ދަތިގޮތަކަށް ނަމަވެސް، ޓީޗަރުން ތަމްރީނުކޮށް، ނިންމައި އަމަލީ ތަޖުރިބާ ހޯދައިދޭން ބެލިއިރު، އަމިއްލަ ބައެއް ސްކޫލްތަކުން އެފަދަ ޓީޗަރުންނަށް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ދޭން ދެކޮޅެވެ. އެކަމަށް ޒާހިރު ހައްލު ހޯއްދެއްވީ ތަފާތު ގޮތަކަށެވެ. މާލޭގައި ސްކޫލަށް ނުދާ ކުދިންގެ ބެލެނެވެރިންނާ ވާހަކަ ދައްކައިގެން އެ ކުދިން ކްލާހަކަށް ގެންގޮސް ޓީޗަރުން ލައްވައި ތަމްރީނަށް ކިޔަވައިދެއްވީ އެވެ.
"އެފަދަ އެތައް، އެތައް ގޮންޖެހުމެއް. ހުރަކަށް ފަހު ހުރަހެއް. އެކަމަކު ޒާހިރު ފަހަތަށް ޖެހިވަޑައިނުގަންނަވާ މަސައްކަތް ކާމިޔާބުކުރެއްވި،" ސީދިބެ ވިދާޅުވި އެވެ.
ޑރ. ޒާހިރު ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަތިންދާބޯޓުގައި.
އޭރު ރާއްޖޭގައި ކިޔަވައިދޭނެ ރަސްމީ މުގައްރަރެއް ނެތެވެ. މާލޭ ސްކޫލްތަކުގައި ކިޔަވައިދެމުން އައީ ކޮލޮނައިޒޭޝަން ޒަމާނުގެ، މުސްކުޅި އަދި ރާއްޖެއާ ނުގުޅޭ މުގައްރަރަކަށެވެ. އެހެންވެ ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް ޒާހިރު އިސްވެ ހުންނަވައި މުގައްރަރެއް އެކުލަވާލެއްވި އެވެ. އެ މުގައްރަރު އެކުލަވާލުމަށްޓަކައި ވެސް ރާއްޖޭގެ އެކ ހިސާބުތަކަށް ދަތުރުކޮށް މީހުންގެ ހިޔާލު ހޯއްދެވި އެވެ. މާލެ އާއި ކުޅުދުއްފުށީގައި ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރުގެ ނަމުގައި މަސައްކަތު ބައްދަލުވުންތައް ބާއްވައިގެން ހިޔާލު ހޯއްދެއްވި އެވެ.
އޭރު ރާއްޖޭގެ ރައީސްކަމާ މައުމޫން އަބްދުލްގައްޔޫމް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އެ މަނިކުފާނު ނިންމެވީ ނާސިރު ފެއްޓެވި ތައުލީމީ މަޝްރޫއު އިތުރަށް ފުޅާކުރެއްވުމަށެވެ. އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޒާހިރު ކަމަށް މައުމޫން ވެސް ދެކެވަޑައިގަތެވެ. އެހެންވެ ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއް ފަހުން ޒާހިރަށް އެޑިއުކޭޝަން މިނިސްޓަރުކަން ދެއްވި އެވެ. ދެ ބޭފުޅުން އެކުލަވާލެއްވި ތައުލީމީ އާ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ އާއްމު ދިވެހިންނަށް ހާއްސަ ކޮށްގެން އަސާސީ ތައުލީމުގެ މަޝްރޫއެއް ކުރިއަށް ގެންދެވުމަށެވެ.
