Roadha Mihaaru

އިންޓަނޭޝަނަލް ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ހަދަން ބްރިޖު ޕްލެޓްފޯމް ރޫޅާލަނީ

އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ބްރިޖު ޕްލެޓްފޯމު އަލުން ހަދަން، އެ ތަން ރޫޅާލަން ފަށައިފި އެވެ.

ބްރިޖް ޕްލެޓްފޯމް ރޫޅާލައި ސާފިން ސްޓޭޑިއަމެއް ހަދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 ނޮވެމްބަރ 2024

އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ބްރިޖު ޕްލެޓްފޯމު އަލުން ހަދަން، އެ ތަން ރޫޅާލަން ފަށައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީކުރަނީ ހޮންގް ކޮންގުގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޭޕްރީލް މަހު މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް، މަސައްކަތް ހަވާލުކުރި އަގެއް ނޭނގެ އެވެ.

ސިނަމާލެ ބްރިޖު ބަލަން ހެދި ޕްލެޓްފޯމް ރޫޅާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސިނަމާލެ ބްރިޖު ބަލަން ހެދި ޕްލެޓްފޯމް ރޫޅާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިންޓަނޭޝަނަލް ސާފިން ސްޓޭޑިއަމް އަޅަން ބްރިޖު ފްލެޓުފޯމު ރޫޅާލުމުގެ މަސައްކަތް ފަށައި، އެ ތަން ހިޔާ ކޮށްފައި ހުރި ޓިނުތަކާއި ސިޑިބަރިތައް މިހާރު ވަނީ ނަގައިފަ އެވެ. އެކަމަކު، ފްލެޓުފޯމްގެ އަމަލީ މަސައްކަތް ފަށައި ނިންމަން ދިން މުއްދަތެއް އަދި ސާފެއް ނުވެ އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކުރިން ވިދާޅުވީ ބޮޑީބޯޑިން އާއި ސާފިން ސްޓޭޑިއަމެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.

ރާއްޖޭގައި މި ފަހުން ވަނީ ސާފިން އަދި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރަތްތަކެއް ބާއްވައިފަ އެވެ. އޭގެ ތެރެއިން، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި "ވިޒިޓް މޯލްޑިވްސް ޕްރޯ" ފުރަތަމަ ފަހަރަށް ހިމަނައިގެން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ އައިބީސީގެ ޓުއާ ކަލަންޑަރުގައި ވެސް ވިޒިޓް މޯލްޑިވްސް ޕްރޯ ހިމެނުނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބެލުމަށް ލޮނުޒިޔާރަތްކޮޅުގައި ހެދި ޕްލެޓްފޯމަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އޭގެ ހުރިހާ ހޭދައެއް ކޮށްފައިވަނީ ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާއިންނެވެ. އޭގެ ބަދަލުގައި، ރެސްޓޯރެންޓެއް ހެދުމަށް ވެސް އޭރު ދިނެވެ.