Roadha Mihaaru

ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި

ހދ. ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރަށް ބޭނުންވާ އެކި ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.

ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

28 ނޮވެމްބަރ 2024

ހދ. ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރަށް ބޭނުންވާ އެކި ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.

އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމްގެ ދަށުން، ނޮލެޖް ސެންޓަރަށް ކޮމްޕިޓަރު ސިސްޓަމާއި ވީޑިއޯ ކޮންފަރެންސް ޑިވައިސް އާއި އެކި ވައްތަރުގެ ފޮތްތައް ވަނީ ހަދިޔާކޮށްފަ އެވެ. މިއީ ފަސޭހައިން ޓެކްނޮލަޖީގެ ވަސީލަތްތައް ލިބޭނެ މަގު ފަހިކޮށްދީ، ޑިޖިޓަލް ލިޓްރަސީ އިތުރުކޮށް އަދި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރި ތަކެތި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ އެ ކުންފުނިން ހަދިޔާކުރި ޑިޖިޓަލް ވަސީލަތްތަކާއި ފޮތްތަކުގެ އެހީގައި ފޮތް ކިއުމަށް ލޯބިކުރާ މުޖުތަމައުއެއް ބިނާވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިރާގުން ނޮލެޖް ސެންޓަރަށް ފޯރުކޮށްދިން ވަސީލަތްތަކުގެ އިތުރުން އެ ތަނުގައި 100 ގަސް ވެސް ވަނީ އިންދައިފަ އެވެ. މިއީ އެ ތަނަކީ ތިމާވެށްޓާއި ރަށްޓެހި އަދި ފެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރި މަސައްކަތެކެވެ.

ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރުގައި ޕަބްލިކް ލައިބްރަރީއަކާއި ވެލްނަސް ސެންޓަރެއް ހުރެ އެވެ. މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލުން އެ ރަށުގައި ހުޅުވާފައިވާ ތަނެކެވެ.

ދިރާގުން ދަނީ ރާއްޖޭގެ ކޮމިއުނިޓީތައް ބާރުވެރި ކުރުވުމަށް މި ފަދަ އެކި ތަންތަނަށް އެހީތެރިވަމުންނެވެ.