އޭރު ރާއްޖޭގައި ކޮންމެ ސަތޭކަ މީހަކުން 37 މީހުންނަށް ލިޔަންކިޔަން ނޭނގެ އެވެ. ހިނައި، ތާހިރުވާނެ ގޮތެއް ނޭނގެ އެވެ. ނަމާދުގައި ކިޔާ ތަކެތި ނޭނގޭތީ ނަމާދު ނުކުރެވޭ އެތައް ބަޔަކު ތިއްބެވެ. މައުމޫން އެކަން ސިފަކުރެއްވީ "ރާއްޖެ ފަދަ ސަތޭކައިން ސަތޭކަ އިސްލާމީ ގައުމެއްގެ ނިތްކުރީގައި ޖެހިފައިވާ ލަދުވެތިކަން ބޮޑު ލައްގަނޑެއް" ގެ ގޮތުގަ އެވެ. އެހެންކަމުން ކޮންމެ ދިވެއްސަކީ ވެސް އެ މީހެއްގެ ދިރިއުޅުމުގައި ދިމާވާ އާދައިގެ މައްސަލަތައް ހައްލު ކުރެވޭނެ ފަދަ ފެންވަރެއް ހުރި އަދި މުޖުތަމައު ގަބޫލުކުރާ މީހަކަށް ވުމަށްޓަކައި ކޮންމެހެން އުނގެނެން ބޭނުންވާ މިންވަރު އުނގަންނައިދޭން ޖެނުއަރީ 1، 1980 ގައި ގައި އަސާސީ ތައުލީމުގެ މަޝްރޫއު ފެއްޓެވި އެވެ.
"އެ މަސައްކަތް އަލިފުން ޔާ އަށް ރާއްވައި ކުރިއަށް ގެންދެވީ ސީދާ ޒާހިރުގެ ބެއްލެވުމުގެ ދަށުން،" ސީދީބޭ ވިދާޅުވި އެވެ.
ހަ އަހަރު ދުވަހުން ނިންމާލަން ރޭވި ނަމަވެސް މުޅިން އެއްކޮށް 1990 ވަނަ އަހަރު ނިންމާލެވުނު އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ސަތޭކަ މީހުންގެ ތެރެއިން 98 މީހުންނަކީ ލިޔަންކިޔަން އެނގޭ މީހުންނަށް ހެދި އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ކާމިޔާބު ތައުލީމީ މަޝްރޫއެވެ. އެ ދުވަސްވަރު ޒާހިރު ވަނީ ރޭޑިއޯ މެދުވެރިކުރައްވައި ވެސް ކްލާސްތައް ބާއްވަވައިފަ އެވެ.
ޒާހިރުގެ ބެއްލެވުމުގެ ދަށުން ހދ. ކުޅުދުއްފުށީގައި ބިނާކުރި ކޮމިއުނިޓީ ސްކޫލް.
ޒާހިރު އެ ދުވަސްވަރު ކުރެއްވި އަނެއް މަސައްކަތަކީ ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރެއްވުމެވެ. އެކަމުގެ ބިންގަލަކީ ނާސިރުގެ ދައުރުގައި، ޕާކިސްތާނުގެ ގާރީ މުހައްމަދު ޔޫނުސް ރާއްޖެ ގެންނަވައިގެން ރީތި ރާގުތަކަށް ގުރުއާން ކިޔަވަން ދަސްކޮށްދެއްވުމެވެ. އެއީ ރީތިކޮށް ގުރުއާން ކިޔަވާ ޖީލެއް ރާއްޖޭގައި އުފަންވުމުގެ ފެށުން ވެސް މެ އެވެ.
"ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ގުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ގުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހި ގާރީންނަށް ލިބިގެންދިޔުމެވެ. އަދި އެފަދަ މުބާރާތްތަކުން ދިވެހި ގާރީން މަތީ ވަނަތައް ހޯދާފައިވާކަމީ ވެސް ޝުކުރުވެރިކަމާއެކު މިއަދު ފާހަގަކޮށްލަންޖެހޭ ކަމެކެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަރަބި ތައުލީމު ރާއްޖޭގައި އޭރު ދެމުންދިޔަ ނަމަވެސް ނިޒާމީ ގޮތެއްގައި އެކަމެއް ކުރިއަށް ނުދެ އެވެ. އެހެންވެ މައުމޫންގެ ލަފާގެ މަތިން ޒާހިރު ނިންމެވީ އަރަބި ތައުލީމު އުނގަންނައިދޭން، ވަކި ތައުލީމީ މަރުކަޒެއް ބިނާކުރައްވާށެވެ. ރާއްޖޭގެ އެތައް ދީނީ އިލްމުވެރިންނެއްގެ އިލްމީ ހިޔަލަކަށްވި މައުހަދުއްދިރާސަތުލް އިސްލާމިއްޔާ އަކީ އެ މަގުސަދުގައި 1980 ވަނަ އަހަރު ޒާހިރު އިސްކޮށް ހުންނަވައި ގާއިމްކުރެއްވި ތަނެކެވެ. ފަހުން އެފަދަ ދެ ވަނަ ތަނެއް، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ނަމުގައި އުފަންވީ ވެސް ޒާހިރުގެ މިނިސްޓަރުކަމުގަ އެވެ. މި ދެ ތަން އުފެއްދުމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި އަރަބިބަހަށް އިސްކަންދެވި، އަރަބިބަހުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވާސިޓީތަކުން ލިބިގެންދިޔުމެވެ.
ޒާހިރަކީ އަބަދުވެސް ކުރިއަށް ވިސްނެވި ބޭފުޅެކެވެ. ނާސިރުގެ ދައުރުގައި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފަށައި، ޖީސީއީ އޯ ލެވެލް އިމްތިހާނު ބާއްވަން ފަށާފައިވީ ނަމަވެސް އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތެއް ނެތެވެ. އެހެންވެ އޯ ލެވެލް ނިންމާ ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އޭ ލެވެލް ކިޔަވައިދޭނެ ފުރުސަތު ހޯދައިދެއްވުމަށް 1979 ވަނަ އަހަރު ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްސީސީ) ގެ ނަމުގައި، ހުޅުވި މިހާރު މި ފެންނަ ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްސީ) ގެ ބާނީ އަކީ ޒާހިރެވެ.
އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ކަމަށްވާ އެމެރިކާގެ ޑރ. އިބްރާހީމް އަބްދުލްމާލިކަކީ، ސީދާ ޒާހިރު އެމެރިކާ އަށް ވަޑައިގެން އިންޓަވިއު ކުރައްވައިގެން ހޮއްވެވި ބޭފުޅެކެވެ. އެ ސްކޫލް ހުޅުވުމާ އެކު، ޒާހިރު ވަނީ އެތަނުގައި އޭ ލެވެލް ފެންވަރަށް އިސްލާމް މާއްދާ ކިޔަވައި ދެއްވައިފަ އެވެ.
ޒާހިރު، އަނބިކަނބަލުން ނާއިލާ ކަލޭފާނު އާއި، ތިން ބޭފުޅުން ކަމަށްވާ ވާއިލް، ލުބްނާ އަދި ލީނާއާ އެކު ގްރޫޕް ފޮޓޯއެއްގައި.
ޒާހިރުގެ އެޑިއުކޭޝަން މިނިސްޓަރުގެ ފުރަތަމަ ދައުރު ނިމުނުއިރު ކޮމިއުނިޓީ ސްކޫލް ވަނީ ރަނގަޅަށް ހިނގަން ފަށައިފަ އެވެ. އަމިއްލަ މީސްމީހުން ހިންގާ ސްކޫލްތަކަށް ސަރުކާރުން އެހީ ދެއްވާ ގޮތަށް ޒާހިރު ނިންމެވުމުގެ ސަބަބުން އެ ސްކޫލްތަކަށް ވެސް ވަނީ ދިރުން އައިސްފަ އެވެ. އެހެން ދެން ނިންމެވީ އިތުރު ފިޔަވަޅެއް އަޅުއްވާށެވެ. ޖަޕާނުން އެހީ ހޯއްދަވައިގެން ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާއެއް ވެސް ބިނާކުރެއްވި އެވެ. އެ މަނިކުފާނުގެ އެޑިއުކޭޝަން މިނިސްޓަރުކަމުގެ ފަހު ދައުރުގައި އިސްކަންދެއްވީ ރާއްޖޭގެ ރަށްރަށުގައި ތިބެގެން އޯ ލެވެލަށް ކިޔަވައިދެވޭނެ މަރުކަޒުތަކެއް ބިނާކުރައްވާށެވެ. ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތައާރަފް ކުރައްވައި، އައްޑު އާއި ފުވައްމުލަކުގައި އަދި ބ. އަތޮޅު އޭދަފުށީގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދޭން ފެށުނީ އޭގެ ފަހުންނެވެ.
