Roadha Mihaaru
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި

25 ޖޫން 2024

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެޗްޑީސީން އެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެ އަށް ފަހު، އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން ކަމަށް އެޗްޑީސީން ބުންޏެވެ.

މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާ އެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔައްސަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ކުރަނީ.---ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ތިން ވަނަ ފިޔައްސަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ކުރަނީ.---ފޮޓޯ: އެޗްޑީސީ

ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށި އިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންވެ، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާ ވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

އެޗްޑީސީން ސީއެމްސީ އަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ. މަޝްރޫއުގެ ޖުމްލަ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކާ 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އެޗްޑީސީން ކުރިން ބުނެފައި ވެ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. މާލޭގެ ރައްޔިތުންނަށް 9،000 ގޯތި ދޫކުރަން ނިންމާފައިވާ އިރު ހުޅުމާލެ އިން އެކަނި 1،000 ގޯތި ދޭން ވަނީ ކަނޑައަޅައިފަ އެވެ.