Roadha Mihaaru
ބިން ގަތުމަށް 32 މީހަކު ފައިސާ ދައްކައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކި ބިންތަކަށް 32 މީހަކު ފައިސާ ދައްކައިފި

07 މާޗް 2017

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި ބިންތަކަށް 32 މީހަކު ފައިސާ ދައްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި ބިންތަކަށް 32 މީހަކު ފައިސާ ދައްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފައިސާ ދައްކާފައި ވަނީ އެއްފަހަރާ ފައިސާ ދައްކަން ބިޑްކުރި 30 މީހުންގެ ތެރެއިން 28 މީހަކާއި ބޭންކު މެދުވެރިކޮށް ފައިސާ ދެއްކުމަށް ހުށަހެޅި ހަ މީހުންގެ ތެރެއިން ހަތަރު މީހެއް ކަމަށެވެ. އެ ފިޔަވަހިން ވިއްކި ބިންތަކަށް ލިބުނު ފައިސާގެ ޖުމްލަ އަދަދެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.

"ބޭންކު މެދުވެރިކޮށް ފައިސާ ދައްކަން ހުށަހެޅި މީހުންގެ ތެރެއިން މުއްދަތު ހަމަވިއިރު، ފައިސާ ނުދެއްކުނު މީހުންގެ އަތުން 300،000ރ. ވަނީ ގެއްލިފައި. އަޅުގަނޑުމެން ލަފާކުރި މިންވަރަށް ވުރެ ބޮޑު ތަރުހީބެއް މިފަހަރު ލިބުނު،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބޭންކު މެދުވެރިކޮށް ފައިސާ ދައްކަން ހުށަހެޅި މީހުން 300،000ރ.ގެ ބޭންކް ގެރެންޓީއެއް އެޗްޑީސީއަށް ހުށަހެޅި އެވެ. އަދި ބިމަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކިއްޖެ ނަމަ އެ ގެރެންޓީ އަނބުރާ ނުދޭ ގޮތަށް އެޗްޑީސީން އޮތީ ހަމަޖައްސައިފި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިންތަކަށް ފައިސާ ދެއްކި ފަރާތްތަކަށް އެތަނުގެ އަމަލީ މަސައްކަތް މިހާރު ފެށޭނެ އެވެ.

ބިން ވިއްކުމަށް އެޗްޑީސީން ހުޅުވައިލި ފުރުސަތު މިދިޔަ މަހުގެ ހަވަނަ ދުވަހު ހަމަވިއިރު، ދެވަނަ ފިޔަވަހީގެ 92 ބިމަކަށް 102 ފަރާތަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރެއިން 30 މީހަކު އެއްފަހަރާ ފައިސާ ދައްކަން ހުށަހެޅި އެވެ. ގިނައީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަން ބިޑް ހުށަހެޅި މީހުންގެ ތެރެއިން ބިޑް ކާމިޔާބުކުރީ 42 މީހެކެވެ. އޭގެ ތެރޭގައި އެއް ފަހަރާ އަގު އަދާކުރާ ގޮތަށް ހުށަހެޅި 30 މީހުންގެ އިތުރުން ބޭންކު މެދުވެރިކޮށް ފައިނޭންސް ކުރާ ގޮތަށް ހުށަހެޅި 12 މީހަކު ވެސް ހިމެނެ އެވެ. އެއް ފަހަރާ އަގު އަދާކުރާ މީހުންނަށް ދިނީ އެ ދުވަހުން ފެށިގެން 15 ދުވަހެވެ. އަދި ބޭންކު މެދުވެރިކޮށް ފައިނޭންސް ކުރާ މީހުން ތިން ދުވަހުގެ ތެރޭގައި އިކުއިޒިޝަން ފީ އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.

ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި ބިންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ގަންނަން ހުށަހެޅީ 2،000 އަކަފޫޓުގެ ބިމަށެވެ. ނަމަވެސް 6،000 އަކަފޫޓަށާއި 4،000 އަކަފޫޓު އަދި 3،000 އަކަފޫޓަށް ވެސް ބައެއް ފަރާތްތަކުން ބިޑް ހުށަހެޅި އެވެ. އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ބީލަން ފެށޭ އަގު އަކަފޫޓަކަށް 3،000ރ. ގެ ރޭޓުންނެވެ. އެންމެ މަތީ އަގެއް ހުށަހެޅީ ހުސެއިން އިރުފާން ކިޔާ ވިޔަފާރިވެރިއެކެވެ. އޭނާ ހުށަހެޅީ އަކަފޫޓަކަށް 6،786ރ. އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ އިން ހުޅުވާލީ މިދިޔަ ޖެނުއަރީމަހުގެ ފަސްވަނަ ދުވަހުގަ އެވެ. ދެވަނަ ފިޔަވަހިން މި ފަހަރު ވިއްކީ 101،954.33 އަކަފޫޓުގެ ބިމެވެ. އެތަނުން ބިން ވިއްކާފައި ވަނީ އަތިރިމައްޗަށް ވާ ގޮތަށާއި އަތިރިމައްޗާ ކައިރިންނެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ގިނަވެގެން ކުރިމަތިލެވެނީ އެއް ބިމެވެ. އަދި ގަންނަން ހުށަހެޅޭނީ 2،000 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ ބިމެވެ. އެތަނުން މި ފަހަރު ބިން ވިއްކީ އަކަފޫޓެއް 3،000ރ. ގެ ރޭޓުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 76 ބިން ވިއްކަން މިދިޔަ އޮގަސްޓްމަހު ވެސް ހުޅުވައިލި އެވެ. ނަމަވެސް ބިން ވިއްކުން މަޑުޖައްސާލީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުންތަކުންނާއި އެހެނިހެން ގޮތްގޮތުން އެ ފަރާތްތަކުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބެލުމަށް ފަހު ބިން ވިއްކުމުގެ އުސޫލަށް މުހިއްމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފެނިގެން ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން މި ފަހަރު ވިއްކަން ހުޅުވާލީ ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ 76 ބިމެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗު ސައިޑުން ވިއްކާ 38 ޕްލޮޓެވެ.