އޭގެ ކުރިއަށް ރާއްޖޭގައި ގިނަ ބަޔަކަށް ކިޔެވެން އޮންނަނީ ގްރޭޑް ހަތަކާ ހަމަޔަށް ކަމުން، އެ މަރުހަލާ ނިންމާ ދަރިވަރުންނަށް ޖޫނިއާ ސްކޫލް ސެޓްފިކެޓް (ޖޭއެސްސީ) ތައާރަފު ކުރެއްވެވި އެވެ. އޭގެ ބޭނުމަކަށްވީ މެދުމަދްރަސީ ތައުލީމު ފުޅާކުރެއްވުމެވެ. ނަމަވެސް ފަހުން ރާއްޖޭގައީ އޯ ލެވެލަށް ކިޔެވުން އާއްމުކުރެއްވުމަށްޓަކައި ޖޭއެސްސީ އުވާލެއްވެވި އެވެ.
ޒާހިރަކީ ވަށައިޖެހޭ ގޮތަށް ރާއްޖޭގައި ތައުލީމީ ނިޒާމެއް ގާއިމްކުރެއްވުމުގެ އިސް މޭސްތިރިޔާ ވެސް މެ އެވެ. އެންމެންނަށް ފުރުސަތު ލިބޭ ގޮތަށް ތައުލީމީ އެކިއެކި ފުރުސަތުތައް ފަހިކޮށްދެއްވި އެވެ. ރާއްޖޭގައި އެންމެ އެދެވޭ ގޮތެއްގައި ޕްރީ ސްކޫލް ހިނގައިގަތީ ވެސް ޒާހިރުގެ މިނިސްޓަރުކަމުގަ އެވެ. އެ މަނިކުފާނުގެ ނިންމެވުމެއްގެ މަތިން 1984 ވަނަ އަހަރުން ފެށިގެން އަމިއްލަ ސްކޫލްތަކުގައި ޕްރީ ސްކޫލް ހިންގުމުގެ ފުރުސަތު ދެއްވައި ކޮންމެ 30 ކުދިންގެ ކްލާހަށް ސަރުކާރުން ޓީޗަރުން ހަމަޖައްސަވައި ދެއްވި އެވެ. ނާސަރީ އާއި އެލްކޭޖީ އާއި ޔޫކޭޖީ ތައާރަފުކުރައްވައި، ޕްރީ ސްކޫލް ވެސް ނިޒާމަކަށް ފެއްތެވި އެވެ.
ޒާހިރަކީ ރާއްޖެ އަށް ބޭނުންވާ މާއްދާތައް މުގައްރަރަށް އިތުރު ކުރެއްވުމަށް ވެސް ވަރަށް ބޮޑަށް އިސްކަންދެއްވި ބޭފުޅެކެވެ. ގިނަ ދިވެހީން އޭރު ކުރަމުން ދިޔަ މަސައްކަތް ކަމަށްވާ، އަދި އޭރު ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ އަސާސީ ކަންކަން ހުރިހާ ދިވެހިންނަށް ވެސް އެނގުން މުހިއްމުކަމަށް ފެނިވަޑައިގެން ސާނަތީ ތައުލީމުގެ ތެރެއަށް ފިޝަރީޒް ސައިންސް ތައާރަފުކުރެއްވީ ވެސް ޒާހިރެވެ.
ޒާހިރު ޕީއެޗްޑީ ހާސިލްކުރެއްވުމަށް ފަހު އަނބިކަނބަލުން ނާއިލާ ކަލޭފާނުއާ އެކު: ނާއިލާ ވެސް ވަނީ ޓީޗަރެއްގެ ގޮތުން ތައުލީމަށް ހިދުމަތްކުރައްވާފައި.
