Roadha Mihaaru

މީޑިއާ ކޮމިޝަންގެ ބިލުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ދައުރު ނިގުޅައިގަނެވޭ: އައިއެފްޖޭ

މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އޮތްގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ނޫސްވެރިންނަށް ލިބިފައިވާ ފުރުސަތު ގެއްލިގެންދާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ބުނެފި އެވެ.

މީޑިއާ ކޮމިޝަންގެ ބިލާ މެދު އައިއެފްޖޭގެ ކަންބޮޑުވުން
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 ނޮވެމްބަރ 2024

މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އޮތްގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ނޫސްވެރިންނަށް ލިބިފައިވާ ފުރުސަތު ގެއްލިގެންދާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ބުނެފި އެވެ.

އައިއެފްޖޭއާއި ރާއްޖޭގައި އެ ޔުނިއަން ތަމްސީލުކުރާ ޖަމިއްޔާ ކަމަށްވާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިއަދު ބުނީ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ މީޑިއާގެ މިނިވަން ކަމަށާއި މީޑިއާ ރެގިއުލޭޝަނަށް އޮތް ބިރެއް ކަމަށެވެ.

އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި ހުށަހަޅާފައިވާ މި ބިލުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އޮންނަ ނޫސްވެރިންގެ މުހިންމު ދައުރު ނިގުޅައިގަތުމަށް މަގުފަހިވެގެން ދާނެ ކަމަށް އައިއެފްޖޭއިން ބުނެފައިވެ އެވެ. އަދި ޑިމޮކްރަސީ އާއި މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެ ބިލް އިސްލާހު ކުރުމަށް މީޑިއާގެ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކާއެކު އަވަސް މަޝްވަރާތައް ފެށުމަށް އައިއެފްޖޭއިން ވަނީ ގޮވާލައިފަ އެެވެ.

އެމްޖޭއޭއިން ބުނީ މީޑިއާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިން ޖަވާބުދާރީ ކުރުވުން ހިމެނޭތީ މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ހައްގު އޮންނަން ޖެހޭނީ އިތުރު އެއްވެސް ބައެއްގެ ނުފޫޒެއް ނެތި، މީޑިއާތަކުން އެކަން ކުރެވޭނެ ގޮތެއްގައި ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުގެ ނުފޫޒު މީޑިއާއަށް ކުރިމަތިވެ ރާއްޖޭގެ ބައެއް މީޑިއާތައް ބަންދު ކުރަންޖެހުނުކަން ފާހަގަކޮށް، މި ޖޮއިންޓް ސްޓޭޓްމެންޓުގައި ވަނީ އެ ބިލް ފާސްކޮށްފިނަމަ މީޑިއާގެ މިނިވަންކަން ގެއްލި މީގެ އެތައް އަހަރެއް ކުރީގެ ހާލަތަށް ގޮސްދާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ގޮތުން ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވައިފަ އެވެ.

ބިލްގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.

މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.

އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.