Roadha Mihaaru

ޝަކުވާ ބޮޑުވެ، މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ

ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަ ކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ އަށް ހޮވުނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ތުހުމަތު ކުރެވުމުން، އަލުން ޑިޒައިންތައް ރިވިއު ކުރަން އެޗްޑީސީން ނިންމައިފި އެވެ.

މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2024

ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަ ކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ އަށް ހޮވުނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ތުހުމަތު ކުރެވުމުން، އަލުން ޑިޒައިންތައް ރިވިއު ކުރަން އެޗްޑީސީން ނިންމައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ އެޗްޑީސީން ހުޅުވާލީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށެވެ. އެ މުބާރާތުގެ ތީމަކީ "ދިވެހިންގެ ރާއްޖެ" އެވެ.

އެ މުބާރާތުގައި އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ވެސް އެޗްޑީސީން ހުށަހެޅި އެވެ.

އެކަމަކު އިއްޔެ މުބާރާތުން ހޮވުނު ފަރާތުގެ ޑިޒައިން އިއުލާން ކުރުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔައީ އެއީ އޭއައި ޖެނެރޭޓެޑް ޑިޒައިނެއް ކަމަށް ތުހުމަތުކޮށެވެ. އަދި މިއީ ބުރަ މަސައްކަތް ކުރި ޑިޒައިނަރުންނަށް ލިބުނު ބޭ އިންސާފެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ހަމަވިއިރު، ޖުމްލަ ހަތް ފަރާތަކުން ޑިޒައިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށް އެޗްޑީސީން ބުންޏެވެ.

"ނަމަވެސް ދެންނެވުނު މުބާރާތުގެ އެއް ވަނައަށް ދިޔަ މޮނިއުމެންޓް ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ." އެ އިއުލާނުގައިވެ އެވެ.

އެޗްޑީސީން ބުނީ އެ މުބާރާތުގެ މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމަށެވެ. އަދި އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެ ކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށާއި އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނީގެ ހުރިހާ މަސައްކަތަކީ ވެސް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާ މަސައްކަތްތަކަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އިއުލާނުގައިވެ އެވެ.