ރާއްޖޭގައި އެންމެ ފުރަތަމަ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ފެށީ ވެސް ޒާހިރުގެ އިސްނެންގެވުމެއްގެ މަތިންނެވެ. ވާހަކަ ނުދެއްކޭ ކުދިންނަށް ކިޔަވައިދޭން ސްރީ ލަންކާ އިން ތަޖުރިބާކާރު ޓީޗަރެއް ގެނެސްގެން 1980ގެ ތެރޭގައި ހިންގެވި ކްލާސްތައް ވަރަށް ކާމިޔާބެވެ. މިފަދަ ކަންކަން ޒާހިރު ތައާރަފުކުރައްވަމުން ގެންދެވީ މުޅި ރާއްޖެ އަށް ދަތުރުކުރައްވައި އާއްމުންގެ ހިޔާލު ހޯއްދަވައިގެންނެވެ. އެކަމަށްޓަކައި 1985 ވަނަ އަހަރު މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ބޭއްވި ޒާހިރު އިސްކޮށް ހުންނަވައި ބޭއްވެވި ކޮންފަރެންސަކީ 10 އަހަރުގެ ތައުލީމީ ޕްލޭން ހެދުމަށާއި ތައުލީމީ ގާނޫނު ހެދުމަށް މުހިއްމު ބައްދަލުވުމަކަށްވި އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ގޮތުގައި 1990 ގެ ނިޔަލަށް ޒާހިރު ހޭދަކުރެއްވި 11 އަހަރެއްހާ ދުވަހަކީ ރާއްޖޭގެ ތައުލީމަށް އިންގިލާބީ ބަދަލުތަކެއް އައި އަހަރުތަކެވެ. އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމާއި އާއްމުން ހޭލުންތެރިކުރުވުމަށް ބެލިކަމުގައި ވިޔަސް އެއީ ރާއްޖޭގެ ތައުލީމުގެ ރަން ޒަމާނެކެވެ.
ޒާހިރުގެ މުހިއްމުކަން ސަރުކާރުގެ އެހެން ދާއިރާތަކަށް ބޭނުންވާތީ، އެހެން ދާއިރާތަކުގެ މިނިސްޓަރުކަން ކުރެއްވި ނަމަވެސް، އެ މަނިކުފާނުގެ ހިތް އޮތީ ތައުލީމީ ދާއިރާގަ އެވެ. ބުރަ ދިރިއުޅުއްވުމުގެ ތެރެއިން ވެސް ހުސް އަހަރުތަކެއް ހޯއްދަވައި 2001 ވަނަ އަހަރު މެލޭޝިއާ އިން ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރެއްވި އެވެ. ސަރުކާރުން ރަސްމީކޮށް ރިޓަޔާ ކުރެއްވި ފަހުން ވެސް، ތައުލީމީ ދާއިރާގެ ކޮންމެ ގޮވާލެއްވުމަކަށް އުފަލާ އެކު އިޖާބަދެއްވި އެވެ. އެހެންވެ، ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ވަނީ ކުރައްވައިފަ އެވެ. މިހާރު އެ މަނިކުފާނަކީ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރެވެ.
ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ 2008 ވަނަ އަހަރު ސަރުކާރުން ވަނީ ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ޒާހިރަށް އަރުވައިފަ އެވެ. އެކަމަކު 32 އަހަރަށް ވުރެ ގިނަ ދުވަހު ޒާހިރު ތައުލީމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް އެއީ ވަކިން ފާހަގަކުރަން ޖެހޭހާ ބޮޑު ހިދުމަތެކެވެ. އެއީ ތާރީހުގެ ތެރެއިން ފޮހެވިގެންދާން ދޫކޮށްލެވޭ ވަރަށް ވުރެ، އޭގެ ބުރަދަން ބޮޑު ހިދުމަތްތަކެއް ވެސް މެ އެވެ. ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ރޭ ޒާހިރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުވުމަކީ އެކަމުގެ ހެއްކެކެވެ.
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން 200 މިލިއަން
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު