Roadha Mihaaru

ނިސްޓެލްރޫއީ އަށް ފުރިހަމަ މަރުހަބާއެއް، ލޮޕެޓެގީގެ ވަގުތު ހަމަވަނީ

ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް ލެސްޓާ ސިޓީން އެ ޓީމުގެ އާ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 ޑިސެމްބަރ 2024

ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް ލެސްޓާ ސިޓީން އެ ޓީމުގެ އާ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ލެސްޓާއިން މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ. ނިސްޓެލްރޫއީގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކުޅުނު ފުރަތަމަ މެޗު ފެށިގެން 92 ވަނަ ސިކުންތުގައި ޖެމީ ވާޑީ، އެ ޓީމަށް ލީޑް ނަގައިދިނެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ބިލާލް އެލް ހަނޫސް އާއި ޕަޓްސަން ޑަކާ އެވެ. މެޗުގެ ފަހު ވަގުތުގައި ވެސްޓް ހޭމްގެ ލަނޑު ޖެހީ ނިކްލަސް ފުލްކްރުގެވެ.

ވެސްޓްހޭމް މެޗުން ބަލިވުމުން، އެ ޓީމުގެ ކޯޗު ހޫލިއަން ލޮޕެޓެގީ އަށް މަގާމު ގެއްލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މި ސީޒަނުގައި އެ ޓީމުގެ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާގެ މަގާމު ބަދަލުކުރުމާ މެދު ވެސްޓްހޭމްގެ މެނޭޖްމެންޓުން ވިސްނަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ލީގުގައި އެ ޓީމުން މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެވުނީ ތިން މެޗުންނެވެ. ހަތް މެޗުން އެ ޓީމު ބަލިވި އެވެ. މި ސީޒަނުގައި ވެސްޓްހޭމްއާ ހަވާލުވި ލޮޕެޓެގީ އަށް، މިހާރު މަގާމުގެ ކަށަވަރުކަމެއް ނެތް ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ. އެކަމަކު އާއްމު ގޮތެއްގައި ވެސްޓްހޭމް އަކީ ސީޒަނުގެ މެދުތެރެއިން ކޯޗުން ބަދަލު ކުރާ ކްލަބެއް ނޫނެވެ.

ސީޒަނުގެ މެދުތެރެއިން ލެސްޓާއިން ކޯޗު ބަދަލު ކުރީ ރެލިގޭޝަން ޒޯނަށް އެ ޓީމު ފުރޮޅާލާނެ ކަމުގެ ބިރު ހީވުމުންނެވެ. މި ސީޒަނުގައި އަލުން ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުގެ ކޯޗުކަމަށް އެ ޓީމުން ހަމަޖެއްސި ސްޓީވް ކޫޕާ އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަން ލެސްޓާ އަށް ކާމިޔާބުކޮށް ދިން އެންޒޯ މަރެސްކާ ޗެލްސީއާ ހަވާލުވުމުން، މަގާމަށް ހަމަޖެއްސި ކޫޕާ އަށް މަރެސްކާގެ މަސައްކަތް ދެމެހެއްޓޭ ގޮތެއް ނުވި އެވެ.

ނިސްޓެލްރޫއީ ލެސްޓާގެ ކޯޗުކަމާ ހަވާލުވީ މަރެސްކާއާ ވާހަކަ ދެއްކުމަށް ފަހު އޭނާގެ ކައިރިން ކްލަބްގެ ކަންކަން އޮޅުންފިލުވައި މައުލޫމާތު ސާފުކޮށްގެންނެވެ. ރޭގެ މެޗުގައި، އޭނާ ފޯމޭޝަން އަތުރާލީ 4-4-2 ގެ ސިސްޓަމަށެވެ. ހަމަލާ އުފައްދަން ކުރިއަށް އަރާ ވަގުތު 3-4-3 ގެ ސިސްޓަމަށް ބަދަލު ކުރެ އެވެ.

"އެއީ އެންޒޯ [މަރެސްކާ] މި ތަނަށް [ލެސްޓާ އަށް] އައިސް ތަރައްގީކޮށް ދެމެހެއްޓި ސްޓައިލެއް. ޗެމްޕިއަންޝިޕްގައި އެގޮތަށް ކުޅެ ބޯޅަ ޑޮމިނޭޓް ކުރީ. މި ތަނަށް އައިރު އަހަންނަށް އެކަންވީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް،" ނިސްޓެލްރޫއީ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ރުބެން އަމޯރިމް ހަވާލުވުމުގެ ކުރިން އެ ޓީމުގެ ވަގުތީ ކޯޗުކަން ކުރި ނިސްޓެލްރޫއީ ޔުނައިޓެޑާ ވަނީ ލީގުގެ ތިން މެޗުގައި އެ ޓީމަށް އިރުޝާދު ދީފަ އެވެ. ޕްރިމިއާ ލީގުގައި އޭނާ ކޯޗުކޮށް ދިން ހަތަރު މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. ރޭގެ މޮޅާ އެކު ލެސްޓާ ވަނީ 15 ވަނަ އަށް ޖެހިލައިފަ އެވެ.